Advertisement

ބިދޭސީ ލޭބަރުން ރެގިއުލަރައިޒްކުރުމުގެ ބޮޑު މަސައްކަތެއް ބުރާސްފަތި ދުވަހު ފަށަނީ

29 އޭޕްރީލް 2024 - 22:25 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހޯމް މިނިސްޓަރު އަލީ އިހުސާން، ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ބޮޑު މަސައްކަތެއް މެއި 2، ގައި ފަށާނެ ކަަމަށް. ފޮޓޯ: ރައީސް އޮފީސް


ބިދޭސީ ލޭބަރުން ރެގިއުލަރައިޒްކުރުމުގެ ބޮޑު މަސައްކަތެއް ބުރާސްފަތި ދުވަހު ފަށަނީ

29 އޭޕްރީލް 2024 - 22:25 0

ސައްހަ ލިޔެކިއުން ނެތި، ރާއްޖޭގައި ބިދޭސީން ތިބި އަދަދު ދެނެގަނެ އޭގެ ތެރެއިން ގާނޫނީ އިމުގެ ތެރެއަށް އަނބުރާ ގެނެވެން (ރެގިއުލަރައިޒް ކުރެވެން) ތިބި މީހުންނަށް ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒާއި މިނިސްޓަރުން، ރައްުޔިތުންގެ ސުވާލުތަކަށް ޖަވާބުދޭން "އަހާ ފޯރަމް"ގެ ނަމުގައި ޕީއެސްއެމް އިން ކުރިއަށް ގެންދާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބިދޭސީ ލޭބަރުންގެ މައުލޫމާތު އެއްކޮށް، އަދަދު ދެނެގަތުމުގެ މައްސަކަތް މެއި 02، ގައި ފަށާނެ ކަމަށެވެ. އޭނާ ވިދާޅު ގޮތުގައި އެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށް ގެންދާނެ އެވެ.

އަންސްކިލްޑް ބިދޭސީ ލޭބަރުން ރާއްޖޭގައި ތިބި ސީދާ އަދަދު ސަރުކާރަށް އަދި ނޭނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ކުރަމުން މިދާ މަސައްކަތަކީ މިހާރުން ފެށިގެން އެއް އަހަރު ތެރޭގައި، މިހާރު އެ މަސައްކަތް އެއް އަހަރު ގުނަން އަޅުގަނޑުމެން ފަށައިފިން އޮލްރެޑީ. އަދި އެ މަސައްކަތާ ގުޅޭ ބައެއް މަސައްކަތްތައް ވެސް ކުރެވިފައި ވަނީ. މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަން ސްކިލްޑް ލޭބާ މިކިޔާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި، އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވޯކްޕާމިޓް ރެކޯޑްތަކާ އެމީހުންނާ ދިމާކުރަނީ،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް މީހުން ހޯދުމަށް ފަހު، ރެކޯޑް ބަލަހައްޓާ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އެެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ އެވެ. އެގޮތަށް ދެނެގަންނަ އިރު އެމީހުން ތިބި ތަންތަން ވެސް ދެނެގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މެއި ދެވަނަ ދުވަހު އަޅުގަނޑުމެން އެ މަސައްކަތުގެ އަމަލީ މަސައްކަތް ކާފު އަތޮޅު ހިންމަފުށިން އެބަ ފަށަށް، އަޅުގަނޑުމެން އެއް ފަހަރާ ފަށާނަން ރާއްޖޭގެ ހުރިހާ ރަށެއްގައި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ،" އިހުސާން ވިދާޅުވި އެވެ.

އެ މަސައްކަތް ކުރާނީ ރަށު ކައުންސިލްތަކާ ފުލުހުން ގުޅިގެން ކަމަށާއި ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ މައުލޫމާތު ވެސް އެ މަސައްކަތުގެ ތެރެއިން އެއްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކެއްގެ ހަވާލުގައި ގެނެސްފައި ހުންނަ ބިދޭސީއަކު އަނެކަކާ ހަވާލުކުރުން މިހާރު އޮންނަނީ ގާނޫނީ ގޮތުން އުނދަގޫކޮށް ކަމަށާއި ސަރުކާރުން އެކަން ފަސޭހަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ހާލަތްތަކުގައި އޭނާ [ބިދޭސީ މީހާ] ބޭރަށް ފޮނުވަން ވެސް ޖެހޭ، ފޮނުވާފައި އަލުން އަނބުރާ ގެންނަން ވެސް ޖެހޭ. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމަކީ މި ޕްރޮސެސް ވަރަށް ފަސޭހަކޮށްދިނުން،" އޭނާ ވިދާޅުވި އެެެވެ.

އެ ކަން ފަސޭހަކޮށް ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ގެނައުމަކީ [ރެގިއުލަރައިޒް ކުރުމަކީ] މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ދެވަނަ ފިޔަވައްސެވެ.