Advertisement

އަނަސްގެ މަރު: ކުށް ސާބިތު ނުވި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި

21 މާރިޗު 2024 - 11:33 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް: މަރުގެ ތުހުމަތު އޮތް މީހުން ސަލާމަތްވި ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާ ކަން ޕީޖީން ބުނެފި


އަނަސްގެ މަރު: ކުށް ސާބިތު ނުވި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި

21 މާރިޗު 2024 - 11:33 0

މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން، ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު ރ. މީދޫ، ފެންފިޔާޒުގޭ, މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.

މި ތުހުމަތު އޮތް ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ފެބްރުއަރީ 25، ގަ އެވެ. ޖެހިގެން އައި ދުވަހު، ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށާއި ގޮތެއް ނިންމޭނީ ފަހުން ކަމަށެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި އެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރަން އެ އޮފީހުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އިސްތިއުނާފު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޕީލް ކުރަން ނިންމައިފަވީ، މިހާރު އެޕީލް ތައްޔާރު ކުރަމުން ދަނީ،" މި ނޫހުން ސުވާލުކުރުމުން ޝަފީއު ފޮނުވި މެސެޖެއްގައިވެ އެވެ.

ޖުލައި 31، 2017 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ، އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނާއި މަރާލުމުގެ ދައުވާ އުފުލި ތިން މީހެއްގެ މައްސަލަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ, ވެސްޓަންވިލާ, ހަސަން މަހްފޫޒާއި، ތ. ކިނބިދޫ, ގުލްފާމުގޭ, މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.

ހަމަލާ ދިން މީހުންގެ މޫނު ފާހަގަވާން ނެތް އިރު، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ދިން މީހުނަށް ވެސް މޫނު ފާހަގަކޮށްދެވިފައެއް ނުވެ އެވެ.

އަނަސް މަރާލީ މާލޭގައި ހިންގާ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އެ މަންޒަރުގެ ވީޑިއޯ ކުރިން އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި، ވަޅި ހިފައިގެން ތިން ގްރޫޕެއް އައުމުން މަގުމަތީގައި ހުރި އަނަސް ދުވެފައި ބިރުން ވަންނަނީ ގަރާޖަށެވެ.

ގޭންގު މެންބަރުން އައިސް ގަރާޖު ތެރެއަށް ވަދެ ފަހަރަކު މީހަކު އަނަސް ގަޔަށް ވަޅި ހަރަމުންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނުނެވެ.

އަނަސް މަރާލުމުގެ ދައުވާ ކުޑަކުއްޖެއްގެ މައްޗަށް ވެސް އުފުލި އެވެ. އޭނާގެ މައްސަލަ ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ. ދަށު ކޯޓުގައި ކުށް ސާބިތު ނުވާ ކަމަށް ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޯބަރު، 2022، ގަ އެވެ.