Advertisement

ޓީޗަރުން ނަފްސާނީވީ ދިރާސީ އަހަރު ކުރުގަޅުވާލައި އަބަދު މަސައްކަތުގައި އުޅުމަށް މަޖުބޫރު ކުރުމުން: އެމްޑީޕީ

21 މާރިޗު 2024 - 20:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގެ ރިޔާސަތުގައި އެ ޕާޓީގެ ޗެއާ ޕާސަން، ފައްޔާޒް އިސްމާއިލްއާއި ޑެޕިއުޓީ ޗެއާ ޕާސަން އިބްރަހިމް ވަހީދު -- ފޮޓޯ: އަދަދު


ޓީޗަރުން ނަފްސާނީވީ ދިރާސީ އަހަރު ކުރުގަޅުވާލައި އަބަދު މަސައްކަތުގައި އުޅުމަށް މަޖުބޫރު ކުރުމުން: އެމްޑީޕީ

21 މާރިޗު 2024 - 20:50 0

ޓިީޗަރުން ނަފްސާނީވެ އެމީހުންގެ އާއިލީ ގުޅުންތަކަށް އަސަރު ކުރީ ދިރާސީ އަހަރު ކުރު ގަޅުވާލައި އަބަދު މަސައްކަތުގައި އުޅުމަށް މި ސަރުކާރުން މަޖުބޫރު ކުރުމުން ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިތުރު ހަރަކާތްތައް ހުއްޓާލަން ޖެހުނީ ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރަން ކަމަށް ޝަފީއު ވިދާޅުވި ނަމަވެސް ހަގީގަތުގައި އިތުރު ހަރަކާތްތައް ހުއްޓާލަން ޖެހުނީ ދިރާސީ އަހަރު ކުރުގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުން ކަމަށެވެ.

"ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހި ކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށޭ ބުނެ ހުއްޓާލާ، ދިރާސީ އަހަރު ކުރުގަޅުވާލާ ހަފްތާ ބަންދެއް ރޭނގަޑެއް ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާތައް ޓީޗަރުން ދަނީ ކުރަމުން," އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޓީޗަރުންނާ ދޭތެރޭ ވިސްނާ ބައެއް ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެކަން ގައިމެވެ."

މިނިސްޓަރު ޝަފީއުއަށް ވަރުގަދަ ރައްދެއް އެމްޑީޕީން ދީފައި މިވަނީ ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިން ރާވާފައި އޮތީ މާ ހަރުދަނާ ނިޒާމެއްގެ ދަށުން ނޫން ކަމަށާއި އިތުރު ހަރަކާތްތައް މީގެ ކުރިން ހިންގަމުން ގެންގޮސްފައި ވަނީ ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުބަލައި ކަމަށް ދޭހަވާފަދަ ގޮތަކަށް މަޖިލީހުގައި ޝަފީއު ވާހަކަދެއްކެވުމާ ގުޅިގެންނެވެ.

މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު، ޝަފީއު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އެޑިއުކޭޝަން މިނިސްޓަރީން 140 އަށްވުރެ ގިނަ ކުޅިވަރު މުބާރާތްތައް ރާވައި ހިންގަމުން ގެންދިޔަ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން ކުޅިވަރު ކުޅެން ޖެހޭނެ, ކަސްރަތު ކުރަންޖެހޭނެ, ކޮމްޕެޓިޝަންތައް ބާއްވަން ޖެހޭނެ, އެހެން ނަމަވެސް އެއީ ޓީޗަރަކަށް ހުކުރެއް ހޮނިހިރެއް, ރޭގަނޑެއް ދުވަލެއް ނެތް ގޮތަކަށް ނޫން އެކަން އޮންނަން ވާނީކީ އެއް," މިނިސްޓަރު ޝަފީއު އެދުވަހު ވިދާޅުވި އެވެ.

ޓީޗަރުންނަކީ ވެސް ވަޒީފާގެ ހައްގުތަކެއް އޮންނަ, އާއިލާއެއް ބަލަހައްޓަން ޖެހޭ އަދި ސައިކޮލޮޖިކަލީ ވަރަށް ޑިމާންޑިން ވަޒީފާއެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ އެކަޑަމިކް ކަލަންޑަރަށް ބަދަލު ނުގެނައި ނަމަވެސް, މުބާރާތްތައް އެއްކޮށްލައިގެން ނުވަތަ އިންތިޒާމުކޮށްލައިގެން ވިޔަސް ޓީޗަރުންގެ ދުޅަހެޔޮކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.

އެ ވާހަކަތަކަށް ފާޑުކިޔައި އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވަނީ އެއްވެސް މަޝްވަރާއެއް، ރޭވުމެއް ނެތި ދަރިވަރުންނަށް ކޮށްފާނެ އަސަރަކަށް ނުބަލައި ސަރުކާރުން ނިންމާ ނިންމުންތަކުގެ ސަބަބުން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

އަދި ދަރިވަރުންނާ ގުޅޭ އެބާވަތުގެ ކަންކަން ނިންމުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.