19 މާރިޗު 2024 - 14:18 0
މުހައްމަދު އުޝާމް
19 މާރިޗު 2024 - 14:18 0
އެމްޓީސީސީއަށް ޑީއާރުޕީން ދައްކަން ޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަންޏަކަށް އެ ޕާޓީގެ ކުރީގެ ޒައީމް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާވާން ޖެހޭ ކަމަށް ބުނާ މައްސަލަ ހައި ކޯޓުގައި ބެލުމަށް އެ ކޯޓުން ނިންމައިފި އެވެ.
ސިވިލް ކޯޓުން މީގެ ކުރިން 2010 ވަނަ އަހަރު ވަނީ އެމްޓީސީސީ އަށް ޑީއާރްޕީން 1،113،587.96 ރުފިޔާ ދައްކަން ޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ. މި ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކުމުން ޑީއާރްޕީގެ ބޭންކް އެކައުންޓްތަކުގައި ފައިސާ ހުރިތޯ ބަލައިގެން ވެސް ހޯދުނީ އެންމެ 2،609.33 ރުފިޔާ އެވެ.
ބާކީ 1،108،829.63ރ. ހޯދަން ސިވިލް ކޯޓަށް އެމްޓީސީސީން ދެން މައްސަލަ ހުށަހެޅީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާ ގޮތަށް ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ބުނާ މާއްދާއާ ހަވާލާދީ، މައުމޫން އެ މައްސަލައިގެ ތެރެއަށް ވައްދައިފަ އެވެ.
މައުމޫނާ އެއްކޮޅަށް ސިވިލް ކޯޓުން މައްސަލަ ނިންމީ އެމަނިކުފާނު އެ ފައިސާއަށް ޒިންމާ ވާން ޖެހޭ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. އެމްޓީސީސީން އެ މައްސަލަ ހައި ކޯޓަށް ގެންދިއުމުން، މައުމޫނަށް ރައްދުވާ ގޮތަށް އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިއުތިރާޒީ ނުކުތާއެއް ހުށަހެޅި އެވެ.
އެ ނުކުތާއާ މެދު ގޮތެއް ނިންމުމަށް ފަހު ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެމްޓީސީސީން ތިން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާއިރު އެއިން ޑީއާރުޕީން އުވާލާ ހާލަތުގައި ދަރަންޏަށް ޒިންމާވާނެ ފަރާތަށް ސިވިލް ކޯޓުން ރިއާޔަތް ނުކުރާ މާއްދާ އެ ކޯޓުން ބަލަން ޖެހޭ ކަމަށެވެ.
އަދި ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތުން، ހުށަހެޅި ފަރާތުގެ އެ ނުކުތާއަށް ޖަވާބު ދިނުމަށް ވެސް އެ ހުކުމުގައިވެ އެވެ.
މި މައްސަލައިގެ ހުކުމް ކަނޑައެޅީ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލައްބިޔަތުންނެވެ. ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކަށް ފަނޑިޔާރު ހުސަިން މަޒީދު ތާއީދު ކުރައްވައިގެނެވެ. ރައުޔަ ތަފާތުވީ ފަނޑިޔާރު ދީބާނާޒް ފަހުމީގެ އެވެ.
Comment