Advertisement

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާ އިންޑިއާއަށް

2 މޭ 2024 - 13:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާގެ ސަފީރު މުނޫ މަހާވަރާއެކު - ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާ އިންޑިއާއަށް ވަޑައިގަންނަވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ


ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާ އިންޑިއާއަށް

2 މޭ 2024 - 13:07 0

މި ސަރުކާރުގެ އިސް ވެރިޔަކު އަވަށްޓެރި އިންޑިއާއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަންނަ ހަފުތާ އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ސަރުކާރުގެ އިސް އޮފިޝަލަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި ޒަމީރު އިންޑިއާއަށް ވަޑައިގަންނަވާނީ މި މަހު ނުވައެއްގަ އެވެ.

އަންނަ ހަފުތާ ޒަމީރު އަދި ފޮރިން މިނިސްޓްރީގެ ވަފުދެއް އިންޑިއާއަށް ދަތުކުރާކަން ސަރުކާރުގެ އިސް އޮފިޝަލަކުވެސް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ރާއްޖޭގައި ފެހި ގާނޫނު އަސާސީގެ ދަށުން މީގެ ކުރިން އިންތިހާބުވި ތިން ސަރުކާރުގައިވެސް ރައީސުން ކުރި ފުރަތަމަ ރަސްމީ ދަތުރުތައް ކޮށްފައިވަނީ އިންޑިއާއަށެވެ. ނަމަވެސް, ރައީސް މުއިއްޒު އެ ސަގާފަތް ދޫކުރައްވާ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. އެއަށްފަހު އިންޑިއާއާ ވާދަވެރި ޗައިނާ އަށެވެ.

ޗައިނާ ދަތުރަށްފަހު ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރުން ވެގެން ދިޔައީވެސް ދެ ގައުމުގެ ހާރިޖީ ގުޅުން ގޯސްވި ސަބަބަކަށެވެ.

އޭގެއިތުރުން، ރައީސްގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާ އެ ގައުމުން އެދުނު ގޮތަށް އެމީހުންގެ ބަދަލުގައި އިންޑިއާގެ މަދަނީން ގެންނަން އިންޑިއާއާއެކު ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. ނަމަވެސް، ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ސަރުކާރުން ވަނީ އެ އެއްބަސްވުން ސިއްރު ކޮށްފަ އެވެ.

ސަރުކާރުން އެންމެ ފަހުން ބުނި ގޮތުގައި ރާއްޖޭގައި އޮންނަ އިންޑިއާގެ ތިން އަސްކަރީ ވައިގެ އުޅަނދުގެ ތެރެއިން ދެ އުޅަނދެއް އޮޕަރޭޓުކުރާ ސިފައިން ފޮނުވާލާ މަދަނީން ވަނީ ގެނެސްފަ އެވެ.

މި ހުރިހާ ކަމަކާއެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ ޗައިނާ އާއެކު ގުޅުން އިތުރަށް ބަދަހި ކުރަމުންނެވެ.