Advertisement

ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވުމުން ފޮރެސްޓްގެ ހަތަރު ޕޮއިންޓް އުނިކޮށްފި

19 މާރިޗު 2024 - 11:50 0


ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވުމުން ފޮރެސްޓްގެ ހަތަރު ޕޮއިންޓް އުނިކޮށްފި

19 މާރިޗު 2024 - 11:50 0

ލަންޑަން (މާޗު 19) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން އަމަލުކުރަންޖެހޭ މާލީ މިންގަނޑުތަކާ (ފައިނޭންޝިއަލް ފެއާޕްލޭ - އެފްއެފްޕީއާ) ހިލާފުވެފައިވާތީ ނޮޓިންހަމް ފޮރެސްޓަށް އަދަބު ދީ، އެ ކްލަބުގެ ހަތަރު ޕޮއިންޓް އުނިކޮށްފި އެވެ.

މި އަދަބާ އެކު ފޮރެސްޓް ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. ފޮރެސްޓް މިހާރު އޮތީ ތާވަލްގެ 18 ވަނައިގަ އެވެ.

ފޮރެސްޓްގެ މާލީ ގަވައިދާ ހިލާފުވެފައިވާކަން 2022-2023ގެ އެސެސްމަންޓް އިން ފާހަގަވުމާ އެކު، ޕްރިމިއާ ލީގުގެ އެ ކްލަބުގެ މައްސަލަ ތަހުގީގްކުރަން ފެށީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މި އަދަބާ ގުޅިގެން ފޮރެސްޓް އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ފޮރެސްޓް އިން ބުނީ އެ ކްލަބުގެ ޕްރިމިއާ ލީގަށް އެއްބާރުލުންދީ، މައުލޫމާތުތައް ފޯރުކޮށްދީފައިވާއިރު، އެ ކްލަބަށް އަދަބު ދިނުމުން "ޕްރިމިއާ ލީގަށް އޮތް އިތުބާރު ގެއްލިއްޖެ" ކަމަށެވެ.

ޕްރިމިއާ ލީގުގެ ކޮމިޝަނުން ނެރުނު ބުނީ ފޮރެސްޓަށް މާލީ ކަންތައްތައް އިސްލާހުކުރުމަށް އިންޒާރު ދެވުނު ނަމަވެސް، ޖެނުއަރީގައި ވެސް އެ ކްލަބުން ބެލީ އާ ކުޅުންތެރިން ގެންނަން ކަމަށެވެ.

"އެހެންކަމުން ޕްރިމިއާ ލީގުގެ ނަޒާހަތްތެރިކަން ދަމަހައްޓަން ފޮރެސްޓަށް ފިޔަވަޅުއަޅަން މަޖުބޫރުވޭ،" ޕްރިމިއާ ލީގުން ބުންޏެވެ.

ޕްރިމިއާ ލީގުން ވަނީ މާލީ ގަވައިދާ ހިލާފުވެގެން އެވަޓަންގެ 10 ޕޮއިންޓް އުނިކޮށްފަ އެވެ. އެކަމަކު، އެ ކްލަބުން އެޕީލްކުރުމުން އެ އަދަބު ވަނީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. އެވަޓަންގެ އިތުރު މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުންނެވެ.