Advertisement

އެމްޓީސީސީގައި ދަރަނި އޮތް ކަމަށް ބުނަނީ ހިސާބު ކިޔަން ނޭނގޭތީ: އާޒިމް

14 މާރިޗު 2024 - 16:28 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މޭޔަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްފަހު އުފާ ފާޅު ކުރުމަށް އެމްޑީޕީން ބޭއްވި ހަފުލާގައި އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


އެމްޓީސީސީގައި ދަރަނި އޮތް ކަމަށް ބުނަނީ ހިސާބު ކިޔަން ނޭނގޭތީ: އާޒިމް

14 މާރިޗު 2024 - 16:28 2

ވެރިކަން ބަދަލުވިއިރު، އެމްޓީސީސީގައި 900 އަށްވުރެ ގިނައިން ދަރަނި އޮތް ކަމަށް އެ ކުންފުނީގެ މިހާރުގެ ވެރިން ބުނަނީ ހިސާބު ކިޔަން ނޭނގޭތީ ކަމަށާއި އެވަރުގެ ދަރަންޏެއް ނުވެސް އޮންނާނެ ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުގެ އެއްޗެއް ކަޅެއް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީއާ މިހާރު ހަވާލުވެތިއްބެވި ބޭފުޅުން އެ ކުންފުނި ދަރަނިވެރިވެފައި އޮތް މޭރުމުން ވާހަކަ ދައްކަވަމުން ގެންދަވަނީ ސީދާ ދޮގު ހެދުމުގެ ބޭނުމުގައި ކަމަށް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ބައެެއް ފަހަރު ހަމަ ހިސާބުތައް ރީޑް ކުރަން ވެސް ބައެއް މީހުންނަށް ނޭނގެނީހެން، އަސްލުގައި އެ އަދަދެއް ނޯންނާނެ އެތަނުގައެއް، ނޭނގެނީކަމެއް ދޮގު ހަދަނީ ކަމެއް ނޭނގެ އަޅުގަނޑަކަށް، އެއްކަމަކަށް އަޅުގަނޑު އުއްމީދު ކުރަނީ އެއްވެސް މީހަކު ދޮގު ނުހަދާނެ ކަމަށް،" މާލެ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި އާޒިމް ވިދާޅުވި އެވެ.

"އެކަމަކު ގޮދު ހަދަމުންތާ ދަނީ، ވަރަށް ގަދައަށް ދޮގު ހަދަމުން އެބަދޭ،"

އާޒިމް މި މޭރުމުން ވާހަކަ ދެއްކެވީ މި ސަރުކާރުން އެމްޓީސީސީގެ އިސް މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން މިމަހުގެ ހަވަނަ ދުވަހު ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

އެމްޓީސީސީގެ އިސްވެރިންގެ ފަރާތުން މިމަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ، އަބްދުﷲ ޒިޔާދު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެމްޓީސީސީ ހިންގަމުން ދިޔައީ ވަރަށް ބޮޑު ފައިދާގައި ކަމަށް ދެއްކި ނަމަވެސް ކުންފުނި އޮތީ ވަރަށް ހާލަތު ގޯސްކޮށް ކަމަށެވެ.

އެގޮތުން އޭނާ ވަނީ ކުންފުނި ހިންގާފައި ވަނީ ވަރަށް ހަރަދު ބޮޑުކޮށް ކަމަށާއި ހަރުމުދާ ބެލެހެއްޓުމުގައި ވެސް އިހުމާލު ވެފައިވާ ކަމަށާއި މަހާ ޖައްރާފު އޮތް ހަލަތާ މެދު ވެސް ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ.

އޭގެއިތުރުން އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު، ހުސެއިން މުހައްމަދު މަނިކު ވަނީ ވެރިކަން ބަދަލުވިއިރު، އެމްޓީސީސީން އެހެން ކުންފުނިތަކަށް ދައްކަންޖެހޭ 954 މިލިއަން ރުފިޔާ އޮތް ކަމަށް ބުނެފަ އެވެ.

ނަމަވެސް އެމްޓީސީސީއަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ވެސް ހުސެއިން މުހައްމަދު މަނިކު ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ކޮންމެ ވިޔަފާރިއެއް ވެސް ކުރާނީ ލޯނު ފައިސާއާއި ސަޕްލަޔަރުންގެ އަތުން މުދާ ނަގައިގެން ކަމަށެވެ. ހުރިހާ ކަމަކަށް އަމިއްލަ ފައިސާ ހަރަދު ކުރެވޭ ވަރަށް ރާއްޖޭގެ އެއްވެސް ކުންފުންޏެއްގައި ކޭޝް ފްލޯއެއް ނުހުންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެކަމަކު އޭގެ ބަދަލުގައި އެ ބޭފުޅުންނަށް އެ ބުނެވުނީއެއް ނޫންތޯ 1.7 ބިލިއަން އެބަ އޮތޭ ލާރި[ރުފިޔާ] ލިބެން، އޭގެ މާނައަކީ އަޅުގަނޑުމެން އެބުނާ އަދަދު ނަގައިގެން ކުރި މަސައްކަތުން، ބަލަމާ ހިނގާ، އަޅުގަނޑަށް ގަބޫލު ކުރެވެނީ ގާތްގަނޑަކަށް 500 މިލިއަން ވަރު އޮވެދާނޭ، ދެން މިހާރު ހިސާބުކިތާބު ހުރި ގޮތެއް އަޅުގަނޑަކަށް ނޭނގޭ، އަޅުގަނޑު ނުކުތް އިރު، ގައިމުވެސް ހުންނާނީ އެހާވަރު، އެހާވަރުގެ އަދަދެއް ހޯދައިގެން އަޅުގަނޑުމެން ކުރި މަސައްކަތުން 1.7 ބިލިއަން ލިބެން ހުރި ވާހަކަ،" އެ ފައިސާ ލިބުމުން ބޭރަށް ދައްކަން ހުރި ދަރަނިން އެބައި ކަނޑާލުމުން ބާކީ އޮންނާނީ ފައިދާކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވި އެވެ.

"ސަރުކާރެއް ޑިފޯލްޓުވުމަކީ އެއީ ކުންފުންޏެއް ޒިންމާވާންޖެހޭ ކަމެއް ނޫން، އަޅުގަނޑުމެންގެ [ކުންފުންޏެއްގެ] ޒިންމާއަކީ ޕްރޮޖެކްޓެއް ދިނީމާ ހިންގުން, ޕްރޮޖެކްޓު ދިނީމާ އެ ޕްރޮޖެކްޓު މަތީގާ އިށީނދެގެން އިނުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން، އެކަން އޮންނާނެ ރައްޔިތުންނަށް ރަނގަޅަށް ފެނިފައި،"

އާޒިމް ވިދާޅުވީ މިދިޔަ ސަރުކާރުގައި އެމްޓީސީސީ ހިންގަމުން ދިޔައީ ފައިދާގައި ކަމަށާއި އެ ހުރިހާ ހިސާބުތަކެއް އޮޑިޓު ހުރީ އޮޑިޓުކޮށްފައި ކަމަށެވެ.

"އެހުރީ ހިސާބުތަކުން ފެންނަން، އެ ހިސާބުތައް އެހުރީ ސީދާ އިންޓަނޭޝަނަލް އޮޑިޓު ފާމުތަކުން އޮޑިޓު ކޮށްފައި ހުންނަ ހިސާބު އެއީ، އެޔެއް ދޮގެއް ނުހަދާނެއެއްނު، އާދައިގެ މީހުން އޮޑިޓުކޮށްފައި ހުރި އެއްޗެއް ނޫން، ދުނިޔޭގެ އެންމެ ވަރުގަދަ ފާމްތަކުން އޮޑިޓުކޮށްފައި ހުރި ރިޕޯޓުތައް، އެޔެއް ދޮގެއް ނުހަދާނެއެއްނު،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީއަށް 1.7 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް މިހާރުގެ މެނޭޖުމަންޓުން ބުނިއިރު، އޭގެތެރެއިން 800 މިލިއަން ރުފިޔާއަކީ ދިވެހި ސަރުކާރުން އެމްޓީސީސީއަށް ދޭންޖެހޭ ފައިސާ އެވެ.