Advertisement

ކޮވިޑް ގެ ބަލިމަޑުކަމުގައި ދިރާސީ އަހަރު ބަދަލުކުރީ ބެލެނިވެރިންގެ ރުހުން ނެތި: މިނިސްޓަރު

19 މާރިޗު 2024 - 11:43 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތައް އަޑުއައްސަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ


ކޮވިޑް ގެ ބަލިމަޑުކަމުގައި ދިރާސީ އަހަރު ބަދަލުކުރީ ބެލެނިވެރިންގެ ރުހުން ނެތި: މިނިސްޓަރު

19 މާރިޗު 2024 - 11:43 1

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސް ވަރު ރާއްޖޭގައި ދިރާސީ އަހަރު މިހާރު މި އޮތް ގޮތަށް (ޖޫން މަހުން ފަށާ ގޮތަށް) ބަދަލުކުރީ އެކަމަށް ހިޔާލު ހޯދަން ކުރި ސާވޭއެއްގަައި ބެލެނިވެރިންނާއި ޓީޗަރުންގެ ގިނަ ބަަޔަކު ނޫނެކޭ ބުނެފައި ވަނިކޮށް، ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ހުޅަނގު ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަފީއު ވިދާޅުވީ ކޮވިޑްގައި ދިރާސީ އަހަރު ބަދަލުކުރީ އެއްވެސް ހޯދުމަކަށް ބިނާކޮށްގެން ނޫން ކަމަށް ކުރިން ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ކަރުދާހެއް އެޑިއުކޭޝަން މިނިސްޓްރީގައި އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ދެންނެވުނީ އޭރު އަޅުގަނޑަށް ގަބޫލުކުރެވުނީ މާބޮޑު ޑޮކިއުމަންޓްތަކެއް ނެތް ކަމަށް. މި އިއްޒަތްތެރި މަޖިލީހުގެ މެންބަރަކު އަޅުގަނޑަށް ސުވާލެއް މަތިކުރީމާ އަަޅުގަނޑަށް ތަންކޮޅެއް ރަނގަޅަށް ބަލައިލެވުނީ. ބަލައިލި އިރުގައި ތިރީހަކަށް ހާސް ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ސެޓެއް މިނިސްޓްރީގައި އޮތް، އެއިން 69 އިންސައްތަ، ގާތް ގަނޑަކަށް 70 އިންސައްތައާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިހުގައި ވެސް އޮތް ގޮތަަށް ޖެނުއަރީން ފެށިގެން ޑިސެމްބަރަށް ޓާމް ބާއްވަން،" ޝަފީއު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ކޮށްފައިވާ ދިރާސާއާ ހަވާލާދެއްވައި އޭނާ ވިދާޅުވި ގޮތުގައި އެކަޑަމިކް ކަލަންޑަރު ބަދަލުކުރަން ދަރިވަރުންނާއި ޓީޗަރުން ވެސް ނޭދެ އެވެ.

"އެކަޑަމިކް ކަލަންޑަރާ ކުޅޭކަށް ރައްޔިތުންނެއް ނޭދޭ، ޓީޗަރުންނެއް ނޭދޭ، އަދި ދަރިވަރުންގެ ފަރާތުން ނެގިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު ދަރިވަރުންނެއް ވެސް ނޭދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރުގައި ދިރާސީ އަހަރު ބަދަލުކުރި އެއް ސަބަބެއް ކަމަށް ފެންނަން އޮތީ ބަޖެޓަރީ އަހަރާ ދިރާސީ އަހަރު ދިމާކުރުމެވެ. އެ ބަދަލަކީ އޭގެ ފައިދާއަށް ވުރެ ގެއްލުން މާ ބޮޑު ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.