Advertisement

ނުޒުހާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކޮށްފި, އުސޫލު ބަދަލުކޮށް ފަތްކޮޅު ފޮނުވީ ގެއަށް

18 މާރިޗު 2024 - 17:02 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ނުޒުހާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކޮށްފި, އުސޫލު ބަދަލުކޮށް ފަތްކޮޅު ފޮނުވީ ގެއަށް

18 މާރިޗު 2024 - 17:02 1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް އައްޔަން ކުރުމަށް ފެބްރުއަރީ، 21، ގައި މަޖިލީހުން ރުހުން ދީފައިވާ އައިމިނަތު ނުޒުހާ މަގާމަށް އައްޔަން ކުރުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބޭއްވުމުގެ ބަދަލުގައި މަގާމުގެ ފަތްކޮޅު ގެއަށް ފޮނުވައިފި އެވެ.

މަޖިލީހުން އޭނާގެ ނަން ފާސްކުރިތާ 26 ދުވަސްވެފައިވާއިރު އެކަމާ ގުޅިގެން "އަދަދު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު މިއަދު ހެނދުނު ވިދާޅުވީ "ވަރަށް އަވަހަށް އައްޔަނު ކުރައްވާނެ" ކަމަށެވެ.

އެ ހަބަރު "އަދަދު" ގައި ޝާއިއު ކުރި ފަހުން މިއަދު ނުޒުހާއަށް ވަނީ އޭނާ މަގާމަށް އައްޔަނުކުރި ކަމުގެ ރަސްމީ ލިޔުން ފޮނުވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ގޮތެއްގައި އަމަލުކުރަމުންދިޔަ ގޮތާއި ހިލާފަށް ނުޒުހާއަށް ފަތްކޮޅު ލިބުނީ އޭނާގެ ގެއަށް އެ ފަތްކޮޅު ރައީސް އޮފީހުން ފޮނުވުމުންނެވެ. "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ރައީސް މުއިއްޒު ސޮއިކުރައްވާފައި އޮތް ފަތްކޮޅު ލިބުނީ މެންދުރުފަހު 3:30 ހާއިރު އެވެ.

ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާ ކުރަން ޖެހޭ ބައެއް ނޫނެވެ.

އެހެން ނަމަވެސް, އެ ކޮމިޝަން އުފެދިގެން މިއަދާ ހަމައަށް އައިއިރު ވެސް މެމްބަރުން އައްޔަނުކުރާ ކޮންމެ ފަހަރަކު ރައީސް އޮފީހަށް ހާޒިރުވެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި ފަތްކޮޅާއި ހަވާލުވެ އެވެ. އަދި, ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކާ ބައްދަލުކުރައްވައި ރަސްމީ ގޮތުން މަޝްވަރާކުރެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމާއި އަދި ނިމިގެންދިޔަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ރައީސް އޮފީހުން އަމަލުކޮށްފައި ވަނީ އެހެންނެވެ.

އެ އޮފީހުން އަމަލުކުރަމުން އައި ގޮތް ކުއްލިއަކަށް ބަދަލުކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ. ނުޒުހާގެ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ނަން ފޮނުއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ނުޒުހާގެ އިތުރުން ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.