Advertisement

އެމްބިއުލާންސް އޮތުމުން އިންޑިއާ ހެލިކޮޕްޓަރުތަކާއި އެ ދުއްވަން ގެނައި މަދަނީން އަނބުރާ ފޮނުވާލަން ޔާމީން ގޮވާލައްވައިފި

20 މާރިޗު 2024 - 11:05 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖޭގައި ދުއްވާ ސަރުކާރުގެ އެއާ އެމްބިއުލާންސް, އިންޑިއާގެ ހެލިކޮޕްޓަރު އަދި ރައީސް މުއިއްޒު އާއި ޔާމީން ދައްކުވައިދޭ ފޮޓޯ. ރާއްޖޭން އިންޑިއާ ސިފައިން ބޭލުމުގެ ހަރަކާތުގެ މޭސްތިރިޔަކީ ޔާމީން --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


އެމްބިއުލާންސް އޮތުމުން އިންޑިއާ ހެލިކޮޕްޓަރުތަކާއި އެ ދުއްވަން ގެނައި މަދަނީން އަނބުރާ ފޮނުވާލަން ޔާމީން ގޮވާލައްވައިފި

20 މާރިޗު 2024 - 11:05 0

ސިއްހީ އިމަޖެންސީތަކުގައި ރަށްރަށުން ބަލި މީހުން އުފުލުމަށް ސަރުކާރުގެ އަމިއްލަ އެއާ އެމްބިއުލާންސެއްގެ ހިދުމަތް ފަށާފައިވާތީ ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން ޔުނިފޯމު ބަދަލު ކުރުމަށް ފަހު އިންޑިއާގެ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އެ މީހުން ފޮނުވާލަން މި ސަރުކާރުން އަންގަން ޖެހޭ ކަމަށް "އިންޑިއާ އައުޓް" ކެމްޕެއިނުގެ ބާނީ އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ ސަރުކާރުން އިންޑިއާއާ ގުޅިގެން އަމަލުކުރަމުންދާ ގޮތަށް ފާޑުވިދާޅުވެފަ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކާ ގުޅިގެން އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ.

"އިންޑިއާ ސިފައިން ތިބެން ޖެހޭ އެންމެ ބޮޑު ސަބަބަކަށް މިއޮތީ ހެލިކޮޕްޓަރުގައި ބަލިމީހުން އުފުލާށޭ. އެއާ އެމްބިއުލާންސެއް, ކަނޑަށް ޖައްސާ ބޯޓެއް ތައާރަފުކޮށްފި. އެހެންވީމާ އިންޑިއާ ސިފައިންގެ މައްސަލަ, ހެލިކޮޕްޓަރު ދުއްވަން ތިބި ބައެއްގެ މައްސަލަ ވިއްޔާ ހައްލުވާނެ ނޫންތޯ ހެލިކޮޕްޓަރާ އެކީ މީހުން ދާށޭ ބުނިއްޔާ," ޔާމީން ވިދާޅުވި އެވެ.

"ކޮންމެހެން ޔުނިފޯމް ބަދަލުކޮށްފައި މަދަނީ މީހުންގެ ގޮތުގައި ތިބެގެން ސިފައިން އައިސް މިތާ އުޅޭކަށް ނުޖެހޭ ނޫންތޯ ހެލިކޮޕްޓަރު ދުއްވާކަށް."

ސަރުކާރުން ހެލިކޮޕްޓަރުގެ ބޭނުން ހިފަން ބޭނުން ނުވާތީ އެއާ ޓެކްސީއެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވާ ކަމަށާއި އަދި އަމިއްލަ ހެލިކޮޕްޓަރެއް ހޯދުމަށް ވެސް ސަރުކާރުން ނިންމާފައިވާކަން ޔާމީން ފާހަގަކުރެއްވި އެވެ. ސައުވީސް ގަޑިއިރު ދޭ އެއާ އެމްބިއުލާންސްގެ ހިދުމަތުގައި މޯލްޑިވިއަންގެ ފްލައިޓަކާއި އެއާ ޓެކްސީއެއް އެބައޮތެވެ.

އެހެންކަމުން, ބަލި މީހުން ހެލިކޮޕްޓަރުގައި އުފުލަން ވެސް އިންޑިއާ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އެ ވާހަކަ އިންޑިއާ ސަރުކާރުގައި ދަންނަވަން ރައީސް މުއިއްޒުގެ ސަރުކާރަށް ކެރޭނެތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"މިހާރުން މިހާރަށް ސަރުކާރުން ތާރީހެއް ކަނޑައަޅާފައި ބުނަންވީ ނޫންތޯ މިހާރު ތިއޮތް ހެލިކޮޕްޓަރާއި ތި ދުއްވަން ތިބި މީހުން ދާށޭ. ކޮންމެހެން ޔުނިފޯމު ބާލައި ގަންޖުފަރާހެއް ލައިގެން މިތާ ތިބޭކަށް ނުޖެހޭ," ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައިވާތީ އިންޑިއާއިން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން މާޗް 10، ގައި ފުރާފައިވާކަން ސަރުކާރުން ހާމަކޮށްފައިވާއިރު ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ.

އިންޑިއާއިން ރާއްޖޭގައި ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓެއް ދުއްވަ އެވެ. އެ އުޅަނދުތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިންޑިއާގެ ސިފައިންގެ ބަދަލުގައި ގެންނަ މަދަނީ މީހުންގެ ފުރަތަމަ ބެޗު ރާއްޖެއަށް ވަނީ އައިސްފަ އެވެ. އެއީ އައްޑޫގައި ތިބި ސިފައިންގެ ބަދަލުގަ އެވެ.

އައްޑޫގައި ބޭނުންކުރި ހެލިކޮޕްޓަރު މަރާމާތަށް ފޮނުވައި އާ ހެލިކޮޕްޓަރެއް ވެސް އިންޑިއާއިން ވަނީ މިދިޔަ މަހު ފޮނުވައިފަ އެވެ. އާ ހެލިކޮޕްޓަރު ހިފައިގެން އައި އެ ގައުމުގެ މަނަވަރު އައްޑޫގައި ބަނދަރުކުރީ ފެބްރުއަރީ 29، ގަ އެވެ.

މިކަމުގައި އިންޑިއާއިން މިހާތަނަށް ބުނަމުން އަންނަނީ ރާއްޖެ ފޮނުވީ އެ ގައުމުގެ ޓެކްނިކަލް މީހުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ކުރާ ސުވާލުތަކަށް ދިވެހި ސަރުކާރުގެ އޮފިޝަލުން ދޭ ޖަވާބަކީ އިންޑިއާއިން ފޮނުވަނީ މަދަނީންކަން ކަށަވަރު ކުރާނެ ކަމެވެ. ނަމަވެސް، އެ ގައުމުން ފޮނުވަނީ މަދަނީންކަން ކަށަވަރުކުރާ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި މަދަނީންގެ ގޮތުގައި ހަރަކާތްތެރިވަނީ ޔުނީފޯމުގައި ނެތް އިންޑިއާ ސިފައިންނެވެ. އިންޑިއާގެ މަދަނީން އެ އުޅަނދުތަކުގެ އޮޕަރޭޝަނަށް ފޮނުވާތީ ގިނަ ބަޔަކު ވަނީ އެއީ ހަމައެކަނި އެ މީހުންގެ ޔުނީފޯމު ބަދަލުކުރުން ކަމަށް ބުނެފަ އެވެ.

މި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކަކީ އަސްކަރީ އުޅަނދުތަކެއް ކަމަށްވާއިރު ދުނިޔޭގެ އެއްވެސް ތަނެއްގައި އަސްކަރީ އުޅަނދުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ މަދަނީންނަށް ނޯވެ އެވެ. ނަމަވެސް, މަދަނީންގެ ގޮތުގައި ތިބޭ ޓެކްނިކަލް މީހުންނަށް އެފަދަ އުޅަނދުތަކުގައި ދަތުރުކުރުމުގެ ހުއްދަ އޮވެ އެވެ.