Advertisement

ވާގޮތް: އަމިއްލަ ފައިދާއަށް އެމެރިކާއިން ރާވާ ހިންގި ބަގާވާތްތައް

21 މާރިޗު 2024 - 09:14 4

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: އަމިއްލަ ފައިދާއަށް އެމެރިކާއިން ރާވާ ހިންގި ބަގާވާތްތައް

21 މާރިޗު 2024 - 09:14 4

ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި، ބަގާވާތްތަކަކީ ބާރުގަދަ ގައުމުތަކުން އެހެން ގައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ވަރުގަދަ ވަސީލަތެކެވެ. ގިނަ ފަހަރަށް އަމިއްލަ މަސްލަހަތަށްޓަކައި ސިއްރުވެރިކަމާއި ރޭވެންތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ، މި އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތާރީހުގެ ދަތުރު ބައްޓަންކޮށްފައިވެއެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުކަމުގައިވާ އެމެރިކާ އަކީ، ދުނިޔޭގެ މައިދާނުގައި އެގައުމުގެ އަމިއްލަ އެޖެންޑާ ކުރިއަށް ގެންދިއުމަށްޓަކައި ބަގާވާތްތައް އިންތިޒާމުކުރުމުގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ގައުމެކެވެ.

އެމެރިކާއިން މި ވަސީލަތް ބޭނުންކޮށްގެން އެގައުމުގެ މަސްލަހަތަށް ނުރަނގަޅު ކަމަށް ބެލެވޭ ލީޑަރުން ދުރުކޮށް، އެގައުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގިނަ އުކުޅުތަކެއް ބޭނުންކޮށްފައިވެއެވެ. އެމެރިކާ އިސްވެ އޮވެ ކުރި ކާމިޔާބު ބަގާވާތްތައް ގާތުން ބަލާއިރު ޖިއޮޕޮލިޓިކަލް ބާރު ހޯދުމާއި ދެމެހެއްޓުމުގެ ނިޔަތުގައި، އެހެން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އުސޫލެއް ހާމަވެގެންދެއެވެ.

ހަވާއީ

އަށާރަ ސަތޭކަ ނުވަދިހަ ތިނެއްގައި އެމެރިކާގެ ސަރަހައްދުގެ ތެރެއަށް، އޭރު ވަކި ގައުމެއްގެ ގޮތުގައި އޮތް ހަވާއީ ވެއްދިގެން ދިޔުމަކީ ވެސް، އެމެރިކާއިން އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ތަދައްހުލުމުގެ ހިތްދަތި މިސާލެކެވެ. އަމިއްލަ އިގްތިސޯދީ ފައިދާއާ، އަސްކަރީ ބާރަށްޓަކައި އިސްތިގްލާލެއްގައި ކޮޅުފައިން ޖަހަން އެގައުމުން ޖެހިލުންނުވާ ކަމުގެ ހެއްކެކެވެ. ހަވާއީގެ އުއްދަނޑި ދަނޑުތަކުގެ އިގްތިސޯދީ ގާބިލްކަމާއި އާއި ޕެސިފިކް ކަނޑުގެ އިސްތިރާޖީ ކަމަށް އެމެރިކާއިން ޝައުގުވެރިވި އެވެ. އެހެންކަމުން ހަވާއީ އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް އެމެރިކާގެ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން އެގައުމުގެ ރާނީ ލިލިއުއޮކަލާނީ ވެރިކަމުން ދުރުކުރުމަށް ރޭވި އެވެ. އަދި ހަވާއީގެ ރައްޔިތުންގެ މުޒާހަރާތަކާއި އިނގިރޭސިވިލާތާއި ޖަޕާން ހިމެނޭ ގޮތަށް ބޭރުގެ ބާރުތަކުގެ ޑިޕްލޮމެޓިކް އިއުތިރާޒުތަކާ އެކުވެސް، އެމެރިކާއިން 1898 ވަނަ އަހަރު އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ހަވާއީ ހިމެނި އެވެ.

ހަވާއީގެ ރާނީ


ސްޕެއިންގެ ކޮލޮނީތައް، ކިއުބާ، ޕުއެރްޓޯ ރީކޯ، އަދި ފިލިޕީންސް

ސްޕެއިންގެ ކޮލޮނީ ދަށަށް ދިއުމުގެ ތެރޭގައި އެމެރިކާއިން މަސައްކަތް ކުރީ ކިއުބާ، ޕުއެޓޯ ރީކޯ، އަދި ފިލިޕީންސް ފަދަ އިސްތިރާޖީ ސަރަހައްދުތަކުގެ މިނިވަންކަމުގެ ހަރަކާތްތައް ނާކާމިޔާބުކޮށްލުމަށެވެ. ދާހިލީ ހަމަނުޖެހުންތަކުގެ ބޭނުން ހިފައި، އަސްކަރީ ބާރު ބޭނުންކޮށްގެން އެމެރިކާއިން، އެ ގައުމަށް ތާއީދުކުރާ ލީޑަރުން "އިންސްޓޯލް" ކުރުމަށް ވަދެ، އެގައުމުގެ ނުފޫޒާއި އިގްތިސާދީ މަސްލަހަތު ވަރުގަދަ ކުރި އެވެ. މިނިވަންކަމުގެ ވައުދުތަކާ އެކުވެސް މި ސަރަހައްދުތައް ވެގެން ދިޔައީ އެމެރިކާގެ ކޮންޓްރޯލް ތައްގަނޑު ޖެހުނު އިތުރު ގައުމުތަކަކަށެވެ.

ހޮންޑޫރަސް

އެމެރިކާ އިސްވެ އޮވެ 1909 ވަނަ އަހަރު ހޮންޑޫރަސްގައި ހިންގި ބަގާވާތަކީ ވެސް ހާރިޖީ ސިޔާސަތުގެ އެޖެންޑާތައް ބައްޓަންކުރުމުގައި އިގްތިސާދީ މަސްލަހަތަށް އިސްކަންދޭވަރު ދައްކުވައިދޭ މިސާލެކެވެ. މިކަން ފެށުނީ އެމެރިކާގެ ވިޔަފާރިތައް ހާއްސަކޮށް ދޮންކެޔޮ ސިނާއަތް ރެގިއުލޭޓް ކުރުމާ ގުޅޭ ކަންބޮޑުވުންތަކާއި އެކުގަ އެވެ. މި ބަގާވާތް އަމާޒުވީ ހޮންޑޫރަސްގެ އިސްތިގުލާލު ކަށަވަރުކޮށް، ބޭރުގެ ނުފޫޒަށް ގޮންޖަހަން ކުރި މަސައްކަތުން އެމެރިކާގެ ކޯޕަރޭޓް މަސްލަހަތަށް ނުރައްކާ ކުރިމަތިކުރުވި ރައީސް މިގްއެލް ޑަވިލާ އެވެ. އެމެރިކާގެ ދޮންކެޔޮ ވިޔަފާރިވެރިޔާ ސެމިއުލް ޒެމޫރޭ އިސްކޮށް ހުރެގެން ކުރިއަށް ގެންދިޔަ މި ބަގާވާތް ފެށުނީ ސިއްރު އޮޕަރޭޝަނެއްގެ ގޮތުގަ އެވެ. ޒެމުރޭ ވަނީ ޑަވިލާ ގަދަކަމުން ވެރިކަމުން ދުރުކުރުމަށް އަމިއްލަ ހަނގުރާމެވެރި ޖަމާއަތެއް އެކުލަވާލާ ހަތިޔާރު ދިނުމުގެ މަސައްކަތް ރާވާފަ އެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލުންގެ ސިއްރު ތާއީދާއެކު ޒެމޫރޭގެ އުކުޅުތަކުން ޑަވިލާ ވެރިކަމުން ދުރުކޮށް އެމެރިކާއަށް ތާއީދުކުރާ ވެރިކަމެއް ގާއިމްކުރި އެވެ. އަދި ދޮންކެޔޮ ސިނާއަތުގެ ބާރު އެމެރިކާއަށް ވަރުގަދަވެ، ބޭރުގެ އިގްތިސާދީ މަސްލަހަތަށް ހޮންޑޫރަސް ބަރޯސާވުން ދެމެހެއްޓުމަށް ކާމިޔާބު ލިބުނެވެ.

ހޮންޑޫރަސްގެ ދޮންކެޔޮ ދަނޑެއް


އީރާން

ނަވާރަ ސަތޭކަ ފަންސާސް ތިން ވަނަ އަހަރު އީރާނުގައި ހިނގި ބަގާވާތަކީ އެގައުމުގެ ތާރީހުގެ ނާރެހެކެވެ. ބޮޑުވަޒީރު މުހައްމަދު މުސަދަގް ވެރިކަން ވައްޓާލި އަހަރެވެ. ކޮމިއުނިސްޓް ނުފޫޒުގެ ބިރުތަކާއި އީރާނުގެ ތެލުގެ ސިނާއަތް މުސަދަގް ގައުމީ ކުރުމާ ގުޅޭ ކަންބޮޑުވުންތަކުގެ ސަބަބުން، ސީއައިއޭ އިން ވަނީ އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި6 އާ ގުޅިގެން "އޮޕަރޭޝަން އަޔަކްސް" އިންތިޒާމްކޮށްފަ އެވެ. ސިއްރު އޮޕަރޭޝަންތަކާއި ޕްރޮޕެގެންޑާ ކެމްޕޭންތަކާއި އިގްތިސާދީ ޕްރެޝަރުތަކުގެ ތެރެއިން، މަސައްކަތް ކުރީ އީރާނުގެ ތެލުގެ ވަސީލަތްތަކުގެ މައްޗަށް ހުޅަނގުގެ ކޮންޓްރޯލް އަލުން ހޯދައި، މުސަދަގްގެ ޕޮޕިއުލިސްޓް އެޖެންޑާއަށް ބުރޫއަރުވާލާ ށެވެ. ބަގާވާތުން މުސަދަގް ހައްޔަރުކޮށް އެމެރިކާއަށް ވާގިވެރިވާ މުހައްމަދު ރިޒާ ޕަހްވަލީއަށް ވެރިކަން ހަވާލުކުރެވުނެވެ. އޭނާގެ ހުދުމުހުތާރު ވެރިކަމާއި އެކު ކުރިއަށް އޮތް އަހަރުތަކުގައި އީރާނުގައި އެމެރިކާގެ ނުފޫޒު ވަރުގަދަ ކުރުމަށް މަގުފަހިވެގެން ދިޔަ އެވެ.

މުހައްމަދު މުސަދަގް


ގުއަޓެމާލާ

ނަވާރަ ސަތޭކަ ފަންސާސް ހަތަރު ވަނަ އަހަރެވެ. މީގެ ކުރިން ހިނގި ބަގާވާތްތަކެކޭ އެއްގޮތަށް ގުއަޓެމާލާގެ ދާހީލީ ކަންކަމަށް ވެސް އެމެރިކާއިން ތަދަހުލުވީ ދެ ސަބަބަކަށްޓަކަ އެވެ. ވިޔާފާރީގެ އިންވެސްޓްމަންޓަތައް ހިމާޔާތްކުރުމާއި ކޮމިއުނިޒަމް ފެތުރިދާނެ ކަމުގެ ބިރަށްޓަކަ އެވެ. މި ބަގާވާތުގެ އަމާޒަކަށްވީ ރައީސް ޖޭކަބޯ އާބެންޒް އެވެ. އާބެންޒް ގެނައި ދަނޑުވެރިކަމުގެ އިސްލާހުތަކާއި ގައުމީ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ކޯޕަރޭޓް މަސްލަހަތަށް، ހާއްސަކޮށް "ޔުނައިޓެޑް ފްރުޓް ކޮމްޕެނީ" އަށް އޭނާ އަކީ ނުރައްކަލެއްގެ ގޮތުގައި ފެނުނެވެ. "އެންޓިކޮމިއުނިޒަމް"ގެ ނިވާފަތްގަނޑުގައި ތިބެ، އެމެރިކާގެ ސީއައިއޭ އިން ވަނީ އާބެންޒްގެ ސަރުކާރު ހަލަބޮލިކޮށްލުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ދެކޮޅުވެރި ކެމްޕޭންތަކާއި ޕްރޮޕެގެންޑާތައް ރާވައި، އިދިކޮޅު ބާރުތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީގެން އޭނާގެ ވެރިކަން ވައްޓާލި އެވެ. އާބެންޒް ވެރިކަމުން ވައްޓާލުމާ އެކު ގުއަޓެމާލާ ސިޔާސީ ހަލަބޮލިކަމާއި އަނިޔާވެރިކަމުގެ ތެރެއަށް ދިގު މުއްދަތަކަށް ވެއްޓުނެވެ. އަދި ޒަމާންތަކެއް ވަންދެން ހުދުމުހުތާރު ވެރިކަމާއި މަދަނީ ހަމަނުޖެހުންތަކަށް މަގުފަހިވި އެވެ.

ބަގާވާތަށް ފަހު ސަރުކާރާ ދެކޮޅު ފަރާތްތައް


ކޮންގޯ

ކުރިން ޒައިރުގެ ނަމުން މަޝްހޫރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް 1960 ގައި ބެލްޖިއަމްގެ އަތުން މިނިވަންކަން ލިބުނެވެ. އެއަށް ފަހު ކޮންގޯ އަށް ކުރިމަތިވީ ހަލަބޮލި ދުވަސްވަރެކެވެ. އެގޮތުން ބޮޑުވަޒީރު ޕެޓްރިސް ލުމުމްބާ އަވަހާރަކޮށްލުމަކީ އެގައުމުގެ ތާރީހުގެ ހިތި ބައެކެވެ. ކޮންގޯ އަކީ ގުދުރަތީ މައުދަންތަކުން މުއްސަދި ގައުމެކެވެ. ލުމުމްބާ މަސައްކަތް ކުރެއްވީ އެގައުމުގެ އިސްތިގުލާލު ސާބިތުކޮށްދީ އިސްތިއުމާރީ ގޮތުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކަސްތޮޅުތަކުން ސަލާމަތްވުމަށެވެ. ނަމަވެސް އޭނާގެ މި މަސައްކަތަށް އެތެރޭގެ އަދި ބޭރުގެ ފަރާތްތައް ވަނީ ހުރަސް އަޅާފަ އެވެ. އެގޮތުން ބެލްޖިއަމް، އެމެރިކާ އަދި ވަކިވެގަތުމަށް މަސައްކަތްކުރި ކަޓަންގާ ޕްރޮވިންސް ގުޅިގެން މަސައްކަތްކުރި އެވެ. ސިޔާސީ ހަލަބޮލިކަމާއި ނަސްލީ ފިތުނަތަކުގެ ތެރޭގައި ލުމުމްބާގެ ސަރުކާރު ނުތަނަވަސްވެ، އެންމެ ފަހުން 1961 ވަނަ އަހަރު ލުމުމްބާ އަތުލައިގަނެ އަނިޔާކޮށް މަރާލެވުނެވެ.

ޕެޓްރިސް ލުމުމްބާ އަވަހާރަކޮށްލުމުން ކޮންގޯގެ މިނިވަންކަމުގެ އުންމީދުތައް ނިއްވާލެވުނެވެ. އަދި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ހުދުމުހުތާރު ވެރިކަމުގެ އަނދަވަޅަކަށް އެގައުމު ވައްޓާލި އެވެ. އިސްތިއުމާރީ ބާރު ކޮންގޯގެ މައްޗަށް ބޮޑުވެ، ނަސްލީ ބައިބައިވުންތައް އިތުރަށް ގޯސްވެ، ކޮރަޕްޝަން އުފެއްދުމާއި، އިގްތިސާދީ ނުތަނަވަސްކަން ދަމަހައްޓައިދިނެވެ. ކޮންގޯގެ ޖަވާހިރާއި ރަން އަދި ކޮލްޓަން ފަދަ ގުދުރަތީ ވަސީލަތްތައް ބޭރުގެ ބާރުތަކާއި މަލްޓިނޭޝަނަލް ކޯޕަރޭޝަންތަކުން ބޭނުންކުރުމުން އެގައުމުގެ އުނދަގޫތައް އިތުރަށް ބޮޑުވި އެވެ. ކޯޅުންތައް އިތުރުވެ، ފަގީރުކަމާއި ތަރައްގީ ނުވުމުގެ ދައުރެއް ދެމިއޮތެވެ.

ޕެޓްރިސް ލުމުމްބާ


ނިންމުން

ފާހަގަކޮށްލުވުނު ގައުމުތަކުގެ ތާރީހުން ހަނދާން ކޮށްދެނީ ބޭރުގެ ގައުމެއްގެ އަމިއްލަ ބޭނުމަށްޓަކައި އެ ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް އަމިއްލައަށް ވަދެގަނެއުމުގެ ސަބަބުން އެ ގައުމުތަކަށް ލިބޭ ގެއްލުމެވެ. ކޮންމެ ފަހަރަކު ވެސް އެމެރިކާއިން ގައުމުތަކުގެ ސަރުކާރާއި ހަމަޖެހުމަށް ބުރޫއަރުވާލާފައި ވަނީ އަމިއްލަ ބާރާއި ތަނަވަސްކަން ހިމާޔަތް ކުރުމަށެވެ. އެކަމުގެ ސަބަބުން އެގައުމުގެ ކުރިއެރުމާއި ރައްޔިތުންނަށް ކުރިމަތިވާނެ ބުރައަކަށް ބެލުމެއް ނެތި އެވެ.

މީގެ އިތުރުން، މި މިސާލުތަކުން އެނގެނީ، ޑިމޮކްރަސީއާއި މިނިވަންކަން ކުރިއެރުވުމުގެ ވާހަކަތަކުގެ ފުރަގަހުގައިވަނީ ގިނަ ފަހަރަށް އިސްތިރާޖީ ބާރު ހޯދުމާއި އިގްތިސާދީ މަންފާ ހޯދުންކަމެވެ. އެމެރިކާއިން އެގައުމުގެ އަމިއްލަ ކަންކަމަށް އެހެން ގައުމުތަކުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތުކޮށް އެކަން ކުށްވެރިކުރާއިރު، އެ ގައުމުން ވަނީ އެހެން ގައުމުތަކުގެ ސިޔާސީ މަންޒަރު އެމީހުންގެ ފައިދާއަށް ބައްޓަންކުރުމަށް ސިއްރު އޮޕަރޭޝަންތަކާއި އަސްކަރީ ތަދައްހުލުވުމާއި ވެރިކަން ބަދަލުކުރުމުގެ މަސައްކަތްތައް ތަކުރާރުކޮށް ކޮށްފައެވެ.