Advertisement

ކުރިއަށް އޮތް ފަސް އަހަރު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވާނީ ގަތަރުގައި

17 މާރިޗު 2024 - 10:03 0


ކުރިއަށް އޮތް ފަސް އަހަރު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވާނީ ގަތަރުގައި

17 މާރިޗު 2024 - 10:03 0

ޒިއުރިކް (މާޗު 17) - ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ގެނައި ބަދަލުތަކާ އެކު، މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ މުބާރާތް ބާއްވަން ނިންމައި، ކުރިއަށް އޮތް ފަސް އަހަރު މުބާރާތުގެ ހޯސްޓަކަށް ގަތަރު ހަމަަޖައްސައިފި އެވެ.

ފީފާ އިން 17 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި، އެ މުބާރާތުގައި ވާދަކުރާ ޓީމުގެ އަދަދު 48 އަށް އިތުރުކުރުން ހިމެނެއެވެ. އެންމެ ފަހުން މި މުބާރާތުގައި ވާދަކުރީ 24 ޓީމެވެ.

މީގެ އިތުރުން ދެ އަހަރުން އެއް އަހަރު ބާއްވަމުން ދިޔަ މުބާރާތް މި އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު ބޭއްވުމަށް ފީފާ އިން ވަނީ ނިންމައިފައެވެ.

ފީފާ އިން ނިންމާފައިވަނީ 2025 އިން 2029 އަށް 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަށެވެ. މި މުއްދަތުގައި އަންހެނުން 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގައެވެ.

ފީފާ އިން ބުނީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތައް އިތުރުކޮށް، ކޮންމެ އަހަރަކު މުބާރާތް ބޭއްވުމަކީ، ގިނަ ކުޅުންތެރިންތަކަކަށް އެ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ.

ގަތަރަކީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓެވެ. އަދި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްވެސް ހޯސްޓް ކުރީ ގަތަރުންނެވެ.

"ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ވަރަށް ކާމިޔާބު. ފީފާގެ އިތުރު މުބާރާތެއް ގަތަރުގައި ބާއްވާ ގޮތަށް ހަމަޖެހުނީމަ ވަރަށް ހިތްހަމަޖެހޭ،" ފީފާގެ ރައީށް ޖިއާނީ އިންފަނީޓޯ ބުންޏެވެ. "ގަތަރުގެ ސާބިތުކޮށްދީފި އެ ގައުމަކީ މިފަދަ މުބާރާތްތައް ވަރަށް ފުރިހަމައަށް ހޯސްޓްކުރެވޭނެ ގައުމެއްކަން."