Advertisement

ބިންތައް ހިއްކުމުގެ މުގާބިލުގައި ސީއެމްސީއަށް 90 ހެކްޓަރުގެ ބިމާއި 20 މިލިއަން ޑޮލަރު

16 މާރިޗު 2024 - 15:21 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށި ދުވަހު އެޗްޑީސީ އާއި ސީއެމްސީ އާއި ބޮސްކާލިސްގެ ބައެއް ވެރިންނާއި މުވައްޒަފުން: ސީއެމްސީއާ ހަވާލުކުރާ މަޝްރޫއުތަކުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރަނީ ބޮސްކާލިސްއިން -- ފޮޓޯ: އެޗްޑީސީ


ބިންތައް ހިއްކުމުގެ މުގާބިލުގައި ސީއެމްސީއަށް 90 ހެކްޓަރުގެ ބިމާއި 20 މިލިއަން ޑޮލަރު

16 މާރިޗު 2024 - 15:21 0

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކޮށްގެން ހިއްކާ ބިންތަކުގެ ބަދަލުގައި 89.6 ހެކްޓަރުގެ ބިމާއި އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

ސީއެމްސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހޯދަން "އަދަދު" ގެ ނޫސްވެރިއަކު ފޮނުވި އާރުޓީއައިއެއްގެ ޖަވާބުގައި އެޗްޑީސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ހަތަރު ސަރަހައްދަކުން ބިން ހިއްކުމުގެ މަސައްކަތް ސީއެމްސީސީއާ ހަވާލުކޮށްފައިވެ އެވެ. އެއީ ތިލަފުއްޓާއި ދިޔަނެރު ފަޅާއި ހުޅުމާލޭ ތިންވަނަ ފިޔަވަހި އަދި ފުށިދިއްގަރު ފަޅެވެ. މިތަންތަނުން ހިއްކަން ހަވާލުކޮށްފައިވާ ބިމުގެ ބޮޑުމިނަކީ 1249.8 ހެކްޓަރެވެ.

ސީއެމްސީއާ ހިއްކަން ހަވާލުކޮށްފައިވާ ބިމުގެ ސައިޒު (ހެކްޓަރުން)

  1. ތިލަފުށި - 9.6 ހެކްޓަރު
  2. ދިޔަނެރުފަޅު - 24.6 ހެކްޓަރު
  3. ހުޅުމާލެ ތިންވަނަ ފިޔަވަހި - 62.6 ހެކްޓަރު
  4. ފުށިދިއްގަރު - 1153 ހެކްޓަރު

ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ތިލަފުއްޓާއި ދިޔަނެރު ފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގައި އެޗްޑީސީ (އޭރުގެ އާބަންކޯ) އިން ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓުގެ ތެރޭގަ އެވެ. ފުށިދިއްގަރު ފަޅު މަޝްރޫއުގައި ސޮއިކުރީ ޑިސެމްބަރުގެ ތެރޭގަ އެވެ.

ދިޔަނެރު ފަޅާއި ތިލަފުއްޓާއި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީއާ ހަވާލުކުރުމަށްފަހު އެޗްޑީސީން ބުނީ އޭރު މި މަޝްރޫއުގެ އަގަކީ 259 މިލިއަން ޑޮލަރު (3.98 ބިލިއަން ރުފިޔާ) ކަމަށެވެ. އަދި އެ ފައިސާ އަދާކުރަން ހަމަޖެހިފައިވަނީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ތިލަފުށިން 9.6 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށެވެ.

އެޗްޑީސީން އާރުޓީއައިގައި ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މި ބިންތައް ސީއެމްސީއަށް ނުދޭ ކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް މި ހުރިހާ ބިމެއްގެ ޑިވެލޮޕްމަންޓް ރައިޓްސް (ތަރައްގީކުރުމުގެ ހައްގު) އޮތީ 99 އަހަރަށް އެ ކުންފުންޏަށް ދީފަ އެވެ. އަދި އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދީފަައިވެ އެވެ.

ކުރީގެ މެނޭޖުމަންޓުން މި މަޝްރޫއުގެ އަގު ހާމަކުރި ނަމަވެސް މިހާރުގެ މެނޭޖުމަންޓުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އޮންނަ ވިޔަފާރީގެ ސިއްރުތަކާ ގުޅޭ މާއްދާ ނެގުމަށް ފަހު، ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ސީއެމްސީއާ ހަވާލުކުރި އަގު ހާމަކުރަން ދެކޮޅު ހަދައިފަ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ސީއެމްސީއާ ހަވާލުކޮށްފައިވަނީ ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ޑިވެލޮޕްމަންޓް ރައިޓްސް ދީގެންނެވެ. މި މަޝްރޫއަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައި ނުވެ އެވެ.

އެޗްޑީސީން މި މަޝްރޫއަށް ހިނގާނެ އަގު ހާމަނުކުރި ނަމަވެސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި މަޝްރޫއަށް ކޮންޓްރެކްޓަރުގެ އަތުން ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށެވެ.