Advertisement

ފާއިތުވި ދެ ރޭ ނުގަވާއިދުން ޕާކު ކޮށްފައި ހުރި 88 އުޅަނދު ފުލުހުން ޓޯ ކޮށްފި

15 މާރިޗު 2024 - 14:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަގުމަތީގައި ނުގަވާއިދުން ޕާކުކޮށްފައި ހުރި އުޅަނދުތަކެއް ފުލުހުން ޓޯ ކުރަނީ -- ފޮޓޯ: ޕޮލިސް މީޑިއާ


ފާއިތުވި ދެ ރޭ ނުގަވާއިދުން ޕާކު ކޮށްފައި ހުރި 88 އުޅަނދު ފުލުހުން ޓޯ ކޮށްފި

15 މާރިޗު 2024 - 14:55 0

ފާއިތުވި ދެ ރޭ، މާލޭގެ މަގުމަތީގައި ނުގަވާއިދުން ޕާކު ކޮށްފައި ހުރި 88 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 40 އުޅަނދު އަދި ރޭ 48 އުޅަނދު ފުލުހުން ޓޯ ކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަން ފުލުހުން ފެށީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ވެހިކަލް ޕާކު ކުރުމުގައި ދިން ލުޔާ ގުޅިގެން ޕާކު ކުރުމުގެ މައްސަލަ ބޮޑުވެ މަގުތައް މަތީގައި ހިނގާބިނގާވެ އުޅުމަށް އުނދަގޫވާ ހިސާބަށް ކަންކަން ދިއުމުންނެވެ.

ނުގަވާއިދުން ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަން ފަށާނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދިނީ މިމަހުގެ 3، ގަ އެވެ. އިންޒާރަށްފަހު ފުލުހުން ދަނީ ނުގަވާއިދުން ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ އިތުރުން ހަލަބޮލިވާ ސަރަހައްދުތަކުގައި ފޯރި ވެސް މަރަމުންނެވެ.

ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. ގެ ދަށުންނެވެ.

ނުގަވާއިދުން ޕާކު ކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ޕާކު ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ ޕާކު ކުރާނެ ޖާގަ ނުދައްކައި ކުރީ ސަރުކާރުން ޖޫރިމަނާ ކޮށްފައި ވާތީ އެ ސަރުކާރަށް ފާޑު ވެސް ވިދާޅުވެފަ އެވެ.