Advertisement

މިއަދު ފެށިގެން މި ދިޔައީ އިގުތިސާދީ، އިންސާނީ ގައުމީ މަސައްކަތެއް: ރައީސް

16 މާރިޗު 2024 - 00:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


މިއަދު ފެށިގެން މި ދިޔައީ އިގުތިސާދީ، އިންސާނީ ގައުމީ މަސައްކަތެއް: ރައީސް

16 މާރިޗު 2024 - 00:42 0

ދިވެހި އަސްކަރިއްޔާއަށް ވައިގެ ބާރު ތައާރަފުކޮށް އަމިއްލަ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ފެށުމަކީ އިގުތިސާދީ އަދި އިންސާނީ ސަލާމަތްތެރިކަމަށްޓަކައި ފެށުނު ވަރަށް ބިޔަ ގައުމީ މަސައްކަތެއް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ވައިގެ ބާރު، އިފްތިތާހު ކުރުމަށް ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ދިވެހިން އަމިއްލައަށް ބަލަހައްޓަން ފެށުމުން ދިވެހީންގެ މިނިވަންކަން ދިވެހީންނަށް މިއަދު އިހުސާސް ވާނެ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި އަޅުގަނޑުމެންގެ އިގުތިސާދީ މަސައްކަތްތަކާއި އިންސާނީ ސަލާމަތްތެރިކަމަށްޓަކައި މިއަދު މި ފެށިގެން މިދަނީ ވަރަށް ބޮޑު ވަރަށް ބިޔަ ގައުމީ މަސައްކަތެއް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓީމާ އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް އެބަ ޔަގީންވެގެންދޭ،"

ކަނޑުމަތީ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުން ހޯދުމުގަ އާއި ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި ހޯދުމުގައި މީގެ ކުރިން ބަރޯސާވާން ޖެހިފައި އޮތީ އެހެން ގައުމުތަކުގެ އެހީއަށްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެގޮތަށް އެކަން އޭރު ކުރަން ޖެހިފައި އޮތީ އަމިއްލައަށް އެކަންކަން ކުރުމުގެ ގާބިލުކަން ލިބިފައި ނެތުމުން ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި އޮތް ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ސަރަހައްދަކީ މީގެ ފަހުން 24 ގަޑިއިރު ބެލެއްޓޭނެ ތަނަކަށްވުމުން މިއަދުން ފެށިގެން ހާލުގައި ޖެހިގެން ހޯދަންޖެހޭ މީހާ ނުހޯދިގެން މީގެ ކުރިން އުޅެން ޖެހުނުހައި ވަގުތު ދެން އުޅެން ނުޖެހޭނެކަމުގެ ޔަގީންކަން މިއަދު ލިބިއްޖެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ޑްރޯންތައް މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށުމުން ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މަގުތައް ބަންދު ކުރުމަށް ކުރާ މަސައްކަތް ވެސް ކާމިޔާބު ވާނެ ކަމުގެ އުއްމީދު އައުވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރަށްރަށަށް ޑްރަގު އެތެރެކޮށް ކަނޑުމަގުން އެތެރެކޮށް ހެދުމުގައި މިހާރު ދެން މީގެފަހުން އަޅުގަނޑުމެންގެ ސާވައިލަންސް ވަރުގަދަވެގެން ދިޔައީމާ މި ޔޫއޭވީތަކުގެ އެހީގައި އެކަން ހުއްޓިގެން ދާނެ އިރާދަކުރެއްވިއްޔާ، އެ ހިސާބަށް އަޅުގަނޑުމެން ގެންދަން މަސައްކަތް ކުރާނީ، އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުން މިރޭ ތައާރަފު ކުރި "ރަސްއައިން" އެޕްލިކޭޝަން މެދުވެރިކޮށް ޔޫއޭވީތަކުގެ އެހީގައި ކަނޑުގައި މަސްއައިން ހުރި ތަނާއި މަސް ދަތުރު ކުރަމުންދާ މިސްރާބު ވަގުތުން ވަގުތަށް ބަލައިލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދިވެހި ކަނޑުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަންޖެހޭ ކަމަށް ވިދާޅުވެ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކައަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ޑްރޯންތައް ބޭނުން ކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށުމުން ދިވެހި މަސްވެރިކަން މުޅި މި ސަރަހައްދަށް ފުޅާވެގެން ދާނެ ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު މި ގެންގުޅޭ ސައިޒަށްވުރެ، އަދި ފެންވަރަށް ވުރެ ވެސް މަތީ ފެންވަރުގެ މަސްދޯނިތައް ބަނދެ، މި ބިޔަ ބޮޑު ސަރަހައްދުގައި މަސް އައިންތައް އުޅޭ ސަރަހައްދުތައް އެނގެން ފެށީމާ ނުކުމެ މަސްވެރިކަންކޮށް އަދި އެކިކަހަލަ އޯޝަން ރިސޯސަސްތަކުގެ ބޭނުން ހިފަން އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ޑްރޯންތައް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށުމުން އަމިއްލަ އިގުދިސާދު ނަގައި ކޮޅަށް ޖަހައި އިގުސާދީ މިނިވަންކަން ވެސް ރާއްޖެއަށް ލިބިގެންދާނެކަން ހުރިހާ އެންމެން ވެސް ގަބޫލު ކުރުމަށާއި ދިވެއްސަކަށް ވީތީ ފަހުރުވެރިވުމުގެ ވިސްނުމުގެ ތެރެއަށް ސިޔާސީ ފިކުރު ނުވެއްދުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.