Advertisement

އަރަބިއްޔާގެ އައު އިމާރާތުގެ ކުރެހުމަށް ބަދަލު ގެންނަނީ

16 މާރިޗު 2024 - 15:28 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އަރަބިއްޔާގެ އައު އިމާރާތުގެ ކުރެހުމަށް ބަދަލު ގެންނަނީ

16 މާރިޗު 2024 - 15:28 1

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ ކުރެހުމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތާ ގުޅޭ ގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން ސާވޭ ކުރިއިރު، އެ ބިން ޑަމްޕުކޮށް އޮތްކަން ފާހަގަކުރެވުނު ކަމަށެވެ.

އެގޮތުން ބިމުގައި ލޭންޑް ފިލްކުރަން ނުވަތަ ޝީޓްޕައިލް ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާލޭގެ އާންމު ބިން ހުންނަ ގޮތަކަށް ނޫން އެތަން އޮތީ. ވަރަށް ބައިވަރު ކޮތަޅުތަކާއި އަދި ބިމުގެ ސްޓްރެންތު ވަރުގަދަ ނުވާނެކަހަލަ ކުނިތައް އަޅާފައި ހުރީ" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާވޭގެ މައްޗަށް ބިނާކޮށް ކުރެހުމަށް ގެންނަން ޖެހޭ ބަދަލުތައް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ އެވެ އެހެން ނަމަވެސް އެ ބަދަލުތަކާ ގުޅިގެން މަސައްކަތުގެ ޓައިމްލައިނަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެ ކަމަށެވެ.

ރޯދައިގެ ފަހުން އެ ސްކޫލު އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ޕްރޮޖެކްޓަކީ އެޑިއުކޭޝަން މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ އެއް ޕްރޮޖެކްޓު ކަމަށާއި، އެ އިމާރާތުގެ މަސައްކަތް ނިންމައި 2026 ވަނަ އަހަރު ކިޔަވައި ދޭން ފެށުމަކީ އަމާޒެއް ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި ކަމަށް ބުނެފައިވާ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރާ ބިމުގައި އަދިވެސް އާރްޑީސީގެ ވެހިކަލްތައް ބަހައްޓާފައިވާއިރު، މިނިސްޓަރު ވިދާޅުވީ އާރްޑިސީގެ ވެހިކަލްތައް ބަހައްޓަން ހުއްދަ ދިނީ ބިމުގައި ކޮނުމުގެ މަސައްކަތް ފެށެންދެން ކަމަށެވެ.