Advertisement

ޕީޖީ އޮތީ ޔާމީންގެ މައްސަލަތައް ދޫކޮށްލާ ގޮތަކަށް ނޫން، ސުޕްރީމް ކޯޓަށް ދާން ވެސް މަޝްވަރާކުރަނީ

ރައީސް އަބްދުﷲ ޔާމީން: ޔާމީނަށް ކުރާ ތުހުމަތުތަކުގެ މައްސަލަތަށް ދޫކޮށްލަން ނުވިސްނާ ކަމަށް ޕީޖީން ބުނެފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު


ޕީޖީ އޮތީ ޔާމީންގެ މައްސަލަތައް ދޫކޮށްލާ ގޮތަކަށް ނޫން، ސުޕްރީމް ކޯޓަށް ދާން ވެސް މަޝްވަރާކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ ތުހުމަތުތަކާ ގުޅޭ މައްސަލަތައް އެއްވެސް ހާލަތެއްގައި ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޔާމީނުގެ ވެރިކަމުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލާގައި އެމަނިކުފާނުގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު ކުރެ އެވެ. މިދިޔަ ސަރުކާރުގައި އެއިން ބައެއް މުއާމަލާތްތަކާ ގުޅިގެން ދައުވާކުރި އިރު ޝަރުއީ މަރުހަލާތަކުގައި އެއިން ދެ މުއާމަލާތެއްގެ މައްސަލަ އަދިވެސް އެބަ އޮތެވެ.

އެންމެ ފަހުން އެމަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައެއްގަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައާއި ހިންގި ޝަރީއަތުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި، ދިފާއަށް ދޭން ޖެހޭ ބައެއް ހައްގުތައް ކަށަވަރުކޮށްދީފައި ނުވާ ކަމަށް ފާހަގަކޮށް ހައި ކޯޓުން އެންގީ ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށެވެ.

ޕަބްލިކް ޕްރޮސެކިއުޓަ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "އަދަދު" ނޫހަށް ވިދާޅުވީ ހައި ކޯޓުން ނިންމި ގޮތަށް ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދާނީތޯ ނުވަތަ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނީތޯ އެ އޮފީހުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޔާމީންގެ މައްސަލަތައް ދޫކޮށްލުމުގެ ވިސްނުމާއި މަޝްވަރާތައް، ޕީޖީ އޮފީހުގެ މޭޒުމަތީގައި ނެތް ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ކޭސް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ޕީޖީ އޮފީހުގައެއް ނެތް، މި ވަގުތު މަޝްވަރާ މި ކުރަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނީތޯ، ނޫނީ ހައި ކޯޓުން ނިންމި ގޮތަށް ކްރިމިނަލް ކޯޓުގައި މައްސަލައައިގެން ކުރިއަށް ދާނީތޯ، މައްސަލަ ދޫކޮށްލައެއް ނުލާނެ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު އޭރު އަރުވާފައިވާ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022، ގަ އެވެ. އެ ހުކުމް އިސްތިއުނާފަށް މިދިޔަ އަހަރު މާޗު މަހު ހުށަހެޅި އެވެ. ޝަރީއަތް ފެށުނީ ޖޫން، 2023، ގަ އެވެ. އަދި އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު 21، 2023، ގަ އެވެ. ޔާމީން މިނިވަންވީ މިދިޔަ މަހު އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވުނީ އެ ހުކުމް ދެމިއޮތުމުންނެވެ.

މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނެ، އެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައި އަޑުއެހުންތަކެއް ބޭއްވި އެވެ. އެ މައްސަލަ އަދިވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ. އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މީގެ ކުރިން ވެސް ޖަލު ހުކުމެއް އިއްވި އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް ދަށު ކޯޓުން އިއްވައި ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.