Advertisement

ސެންޓްރަލް ޕާކު ކައިރި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފި

26 އޭޕްރީލް 2024 - 15:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލެ މަގުމަތި : ސެންޓްރަލް ޕާކު ކައިރި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފި - ފޮޓޯ: އަދަދު


ސެންޓްރަލް ޕާކު ކައިރި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފި

26 އޭޕްރީލް 2024 - 15:52 0

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފި އެވެ.

ވައްކަން ކޮށްފައިވާ ފޮށިތަކުގެ ފޮޓޯއާއެކު މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ މިވަގުތު ސެންޓްރަލް ޕާކުގައި "ވެކޭޝަން އެކްސްޕޯ" ކުރިއަށް ގެންދާ ހައިރައިސް ކުންފުނީގެ ވެރިޔާ އިސްމާއިލް ހަމީދެވެ.

އޭނާގެ ދެ ފޮށްޓެއްގެ ފޮޓޯ ހިއްސާކޮށްފައިވާއިރު، މިކަމާ ގުޅިގެން މިހާތަނަށް ސްޓެލްކޯގެ އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި އިސްމާއިލް ވަނީ މި ފޮށިތަކަކީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ކުރިމަތީ ހުރި ފޮށިތަކެއް ކަމަށާއި އެވަގުތު ޕާކުގައި ކުރިއަށް ގެންދިޔަ އިވެންޓުގެ ސެކިއުރިޓީން ވެސް ހަރަކާތްތެރިވަމުންދިޔަ ކަމަށް ބުނެފަ އެވެ.

މިފަދަ އާންމު ތަންތަނުން ވައްކަން ކުރަމުންދާއިރު، ރައްޔިތުންގެ ގެތަކުގައި ހުންނަ އެމީހުންގެ ތަކެތި ސަލާމަތުން ގެންގުޅޭނީ ކިހިނެތްތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

ނުރައްކާތެރި ނަމަވެސް ކަރަންޓު ކޭބަލްތަކާއި ޓްރާންސްފޯމަރުތަކުގައި ހުންނަ އެހެން ތަކެތި ވަގަށް ނެގުން މިހާރު ވަނީ އާންމުވެފަ އެވެ. އެގޮތުން، މާޗު 24، ގައި ހުޅުމާލޭ ފޭސް ދޭއްގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ޒުވާނަކު ވަނީ މަރުވެފަ އެވެ.

އެ ހާދިސާ ހިނގީ ޓްރާންސްފޯމަރުކުން ވައްކަން ކުރުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމުގެ އިންޒާރު އޭގެ ދެތިން ދުވަސް ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދެއްވާފައި ވަނިކޮށެވެ.