Advertisement

ވިލިމާލެއަށް މިފަހަރު ގެންނާނީ ފެންވަރު ރަނގަޅު ބަގީތަކެއް: އާޒިމް

25 އޭޕްރީލް 2024 - 21:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގެ މޭޔަރު އާދަމް އާޒިމް: ވިލިމާލެއަށް އަލަށް ގެންނާނީ ކޮލިޓީ ރަނގަޅު ބަގީތައް ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ވިލިމާލެއަށް މިފަހަރު ގެންނާނީ ފެންވަރު ރަނގަޅު ބަގީތަކެއް: އާޒިމް

25 އޭޕްރީލް 2024 - 21:11 0

ވިލިމާލޭގައި ހިދުމަތް ދިނުމަށް މިފަހަރު ގެންނާނީ ފެންވަރު ރަނގަޅު ބަގީތައް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނެސްފައިވާ 10 ބަގީގެ ތެރެއިން ހަތް ބަގީއެއް ހަލާކުވުމާ ގުޅިގެން، މިއަދު ސިޓީ ކައުންސިލުން ވަނީ އާ ހަތް ބަގީ ގަންނަން ނިންމައިފަ އެވެ.

އެ މަސައްކަތުގެ ތަފްސީލު ދެއްވަމުން އާޒިމް "އަދަދު" އަށް ވިދާޅުވީ ވިލިމާލޭ ރައްޔިތުންނާ ބައްދަލުވުމުން ބަގީގެ ހިދުމަތް ބޭނުންވާ ކަމަށް ރައްޔިތުން ބުނަމުން އަންނަ ކަމަށާއި އެ ހިދުމަތް ދިނުމަށް އާ ބަގީތައް ގެންނަން ޖެހޭ ކަމަށެވެ.

"އެ މީހުން ބޭނުންވޭ އެ ހިދުމަތް ވަރަށް ބޮޑަށް. އެމްޓީސީސީގެ އެއްޗެހި ރަނގަޅަށް އޮޕަރޭޓުކުރިޔަސް ބަލިމީހުންނާއި ދުވަސްވީ މީހުން ސީދާ ގެއަށް ގެނެސްދޭ އެއްޗެއް އެމީހުން ބޭނުންވޭ. ހަމަ ކޮންމެ ކޮންމެ އެއްޗެއް ގެނައުމަކީ އަޅުގަނޑުމެން މިހާރު ކުރާނެ ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ ފައިސާ ހަރަދުކުރާއިރު ގިނަ ދުވަހު ބޭނުން ކުރެވޭ ބަގީތައް ގެނައުމަށް އިސްކަން ދޭނެ ކަމަށާއި، ގެންނާނީ ވެސް ކައުންސިލަށް ގެނެސް މެމްބަރުން އިއްތިފާގުވާ އެންމެ ރަނގަޅު ބަގީތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލަށް ހުށަހަޅައިގެން މިކަންތައް ކުރިއަށް ގެންދަން ނިންމީ ވީހާވެސް ދެފުށް ފެންނަ ގޮތަށް އެކަން ކުރިއަށް ގެންދިޔުމުގެ ބޭނުމުގަ އެވެ.

ހަލާކުވި ބަގީތަކުގެ ކޮންޓްރެކްޓަރުންނާއި ވާހަކަ ދައްކައިގެން އެމީހުން އެކަމަށް ޒިންމާ ކުރެވޭ ގޮތްތަކެއް އޮތްތޯ ލީގަލް ޓީމާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަގީތައް ގަތުމަށް ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ބަގީތައް ގަންނަން ހުޅުވާލާނެ އެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން 10 ބަގީ ގެންނަން ޖުމްލަ 2.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން މަހަކު 390،000ރ. ހަރަދުކުރެ އެވެ.