Advertisement

ސަރުކާރުން ބުނަނީ ހޮސްޕިޓަލް އަޅަން ކުވައިތު ފަންޑުން ދިން ފައިސާ ކަނޑާލާފައިވާ ކަމަށް

18 މާރިޗު 2024 - 12:30 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންނަށް ޖަވާބުދެއްވަނީ.


ސަރުކާރުން ބުނަނީ ހޮސްޕިޓަލް އަޅަން ކުވައިތު ފަންޑުން ދިން ފައިސާ ކަނޑާލާފައިވާ ކަމަށް

18 މާރިޗު 2024 - 12:30 0

ށ. މިލަންދޫ ގައި 30 އެނދުގެ ހޮސްޕިޓަލާއި އެހެން ބައެއް ހޮސްޕިޓަލްތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ހުއްޓާލައިފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ މިލަންދޫގައި އަޅަން ކުރީގެ ސަރުކާރުން ނިންމި ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި އޮތީ ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ހުއްޓައިލުމުން ކަމަށެވެ. ކުވައިތު ފަންޑުގެ އެހީ އަލުން ހޯދައިގެން ނުވަތަ އެހެން ގޮތަކުން ފައިސާ ހޯދައިގެން ނަަމަވެސް މިލަންދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިލަންދޫގައި އެޅުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލަކީ ވެސް ކުވައިތު ފަންޑުގެ ތެރެއިން، އެ ފަންޑުން ކުރިއަށް ދާން އޮތް ހޮސްޕިޓަލެއް ނަމަވެސް އެ ފަންޑު އަނބުރާ ގެންދިއުމުގެ ސަބަބުން، ނޫނީ ހުއްޓައިލުމުގެ ސަބަބުން ހަމަ ކުރިއަށް ނުގެންދެވި އޮތް ވާހަކަ ދަންނަވަން،" ހަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުވައިތު ފަަންޑުގެ އެހީގައި ކުރިއަށް ގެންދިއުމުގެ ބަދަލުގައި ދައުލަތުގެ ބަޖެޓުން ކުރިއަށް ގެންދަން މިދިޔަ އަހަރު ފަހުކޮޅު ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުވައިތު ފަންޑާ ބެހޭ ގޮތުން މިނިސްޓަރު މިމޭރުމުން ވާހަކަ ދެެއްކެވުމުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ވެލިދޫގައި އަޅަން ނިންމި 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ހަވާލުކުރީ ކުވައިތު ފަންޑް ގެ އެޕްރޫވަލްއާ އެއްކޮށް ކަމަށެވެ. އެހެންވީމާ ކުވައިތު ފަންޑުގެ އެހީ ހުއްޓުމާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު ދެއްވަން އޭނާ އެދިވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މައުލޫމާތު ހޯއްދަވާފައި ފަހުން ދެއްވާނެ ކަމަށެވެ.

އޭގެ ފަހުން ވިލުފުށި ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފު ސުވާލުކުރެއްވީ ކުވައިތު ފަންޑުގެ ފައިސާ އަނބުރާ ގެންދިޔަ ސަބަބާ ބެހޭ ގޮތުންނެވެ.

ހަލީލު ވިދާޅުވީ އިންޓަނޭޝަނަލް ފަންޑުން ދޭން ނިންމި ފައިސާ އަނބުރާ ގެންދިޔައީ އެ ފަންޑުގެ އުސޫލާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދަން އުޅުުމުން ކަމަށެވެ.

މިނިސްޓަރުގެ އެ ވާހަަކައަށް ރައްދު ދެއްވައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ފަންޑުގެ އުސޫލާ ރާއްޖޭން ހިލާފުވި ނަމަ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރަން ފުރުސަތު ނުލިބުނީސް ކަމަށާއި އެ ކަމުގެ ރަނގަޅު މައުލޫމާތު މިނިސްޓަރު މަޖިލީހަށް ދެއްވަން އެދޭ ކަމަށެވެ.