Advertisement

ވާގޮތް: ވައިނަލް މަސައްކަތްކުރާ ގޮތުގެ ޖާދޫ

16 މާރިޗު 2024 - 08:00 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ވައިނަލް މަސައްކަތްކުރާ ގޮތުގެ ޖާދޫ

16 މާރިޗު 2024 - 08:00 0

އަދުގެ ދުނިޔޭގައި އަޑުތައް ނުވަތަ އޯޑިއޯއެއް އަޑު އަހާލުމަކީ މާ އުނދަގޫކަމެއް ނޫނެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުން ސްޕީކަރުތަކާއި ހެޑްފޯނުތައް މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައިވެސް އަހަރުމެން އެންމެ ގަޔާވާ އަޑުތަކާއި ރާގުތަކުން ހިތް އުފާކޮށްލެވެ އެވެ. އެކަމަކު އެތައް ދަހަރެއް ފަހަތަށް ޖެހިލުމުން، މަންޒަރު ފެނުނީ މުޅިން ތަފާތުކޮށެވެ. އޭރު ދުނިޔޭގެ ކަންފަތްތަކަށް ފޯރީ އަދި ހިތްތައް ނަށަމުން ދިޔައީ ތަފާތު ތާލަކަށެވެ. އެމީހުން އެންމެ ގަޔާވާ ރާގުތައް އަޑުއަހަން ބޭނުންކުރީ ވަށްކޮށް ފަތިކޮށްވާ "ވައިނަލް ޑިސްކް" ތަކެވެ. އޯޑިއޯ އަޑުއެހުމަށް މިއަދުވެފައިވާ ފަސޭހަތަކަށް މަގުފަހިކޮށްދިނީ މި ޑިސްކްތަކެވެ. ނަމަވެސް، މި "ތްރީޑީ" އޯޑިއޯ ޑިސްކްތައް މަސައްކަތްކުރާ ގޮތް އެނގޭ ހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް އަޖައިބުކުރުވަނިވި ކަމަކަށް މެނުވީ ނުވާނެ އެވެ.

އަޑުގެ ރާޅުތައް ތުނޑުތުނޑުތަކަކަށް

ވައިނަލްއެއް މަސައްކަތް ކުރާ ގޮތް ފަހުމުވުމަށް އެންމެ ފުރަތަމަ ބަލާލަންޖެހެނީ އަޑުގެ ޒާތަށެވެ. ކުރުކޮށް ބުނާނަމަ އަޑަކީ މޮލެކިއުލް ޕާޓިކަލްތައް ތެޅުމުން ނުވަތަ "ވައިބްރޭޓް" ވުމުން އުފެދޭ އެއްޗެކެވެ. މިފަދައިން މޮލެކިއުލްތައް ތެޅޭ ވަގުތު، މި ތެޅުމުގެ ރާޅުތަކެއް ވައިފަދަ ޒަރިއްޔާތަކުގައި އުފެދިގެންދެ އެވެ. ހިމަ އަޑުތަކަކީ އަވަސް ތެޅުމެކެވެ. ބަރު އަޑުތަކަކީ ލަސް ތެޅުމެކެވެ. ކޮންމެ އަޑެއްގައި ވެސް މިފަދަ އެތައް ރާޅުތަކެއް ހިމެނެ އެވެ. އަޑާއި ލަވަތައް ރިކޯޑުކުރުމުން ރިކޯޑުކުރެވެނީ މި ރާޅުތަކެވެ. ވައިނަލް އެއް އުފެދެނީ މި ރާޅުތަކުގެ ބައްޓަން ވައިނަލް ޑިސްކްއަކަށް ކުދިކުދި ތުނޑުތުނޑުތަކެއްގެ ސިފައިގައި ކަނޑައިނެގުމުންނެވެ.

އަޑުން އުފެދޭ ރާޅުތައް


ޖާދޫގެ ތިނޯސް

ވައިނަލްއެއް ތައްޔާރުކުރެވުމަށް ފަހު ދެން އޮތީ އަޑު އެހުމެވެ. ވައިނަލް ޕެލެޔަރެއްގައި މައިގަނޑު ތިންބައެއް ހިމެނެ އެވެ. އެއީ ވައިނަލް ބޭއްވުމުން މަޑުމަޑު އެނބުރޭ ބުރަކާއި، ކުރިން ބުނެވުނު ތުނޑުތުނޑުތަކުގެ ތެރެއިން ދަތުރުކުރާ ތޫނު ތިނޯހަކާއި، މި ތިނޯސް ތެޅޭވަރަކަށް ތެޅި އެ ތެޅުންތައް އިލެކްޓްރިކް ސިގްނަލްތަކަށް ބަދަލުކޮށްލާ އަތްގަނޑެކެވެ. މި ތިނޯސް ހަދާފައިވާނީ އަލިމަސް ފަދަ ވަރުގަދަ މައުދަނަކުންނެވެ. ވައިނަލް ރިކޯޑް އެނބުރޭވަރަކަށް މި ތިނޯސް ވައިނަލްގައި ހުރި ރޮނގުތަކާއި އެއްވަރަށް ތެޅެމުންދާނެ އެވެ. އަޑުގެ ރާޅުތަކާއި އެއްވަރަށެވެ.

ތިނޯސް ވައިނަލްގެ ތުނޑުތުނޑުތެރޭ ތެޅެނީ


ތެޅުންތައް ކަރަންޓަށް ބަދަލުވުން

އަލިމަހުގެ ތިނޯހާއި ގުޅިފައިވާ އަތްގަނޑު އެއާ އެއްވަރަކަށް ތެޅި ތެޅި ހުރެ އެވެ. މި އަތްގަނޑުގެ ބުޑުގައިވަނީ ވައިނަލްގެ "ކާޓްރިޖް" ކިޔާ ކުޑަ ފޮއްޓެކެވެ. މި ފޮށީގައި މައިގަނޑު ދެބައެއްވެ އެވެ. އެއީ އަތްގަނޑާއި އެކުވާ ދަގަތްފާނަކާއި އޭގެ މަތީގައިވާ ކޮއިލްއެކެވެ. ރިކޯޑްގެ ތުނޑުތުނޑާއެކު އަތްގަނޑު ތެޅޭވަރަކަށް، ދަގަތްފާނުވެސް ތެޅި ކޮއިލްގައި ކަރަންޓް ސިގްނަލްތަކެއް އުފެދެ އެވެ. މިހެން އުފެދޭ ސިގްނަލްތަކުން އުފެދެނީ އަޑުގެ ރާޅުތަކުގެ ބައްޓަމެވެ.

ވައިނަލްގެ ބައިތައް


އަލުން އަޑުގެ ރާޅުތަކަށް

އަޑުގެ ރާޅުތަކުގެ ބައްޓަން ދެނެގަތުމާ އެކު ދެން އޮތް ފިޔަވަޅަކީ ވައިގެތެރެއަށް މި ތެޅުން ގެނައުމެވެ. އެކަމު ފުރަތަމަ މި ތެޅުންތައް އިންސާނުންނަށް އަޑު އިވޭހާ ވަރުގަދަކުރުމަށް އަޑު އުފުއްލަން "އެމްޕްލިފަޔާ" އެއް ބޭނުންކުރެ އެވެ. އެޕްލިފަޔާ އިން ސިގްނަލްތައް ސީދާ ދަތުރުކުރާނީ ސީދާ ސްޕީކަރަށެވެ. ސްޕީކަރުގައި ވެސް މައިގަނޑު ދެބައެއް ހިމެނެ އެވެ. އެއީ އިލެކްޓްރިކް ސިގްނަލް މެކޭނިކަލް ސިގްނަލަށް ބަދަލުކޮށްދޭ ބަޔަކާއި މި މެކޭނިކަލް ސިގްނަލްތައް ލަފާދޭ ގޮތަކަށް ކުރިއަށް ފަހަތަށް ތެޅޭ ގޮށްޓެކެވެ. މި ގޮށި ތެޅޭވަރަކަށް ވައިގެ މޮލެކިއުލްތައް ތެޅި، އަޑު އުފެދި ކަންފަތަށް ފޯރަ އެވެ.

ވަދާއު ކިޔަސް އަޖައިބެއްފަދަ އުފެއްދުމެއް

ފަށަމުން ވެސް ފާހަގަކޮށްލިހެން މިއަދު އަހަރެމެން އަޑުތައް އަހާގޮތް ވަރަށް ތަފާތެވެ. އަދުގެ ގިނަ އެއްޗެއްސަކީ ޑިޖިޓަލް، ބައިނަރީ ނުވަތަ ހުސް އެކަކާއި ސުމެއްތަކެކެވެ. މިއީވެސް ހަމަކަށަވަރުން ކުރިއެރުމެކެވެ. ނަމަވެސް ވައިނަލް ހާއްސަވާ ސަބަބަކީ މިއީ މިފަދަ ޑިޖިޓަލް އެއްޗަކަށް ވުރެ އަސްލު ދުނިޔޭގެ އެއްޗަކަށް ކަނޑާނެގިގެން އުފެއްދޭ، އަތްލެވޭ ތްރީޑީ އެއްޗަކަށް ވުމެވެ. ޑިޖިޓަލް އުފެއްދުންތަކުގެ ކަނޑުގައި ވެސް ވައިނައިލް ކޮޅަށް ހުރީ ޖާދޫވި އުފެއްދުމެއްގެ ގޮތުގަ އެވެ. މިއީ ހަމައެކަނި މިއުޒިކަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއީ އަޑުގެ ޖިސްމާނީ ޖާދުލާއި، ވާހަކަތައް ކިޔައިދޭ ތާލުތަކާއި ވައިގެ ތެރޭގައި ގުގުމާލާ ރާގުތަކެކެވެ. ޑިޖިޓަލް އުފެއްދުންތެރިކަމުގެ އަޖައިބުތައް ގިނަވަމުންދިޔަސް، ވައިނައިލްގެ މޮޅުކަން މާޒީން ފުހެވިގެނެއް ނުދާނެ އެވެ. އާންމު ދިރިއުޅުމުގެ މަގުބޫލުކަމަށް އަލްވަދާއު ކީ ނަމަވެސް، އަޑުތަކުގެ ދާރުލްއާސާރުގެ ހިތުގައި ވައިނަލްގެ ނަން ވަނީ ރަންއަކުރުން ފެވިފަ އެވެ.