Advertisement

ފައިބަރު ދޯނި ވުޖޫދުކުރި ލާމު މާމެންދޫ އައްޔުބެގެ ވާހަކަ

20 މާރިޗު 2024 - 09:58 2

ލ. މާމެންދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާމެންދޫ އައްޔުބެ: ފައިބަރު ދޯނި ބަނުމުގެ މަސައްކަތް ފާހަގަކޮށް ސަރުކާރުން އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއެއް ހިފަހައްޓައިގެން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފައިބަރު ދޯނި ވުޖޫދުކުރި ލާމު މާމެންދޫ އައްޔުބެގެ ވާހަކަ

20 މާރިޗު 2024 - 09:58 2

ލ. މާމެންދޫ

އެއީ ގާތްގަނޑަކަށް މީގެ ބައި ގަރުނުގެ ކުރީގެ ވާހަކަ އެކެވެ. އޭރު މަސްދޯނިފަހަރުގެ ގޮތުގައި ހުންނާނީ ލަކުޑި ދޯންޏެވެ. އެންމެ ދިގުކޮށް ވެސް ދޯނިފަހަރު މި ހަދަނީ 40 އާއި 45 ފޫޓާ ދެމެދަކަށެވެ. ދުވާލަކު، ދޯންޏަކުން ނަގައި އުޅޭނީ ގިނަވެގެން ވެސް ތިންހަތަރު ޓަނު ކަމަށް މި މާވަޑިކަލޭގެ ކިޔައިދިނެވެ.

ލ. އަތޮޅު މާމެންދޫގެ ލެޖެންޑު، އަލީ އިދުރީސް (އައްޔުބެ) އަކީ އުމުރުން 18 އަހަރުގައި ވަޑާމުގެ މަސައްކަތުގެ ތެރެއަށް ވަން މީހެކެވެ. ގާތްގަނޑަކަށް އުމުރުން 19 އަހަރަށް ޖެހިލިއިރު އަމިއްލަ ދޯންޏެއް ބަނދެފި އެވެ. އެ ލަކުޑި ދޯންޏަށް މި ކިއީ ބޮނިޓޯ އެވެ.

ރަށު މީހުން އޭނާ ދަންނަނީ ވެސް "ބޮނިޓޯ އައްޔުބެ" ގެ ނަމުންނެވެ.

އައްޔުބެގެ އުމުރުން މިހާރު 63 އަހަރެވެ. މިހާރު އޭނާ ފައިބަރުން ބަން ދޯނީގެ އަދަދު 50 އަށް ވުރެ މަތީގައި އުޅޭ އިރު ފައިބަރުން ދޯންޏެއް ބަނުމުގެ ފިކުރު ގާތްގަނޑަކަށް އުމުރުން 30 އަހަރުގައި ގެންގުޅެން ފެށުނު ކަމަށް އައްޔުބެ ބުންޏެވެ.

"ބަނީ ފިތުރޯނު ކިޔާ ދޯންޏެއް، އެ ދޯނި ވީ ގޮތަކީ ތަންކޮޅެއް ދިގުވީމަ، މި ކަނޑުމަތީ މި ރާޅުގަ ޖެހުނީމަ ތަންކޮޅެއް ބަލިވަނީ، މެދު ފަށަން ދޭތި ބެއްދި ތަން ގުޑައިގެން ދިޔަ ވާތީ، ހިތަށް އެރީ ބޮޑުކޮށް ދިގުކޮށް ބަދެގެން ލަކުޑި ދޯންޏެއް ދުއްވަން އުނދަގޫ ވާނޭ،" އައްޔުބެ ކިޔައިދިނެވެ.

އައްޔުބެ މި ފަހުން ބަންނަމުން ދިޔަ ދޯނި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެއީ ފައިބަރުން ދޯންޏެއް ބަނުމުގެ ފިކުރު އޭނާ ގެންގުޅެން ފެށި ހިސާބެވެ. އޭރު މަސްވެރިކަމަށް ގެންގުޅޭ ދޯނިފަހަރު އެ ދިގުމިނުގައި އަބަދު ތިބުމަކީ ވެސް ހައްލެއް ނޫނެވެ. އައްޔުބެއަށް ޅައިރުން ފެށިގެން ކުރެވިފައިވާ ތަޖުރިބާތަކާއި ފަންނުގެ އިލްމުން ވިސްނައިގަނެވުނީ ފައިބަރުން ދޯނި ބަނުމަށެވެ.

"އަޅުގަނޑަކީ މާ ބޮޑު ކޯހެއް ހަދައިފަ ހުރި މީހެއް ވެސް ނޫން، އަޅުގަނޑު މި މަސައްކަތް ދަސްކުރަމުން ދަސްކުރަމުން، ތަޖުރިބާ ކުރަމުން ތަޖުރިބާ ކުރަމުން ގޮސް، އެނގުނު އެއްޗެހިތަކެއް މި ހުރީ ވެސް،" އައްޔުބެ ބުންޏެވެ.

އުނދަގޫ، އެކަމަކު ކާމިޔާބު ދަތުރެއް

އުމުރުން ދުވަސްވެފައި ހުރުމުން ސީދާ ތާރީހާއި އޭނާގެ އުމުރުފުރާއިން ވާހަކަ ކިޔައިދިނުމުގައި އައްޔުބެގެ ދަތިކަމެއް ވެސް ހުއްޓެވެ. އެކަމަކު ފައިބަރުގެ މަސައްކަތަށް އޭނާ ކުރި ދަތުރު ކިޔައިދެމުން ދިޔަ ވަރަށް އެއީ ދިގު ދަތުރެއް ކަމުގެ އިހުސާސްވި އެވެ. ދިގު އެކަންޏެއް ނޫނެވެ. ގޮންޖެހުންތައް ވެސް ގިނަ އެވެ.

ފުރަތަމަ އެއް މަސައްކަތެއް އޭނާއަށް ލިބުނީ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ފަރާތުންނެވެ. ސަފާރީއެއް ބަނުމުގެ މަސައްކަތެވެ. އެކަމަކު ފުރަތަމަ ކަމަކަށް އެ ބޮޑު މަސައްކަތަށް ހޯދި ވަޑިންގެ ފަރާތުން ވެސް ތަޖުރިބާއާއި އެ ފަންނުގެ އެންމެ އަސާސީ ކަންކަން ވެސް ނޭނގުމުގެ އުނދަގޫ ކުރިމަތިވެއްޖެ އެވެ.

"މި އުޅުނީ އަލަށް ކޯސް ހަދައިގެން އައިސް އުޅުނު ވަޑިން، އެކަމަކު ކޯސް އެހާ ފުރިހަމައަކަށް ނޫން ނަގައިދީފަ ހުރީއެއް. އޭގެ ބޮޑެތި މީހުން ފުރުސަތު ނަގާ ގޮތަށް މި ކުދީން ވާނުވާ ނޭނގޭ ގޮތަށް ކޯސް ހަދައިދީފަ ހުރީ، ބުނާ އެއްޗެއް ވެސް ގަބޫލުނުކުރޭ އަދި،" އައްޔުބެ އުޅެން ޖެހުނު ހާލަތު ކިޔައިދިނެވެ.

ދޯނި ބަނުމާއި ވަޑާމުގެ މަސައްކަތް އައްޔުބެ ކުރާ ތަން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އޭރު ކުދިކުދި ކަންކަން ވެސް ހަމަޖެހިގެން ދިޔައީ އެއިން ކޮންމެ ވަޑިއެއް އެތައް ކަމެއް ތަޖުރިބާކޮށް ދަސްކުރަމުން ގެންދަމުންނެވެ. އެންމެ ފަހުން ފައިސާގެ މައްސަލާގައި އެ މަސައްކަތް އައްޔުބެ ދޫކޮށްލަން މަޖުބޫރު ވެއްޖެ އެވެ.

މި ހިސާބުން އައްޔުބެ ނިންމީ އޭނާ އަމިއްލައަށް ދޯނި ބަނުމުގެ މަސައްކަތް ފެށުމަށެވެ. އެއީ ފައިބަރު މަސައްކަތް ވެސް އޭހާ އާންމު ނުވެ އޮތް ގައުމެއްގައި، އަދި އޭގެ ހިރާސްތަކާއި ނުރައްކާ ވެސް ޔަގީން ނުވެ އޮތުމުން ފައިބަރުން ދޯންޏެއް ބަނުމުގެ ރިސްކް ނަގަން ކެރޭ ވަރު މީހަކާ ވެސް ދިމާނުވާތީ އެވެ.

"ފައިބަރު ހޯދަން އުޅުމުން، މިހެން އައިސް އުޅޭ ބޭރު ތަޖުރިބާކާރުން ވެސް އަހާ، ފައިބަރުން ހަދާ ދޯންޏެއްގައި އެހާ ވަރު ހުންނާނެ ހެއްޔެވެ؟ އަޅުގަނޑު ހިތަށް އެރީ މީހެއްގެ މައްސަލައެއް ނާންނާނެއޭ، އަމިއްލަ އެއްޗެއް ހެދީމައެއް،" އައްޔުބެ ބުންޏެވެ.

މިހާރު އައްޔުބެ ބަނދެގެން މަސްވެރިކަމަށް ނެރޭ ދޯނި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފައިބަރު އޭރު މާ ގަނޑުކޮށް ވިއްކަން ވެސް ނުހުރެ އެވެ. އައްޔުބެ ބުނެދިން ގޮތުގައި އޭނާ ދެން ނިންމީ ފައިބަރުގެ ވައްތަރެއް ކަމަށްވާ ރެސިން އެތެރެ ކުރުމަށެވެ.

"...އެކަމަކު އާ ކަމެއް ވީމަ، ވަރަށް ގިނަ ވިސްނުންތައް ވިސްނަން ޖެހުނު، ދޯންޏެއް ފައިބަރުން ބަނދެގެން އޭތި ރާޅުގަ ޖެހީމަ ބިންދައިގެން ގޮސްދާނެތޯ، އޭތީގެ ލަކުޑި ބޭނުންކޮށްފިއްޔާ ލަކުޑި ފީވުމާއި، އަނެއްކާ ލަކުޑި ފީވާ ވަގުތު ދޯންޏަށް ގެއްލުމެއް ލިބިދާނެތީ،" އައްޔުބެ ބުންޏެވެ.

ވަރަށް މަސައްކަތްކޮށްގެން ފުރަތަމަ ފައިބަރު ދޯނި "ފިތުރޯނުމާ" ބަނދެވިއްޖެ އެވެ. ކަނޑަށް ނެރެ، ފިތުރޯނުމާގެ ކާމިޔާބީ އެންމެނަށްހެން ފެންނަން ފަށައިފި އެވެ. އެތައް ބަޔަކު ބޭނުންވީ އެ ބަދަލާއެކު ކުރިއަށް ދާށެވެ. ފައިބަރުން ދޯނި ބަނދެގެން، ދިގު ދޯނިތަކެއްގައި މަސްވެރިކަން ކުރާށެވެ.

ގެނެވުނީ އިންގިލާބެއް، އައްޔުބެ ފަހުވެރިކަމާއެކު

މާމެންދޫ ކައުންސިލުން އައްޔުބެގެ މަސައްކަތަށް ދޫކޮށްފައި އޮންނަ ބިމުގައި ފައިބަރުން ދޯންޏެއްގެ މަސައްކަތް ކުރަމުންނެވެ. އުމުރުން ދުވަސްވުމުން މިހާރު އައްޔުބެ އަމަލީ ގޮތުން އޭގައި ބައިވެރިނުވި ނަމަވެސް، ހަތަރު މުވައްޒަފަކު ނަގައިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ އޭނާގެ ބެލުމުގެ ދަށުން، އިރުޝާދުތައް ދީގެނެވެ.

މިހާރު އައްޔުބެގެ ކަމަކީ ދޯނި ބަނުމަށް ފަހު ދޯނި ގަންނަން ބޭނުންވާ މީހުނަށް ދޯނި ވިއްކުމެވެ. ދޯނި ވިއްކެން ދެން، އެ ދޯންޏަކުން ފައިސާ ވެސް ހޯދަ އެވެ. މި ވަގުތު ވެސް އޭނާ ދޯންޏެއް މަސްވެރިކަމަށް ނުކުމެ އެވެ.

ސަރުކާރުން އައްޔުބެއަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯގަނޑު ތައްޓެއްގައި ހަނދާނަކަށް ތަތްކޮށްފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ސަރުކާރުން ގައުމީ އިނާމު ވެސް ދީފައިވާ އައްޔުބެ ބުނީ މަސްވެރިކަމަށް އިންގިލާބެއް ގެނުވި މަސައްކަތެއް ކުރުމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަމިއްލަ ނަން ވިއްކުމަށް، "ޕްރޮމޯޝަނަލް" އެއްވެސް މަސައްކަތެއް ނުކުރިޔަސް، އޭނާ ކޮށްދިން މަސައްކަތުގެ ނަތީޖާ މަސްވެރިކަމަށް އައި ކުރިއެރުމުން ފެންނަ ކަމަށެވެ.

"70 ޓަނުން 80 ޓަނުން މަސް ބާނަނީ އެއް ދުވަހުން. ކުރިން އެއް ދުވަހުން ތިންހަތަރު ޓަނު ދޯންޏަކަށް ނޭނގޭނީ، ފައިބަރުގެ މަސައްކަތުން ރާއްޖެ ވަރަށް ބޮޑު ކުރިއެރުމެއް އައިސްފަ މި އޮތީ، މި އޮޑިވެރިން ހޯދާ ފައިސާއިން މާލެއަށް ދަރިން ކިޔަވަން ފޮނުވައި މާލެއަށް ހޭދަކޮށް މާލެ ވެސް މާލެއަކަށް މިވީ،"

ވަޑާމުގެ މަސައްކަތުގެ ތެރެއިން އޭނާ މިއަދު އެންމެ ފަހުރުވެރިވާ އަދި އެންމެ ހިތްހަމަޖެހޭ މަސައްކަތަކަށް ވެސް އޮތީ ފައިބަރުގެ މަސައްކަތެވެ. ފައިބަރުގެ ސަބަބުން ގައި ހިރުވާ ފަދަ އުނދަގޫތަކެއް ހުއްޓަސް، އަނެއް ދުވަހު ވާން ވާއިރަށް ލިބެނީ ހިތްހަމަޖެހުމެކެވެ.