Advertisement

ކޯޓުތަކުގެ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު ދިހަ ބަންދު ނުވާނެ!

18 މާރިޗު 2024 - 15:19 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ސުޕްރީމް ކޯޓުގައި ހަރުކޮށްފައިވާ ދައުލަތުގެ ނިޝާން. ސަރުކާރު އޮފީސްތައް ފަހު 10 ގައި ބަންދުކުރި ނަމަވެސް ކޯޓުތަކުން ހިދުމަތް ދޭން ޖެހޭތީ މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި ތިބެގެން --- ފޮޓޯ: އަދަދު ފައިލް


ކޯޓުތަކުގެ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު ދިހަ ބަންދު ނުވާނެ!

18 މާރިޗު 2024 - 15:19 1

ރޯދަ މަހުގެ ފަހު ދިހަ ބަންދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވީ ނަމަވެސް ކޯޓުތަކުގެ މުވައްޒަފުންނަށް އެ ދުވަސްތައް ބަންދުކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަނޑައަޅައިފި އެވެ.

ރޯދަމަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާ ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެމަނިކުފާނުގެ ޗީފް އޮފް ސްޓާފް އަބްދުالله ފަޔާޒް ސޮއިކުރައްވައި އެކި އިދާރާތަކަށް ފޮނުވި ލިޔުމެއްގައި ވަނީ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން, ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމުގެ އިންތިޒާމު, އެ މުއައްސަސާއަކުން ކަނޑައެޅުމަށް އަންގަވާފަ އެވެ.

"ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ވޯކް ފްރޮމް ހޯމްގެ ދުވަސްތަކެއްގެ ގޮތުގައި މި ޑިޕާޓްމަންޓުގައި ހަމަޖެއްސިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ދުވަސްތަކަކީ މެމްސްގެ ތެރެއިން ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސިފައި ނުވާނެ ވާހަކަ ދެންނެވީމެ," ޑީޖޭއޭ އިން އިއްޔެ ކޯޓުތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވެ އެވެ.

އެގޮތުން, ކުށާއި ދަރަނީގެ ރެކޯޑުތައް އެންޓާ ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް 11:00 އިން 01:00 ކުރާނެ ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.

މެމްސް ކަމަށް ބަޔާންކޮށްފައި އެ ވަނީ މޯލްޑިވްސް އީކޯޓް މެނޭޖުމަންޓު ސިސްޓަމެވެ. މި ސިސްޓަމްގައި އެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއް ނޫން ކަމަށް ކަނޑައަޅާފައިވާތީ މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ވެސް ނުލިބޭނެ އެވެ.

ނަމަވެސް, ސަރުކާރުގެ މުވައްޒަފުން ފަހު ދިހައެއްގައި ކުރާ މަސައްކަތަށް އުޖޫރަ ހިނގާނީ ރަސްމީ ބަންދު ދުވަހެއްގައި ކުރި މަސައްކަތެއްގެ ގޮތުގައި ބަލައިގެންނެވެ.

އާންމު އުސޫލެއްގެ ގޮތުން ސަރުކާރުން ބަންދު ކުރާ ދުވަސްތަކުގައި ކޯޓުތަކުގެ މުވައްޒަފުން ވެސް މަސައްކަތަށް ނުކުންނަން ނުޖެހެ އެވެ. އެ މުވައްޒަފުންނަށް ވެސް އެ ދުވަސްތައް ކަނޑައަޅަނީ ބަންދު ދުވަސްތަކެއްގެ ގޮތުގަ އެވެ.