Advertisement

ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ ވިޔަފާރި ކުރާ ގޮޅިތައް ޖޫރިމަނާ ކުރަން ފަށައިފި

15 މާރިޗު 2024 - 16:51 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ ލޯކަލް މާރުކޭޓު -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ ވިޔަފާރި ކުރާ ގޮޅިތައް ޖޫރިމަނާ ކުރަން ފަށައިފި

15 މާރިޗު 2024 - 16:51 1

މާރުކޭޓު ގޮޅިތަކުގައި ފާސްނެތި ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރަމުންދާ ގޮޅިތަކުގެ ވެރިން ޖޫރިމަނާކުރަން މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ ވިދާޅުވީ މިއަދު ހެނދުނު ވެސް ސިޓީ ކައުންސިލުގެ ފަރާތުން ލޯކަލް މާރުކޭޓަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަށް ބިދޭސީން ގޮޅިތަކުގައި ބައިތިއްބައިގެން ވިޔަފާރި ކުރި ދެ ތަނެއްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

"މިއަދު ހެނދުނު ވެސް ދެ ގޮޅީގެ ވެރިން ޖޫރިމަނާ ކުރި، ދެން ކުރިއަށް އޮތް ތަނުގައި ހަމަ ގަވާއިދާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަމުން ދާނީ، މިހައިތަނަށް މިމަހު ނުވަ މީހަކު ވާނީ ޖޫރިމަނާ ކޮށްފައި،" ޝަތުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން، ގަވާއިދާ ހިލާފަށް ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރާ ގޮޅިތަކުގެ ވެރިން ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު 2000ރ. އިން ކަމަށެވެ. އަދި ތަކުރާރުވާނަމަ، ދެވަނަ ފަހަރު ރަތް އިންޒާރަކާ އެކު 4000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ޝަތުފާ ވިދާޅުވި އެވެ. އެވަރުން ވެސް އެކަން އިސްލާހު ނުކޮށްފިނަމަ ގޮޅި އަތުލުމުގެ ބާރު ވެސް ކައުންސިލަށް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ބާޒާރު މަތީގައި މަގުމައްޗަށް ވާގޮތަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުންދާ މީހުން ވެސް ޖޫރިމަނާ ކުރަން ފަށައިފަ އެވެ. އެގޮތުން އެދުވަހު ޕޭމަންޓު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުންދިޔަ ހަތަރު މީހަކު ޖޫރިމަނާ ކުރި ކަމަށް ޝަތުފާ ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުމައްޗަށް ކުނި އަޅައި ގޮނޑު ކުރަމުން ދާތީ އެފަރާތްތައް ވެސް ދެނެގަނެ، ޖޫރިމަނާ ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދަން ފަށާފައިވާ ކަމަށް ވެސް ޝަތުފާ ވިދާޅުވި އެވެ.

މާލެ ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ ސިޓީ ކައުންސިލުން ވަނީ ފާއިތުވި ނަވާރަ ދުވަހުގެ ތެރޭގައި މާލޭގެ މަގުމައްޗަށް އަޅާފައި ހުރި 342.25 ޓަނުގެ ކުނި ނަގައި އުކާލައިފަ އެވެ.

ކޮންމެ ދުވަހަކު ވެސް މަގުމަތީގައި ހުރި ކުނިތައް ނަގައި އުކާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން ދާއިރު، އަދިވެސް ބައެއް ސަރަހައްދުތަކަށް ގޭގެއިން ދަނީ މަގުމަތީގައި ކުނި ބަހައްޓަމުންނެވެ.