Advertisement

އަރަބިއްޔާ ސްކޫލް އަޅަން ހަރަދުވާނެ ވަރު އެނގޭނީ ޑިޒައިން ނިމުމުން: އެޑިއުކޭޝަން މިނިސްޓަރު

19 މާރިޗު 2024 - 13:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވަޒީރުންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


އަރަބިއްޔާ ސްކޫލް އަޅަން ހަރަދުވާނެ ވަރު އެނގޭނީ ޑިޒައިން ނިމުމުން: އެޑިއުކޭޝަން މިނިސްޓަރު

19 މާރިޗު 2024 - 13:50 0

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތަށް ހަރަދުވާނެ ސީދާ އަދަދެއް އެނގޭނީ އެތަނުގެ ޑިޒައިން އެއްކޮށް ފައިނަލްވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު، އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޝަފީއު އެހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ނ. ހޮޅުދޫ ދާއިރާގެ މެންބަރު، ޔޫނުސް އަލީ ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ. ޔޫނުސް ސުވާލު ކުރެއްވީ އަރަބިއްޔާ ސްކޫލު އެޅުމަށް ކުރީ ސަރުކާރުން ހަމަޖެއްސި ތަން ނޫން އެހެން ބިމެއްގައި އެ ސްކޫލް އެޅުމަށް މި ސަރުކާރުން ހަމަޖެއްސުމުން އަގަށް ކިހައިވަރެއްގެ ބަދަލެއް އަންނާނެތޯ އެވެ.

ޖަވާބުގައި ޝަފީއު ވިދާޅުވީ އައު ބިމުގެ ސާވޭ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި އެ ސާވޭއިން ލިބުނު މައުލޫމާތުގެ އަލީގައި ކުރިން އިމާރާތް ކުރުމަށް ހަދާފައި އޮތް ޑިޒައިންއަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އެ އިމާރާތަަށް ހަރަދުވާނެ ސީދާ އަދަދެއް ދަންނަވަން އެނގޭނީ ޑިޒައިންއަށް ގެންނާނެ ބަދަލުތައް ފައިނަލްވުމުން ކަމަށް ވެސް ޝާފީއު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައި އޮތީ ބައު ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެކަމަށްޓަކައި އެތަނުގައި ކުރިން ހުރި އިމާރާތް ތަޅާލައި ބިން ސާފު ވެސް ކުރި އެވެ. އެއަށްފަހު އިމާރާތުގެ ޑިޒައިން ނިންމައި އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި އެވެ.

ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު މިސަރުކާރުން ނިންމީ ކުރިން، ކުނިކޮށި ހުރި ބިމުގައި އަރަބިއްޔާ ސްކޫލު އެޅުމަށެވެ. އެ ބިން އަރަބިއްޔާއަށް ހަމަޖައްސާފައިވާކަން ރައީސް އޮފީހުން އިއުލާނު މިދިޔަ އަހަރުގެ ނޮވެމްބަރު 21، ގައި އިއުލާނު ކުރުމަށްފަހު ބުނީ މި ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް ޖުމުލަ 17 ހަފުތާއާއި ހަތަރު ދުވަސް ވީއިރު، އަދިވެސް އަރަބިއްޔާ ސްކޫލުގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ ސާވޭ ރިޕޯޓުގެ މައްޗަށް ބިނާކޮށް އިމާރާތުގެ ޑިޒައިންއަށް ގެންނަން ބޭނުންވާ ބަދަލުތައް ފައިނަލް އަދިވެސް ނުވާ ކަމަށެވެ. އިމާރާތަށް ހަރަދުވާނެ ސީދާ އަދަދު އަދި ނޭނގެނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެއަށް އެއްޗެއް ދަންނަވާލަން އެނގޭނީ އަޅުގަނޑުމެންނަށް ސަވޭ ކުރެވުނު އިރުގައި އެ ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ޑިޒައިންނިންއަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ވަނީނަމަ، އެ ބަދަލަށް ކޭޓާ ކުރަންޖެހޭނެތާ ކޮންމެވެސް ގޮތެއްވިޔަސް ދެއްތޯ ޑިޒައިން، އެ ފައިނަލް ވީމާ އަޅުގަނޑަށް އެއްޗެއް ދަންނަވާލަން އެނގޭނީ،" ޝަފީއު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ މަސައްކަތް އަދި ފެށިފައި ނުވާއިރު، މި ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް އަރަބިއްޔާ ސްކޫލް ނިންމައި، އެތަނުގައި ކިޔަވައިދޭން ފެށުމެވެ.