Advertisement

ދަރިވަރުންނާއި ޓީޗަރުން ޕްރެޝަރަށް ވައްޓާލީ މި ސަރުކާރުގެ ނާގާބިލުކަމުން: އެމްޑީޕީ

23 މާރިޗު 2024 - 12:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ދަރިވަރުންނާއި ޓީޗަރުން ޕްރެޝަރަށް ވައްޓާލީ މި ސަރުކާރުގެ ނާގާބިލުކަމުން: އެމްޑީޕީ

23 މާރިޗު 2024 - 12:37 0

ކުރިން އެންގުމަކާނުލައި އިމްތިހާނުތައް އޮންނަ ދުވަހަށް ކުއްލި ބަދަލުތަކެއް ގެނެސް ދަރިވަރުންނާއި ޓީޗަރުން ޕްރެޝަރަށް ވައްޓާލީ މި ސަރުކާރުގެ ވެރިންގެ ނާގާބިިލުކަމުން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ދެއްކެވި ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުއްލި ގޮތަކަށް އިމްތިހާނުތައް ބާއްވަން އޮތް ތާރީހަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުން ދަރިވަރުންނަށް ކުއްލި ޝޮކެއް ލިބިފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ދެން ކުރަންޖެހުނު ކަންކަމުގެ ޒިންމާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ބޮލުގައި އެޅުވުމަށް މިނިސްޓަރު ޝަފީއު ހެއްދެވީ ދޮގު ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އަދި އެކަން އެމްޑީޕީން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަވަސް އަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އަޅުވައިފާ، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތައުލީމީ ނިޒާމަށް ދަނީ ކުރަމުން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގުރޭޑު ހަތެއް، އަށެއް އަދި ނުވައެއްގެ ދެވަނަ ސެމިސްޓާގެ އިމްތިހާނު ބާއްވަން އެންމެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރީން ނިންމީ މާޗު 16، އިން އޭޕްރިލް 27، އަށެވެ. ނަމަވެސް އިމްތިހާނު ބާއްވާ ދުވަސް ފަސްކުރަން އެޑިއުކޭޝަނުން ނިންމީ ރޯދަމަހެއްގައި އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހަށްފަހު އެވެ. މި އަހަރުގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަނުން މިހާރު ނިންމާފައި ވަނީ އަންނަ އޭޕްރިލް 21، ގަ އެވެ.

އެ ބަދަލާ ގުޅިގެން އެޑިއުކޭޝަނުން ވަނީ އެ ގުރޭޑުތަކުގެ ދެވަނަ ސެމިސްޓާގެ އިމްތިހާނު މާޗު 27، އިން ފެށިގެން އޭޕްރިލް 25 އާ ދެމެދު ރަސްމީ ދުވަސްތަކުގައި ބޭއްވުމަށް ސްކޫލްތަކަށް އަންގައިފަ އެވެ.

އެމްޑީޕީން ބުނީ ރޯދަމަހުގެ ފަހަށް އިންތިހާބުގެ ތާރީހު ބަދަލު ކުރުމުގެ ކުރިން ވެސް އެޑިއުކޭޝަނުން އިމްތިހާނު ބާއްވަން ކަނޑައަޅާފައި އޮތް ތާރީހުގެ ސަބަބުން ޓެސްޓުތައް ނިމި ޕޭޕަރުތައް މާކުކޮށް ރިޕޯޓު ފޮތް ތައްޔާރު ކުރަން ޓިޗަރުންނަށް ލިބެނީ އެންމެ ތިން ދުވަސް ކަމަށެވެ. އެކަމާ ގުޅިގެން ޓީޗަރުން ޝަކުވާ ކުރަމުންދިޔަކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެގޮތަށް ކަން ކުރުމުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށްފަހު އިމްތިހާނުތައް ފެށުމުގެ ކުރިން ކިޔަވައިދޭން ލިބޭނީ އެންމެ ދެ ދުވަސް ކަމަށެވެ.

އެގޮތަށް ދިރާސީ ކަލަންޑަރު މި ސަރުކާރުން ހެދިއިރު، އެސްއެސްސީ އިމްތިހާނު އޭޕްރިލް 25، ގައި ފެށޭކަން އެޑިއުކޭޝަނުގެ ވެރިންނަށް އެނގިފައި ނުވާކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައިވެ އެވެ.

އިމްތިހާނުތައް ބާއްވަން އެޑިއުކޭޝަނުން މިހާރު ކަނޑައަޅާފައި އޮތް ތާރީހަށް އިމްތިހާނުތައް ތާވަލު ކުރީ އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން ގުރޭޑު ހަތެއް، އަށެއް އަދި ނުވައެއްގެ ދަރިވަރުންގެ އިމްތިހާނުތައް ނިންމަންޖެހޭނެކަން ރޭކާލުމުން އެކަން އެގޮތަށް ކުރުމުގެ މަގުސަދުގައި ކަމަށާއި އެއީ ދެއުޅި އެއްނުވާ ނިންމުމެއް ކަމަށް އެމްޑީޕީން ވަނީ ސިފަކޮށްފަ އެވެ.

އޭގެ އިތުރުން ދިރާސީ އަހަރު ފެށޭ ތާރީހު ބަދަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި މިއަހަރުގެ ދިރާސީ ކަލަންޑަރު ކުރުގަޅުވާލައި، އެކުލަވައިލިއިރު ވެސް ރޯދަމަސް ނޫން މަހެއްގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އެމްޑީޕީން ދިޔައީ ވަކާލާތު ކުރަމުން ކަމަށާއި ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާއި މަޖިލިސް އިންތިހާބު ފަސްކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއްނުފެނެއެވެ. މިހާތަނަށްވެސް ކޮންމެ 5 އަހަރަކުން އެއް ފަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުންނެވެ. މީގެ ކުރިން ދަރިވަރުންނަށް މިފަދަ ގެއްލުމެއް ދީފައެއް ނުވޭ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.