Advertisement

ވާގޮތް: ޒަމާނީ ހިސާބު ނިޝާންތަކުގެ ތާރީހު

14 މާރިޗު 2024 - 08:29 1

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ޒަމާނީ ހިސާބު ނިޝާންތަކުގެ ތާރީހު

14 މާރިޗު 2024 - 08:29 1

ނަންބަރުތަކަށް ހާއްސަ ނިޝާންތަކެއް ދެވުނު ފަހުން ވެސް، އެތައް ގަރުނެއް ވަންދެން ހިސާބުގެ "އީކުއޭޝަންސް" ލިޔެ އުޅުނީ ބަސް ބަހުންނެވެ. 7+3=10 ފަދައިން ލިޔުމުގެ ބަދަލުގައި ލިޔެ އުޅުނީ "7 އަކާއި 3 އެއްކުރުމުން އަންނަނީ 10" މިފަދައިންނެވެ. ނަމަވެސް އެއްކުރުމާއި، ކެނޑުމާއި، ގުނަކުރުން އަދި ގެއްލުމުގެ ނިޝާންތަކާއެކީ ހިސާބު ދުނިޔެއަށް ބޮޑު ކުރިއެރުމެއް އައެވެ. ކުރިން އެތައް އަކުރަކުން ދޭހަވީކަންކަން އެކެއް، ނުވަތަ ދެތިން ނިޝާނަށް ކުރުކޮށްލެވެނެވެ. މިއަދު މި ބަލާލަނީ މި ނިޝާންތަކުގެ ތާރީހަށެވެ.

ފުރަތަމަ މަރުހަލާތައް: ބަސްތަކުގެ ދުނިޔެއެއް

ހިސާބު އިލްމު އޭގެ ކުރީކޮޅުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީ ހިއްސާކުރަމުން ދިޔައީ ވާހަކަ ދައްކާ ނުވަތަ ލިޔެފައިވާ ބަހުންނެވެ. ހިސާބުތައް މުޅިން ވެސް ފާޅުކުރީ ބަސްތަކުންނެވެ. ގަދީމީ ބާބިލް އިން ފެނިފައިވާ މީލާދީން 1800 ގެ ކްލޭ ޓެބްލެޓްތަކުގައި ވެސް ހިސާބު ލިޔުމުގައި "ކަނޑާލާފައި..." ނުވަތަ "ބަހާ..." މިފަދަ ބަސް ބޭނުންކޮށްފައިވެ އެވެ.

14 ވަނަ ގަރުނު: ޒަމާނީ ރަމްޒީ ނިޝާންތަކުގެ ފަތިސް

މީލާދީން 14 ވަނަ ގަރުނުގައި ހިސާބު އިލްމަށް މުހިންމު ބަދަލެއް އަންނަން ފެށި އެވެ. ރަމްޒީ އިންގިލާބެއްގެ ފެށުން ފާހަގަކޮށް ދިނީ އެއްކުރުމަށް "+" އާއި ކެނޑުމަށް "-" ގެ ނިޝާންތައް ވުޖޫވުމުންނެވެ. ނަމަވެސް "+" ނިޝާނުގެ އަސްލާ މެދު ދެބަސްވުންތަކެއްވެ އެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި މި ނިޝާނުގެ އަސްލު އުފެދިފައިވަނީ ލެޓިން ބަހުގެ "et" އިންނެވެ. މިބަހުގެ މާނައަކީ "އަދި" އެވެ. އަދި ލިޔުންތެރިން އުނިކުރުން ދައްކުވައިދިނުމަށްޓަކައި މަތީގައި ނިޝާނެއް ޖަހާފައިވާ ހޮރޮޒޮންޓަލް ލައިނެއް ބޭނުންކުރިއިރު، އެންމެ ފަހުން އެ ނިޝާން "-" އަށް ބަދަލުވެގެން ދިޔައެވެ.

މީގެ ކުރިން ވެސް މިނިޝާންތައް ބޭނުންކޮށްފައިވީ ނަމަވެސް މި ނިޝާންތަކުގެ ބައްޕަކަމަށް ގިނަ ބަޔަކު ބުނަނީ ނިކޯލް އޮރެސްމޭ (1320-1382) އަދި އަދި ޖޯހަންސް ވިޑްމަން (މަރުވީ 1440) ފަދަ ހިސާބު އިލްމުވެރިންނެވެ. ފްރާންސްގެ އިލްމުވެރިއެއް ކަމަށްވާ އޮރެސްމޭ އޭނާ ލިޔުނު "އެލްގޮރިސްމަސް ޕްރޮޕޯޝަނަމް" (1360) ގައި "+" ނިޝާން ބޭނުންކޮށްފައިވެ އެވެ. ޖަރުމަނުގެ ހިސާބު އިލްމުވެރިއެއް ކަމަށްވާ ވިޑްމަން އޭނާގެ ފޮތް "މާކެންޓައިލް އެރިތްމެޓިކް" (1489) ގައި "+" އަދި "-" ނިޝާންތައް އިތުރަށް ބޭނުންކޮށް މަޝްހޫރުކޮށްދިނެވެ. ނަމަވެސް ވިޑަމަން މި ނިޝާންތައް ބޮޑަށް ބޭނުންކޮށްފައި ވަނީ އިތުރުވުން ނުވަތަ މަދުވުން ދައްކާދިނުމަށެވެ.

17 ވަނަ ގަރުނު: ގުނަކުރުމާއި ގެއްލުން ބައްޓަންވުން

ހިސާބުގެ ތާރީހު ލިޔުންތެރިން ބުނާ ގޮތުގައި ގުނަކުރުމުގެ ނިޝާނެއްގެ ގޮތުގައި x ފުރަތަމަ ބޭނުންކުރީ ވިލިއަމް އޯޓްރެޑް އޭނާގެ ފޮތް "ކްލޭވިސް މެތަމެޓިކޭ"، ލަންޑަން، 1631ގަ އެވެ. ޒަމާނީ ގެއްލުމުގެ ނިޝާން "÷" ފުރަތަމަ ބޭނުންކޮށްފައިވަނީ ސްވިޒަލޭންޑްގެ ހިސާބު އިލްމުވެރިއެއް ކަމަށްވާ ޖޯހަން ރާން އެވެ. އޭނާ މި ނިޝާން ތައާރަފްކުރީ 1659 ގައި ޝާއިއުކުރި އަލްޖީބްރާ ފޮތް "ޓިއުޝޭ އަލްޖީބްރާ" ގައެވެ. މި ނިޝާން އުފެދިފައިވަނީ "ފްރެކްޝަން" ދެއްކުމަށް ކުރިން ބޭނުން ކުރި ރޮގުބުރީގެ މައްޗާއި ތިރީގައި ދެ ތިކި ޖަހައިގެންނެވެ. ނަމަވެސް މިފަދަ ނިޝާންތަކެއް އޭގެ ކުރިން ވެސް ބޭނުންކުރެވިފަވެ އެވެ.

ނަތީޖާ ދައްކާދިނުމަށް ބޭނުންކުރާ "=" ފުރަތަމަ ބޭނުންކޮށްފައިވަނީ ވެލްޝް ހިސާބު އިލްމުވެރިއެއްކަމަށްވާ ރޮބާޓް ރިކޯޑޭ އޭނާގެ ފޮތް "ދަ ވެޓްސްޓޯން އޮފް ވިޓް" (1557) ގަ އެވެ.

ހިސާބުގެ ރަމްޒީ ކަންކަމަށް ގަދީމީ މިސްރުގެ ނުފޫޒު

މި ލިޔުމުގައި މިހާތަނަށް އަލިއަޅުވާލާފައިވަނީ އަދުގެ ދުނިޔޭގައި، ބައިނަލަގްވާމީ ގޮތެއްގައި ބޭނުންކުރަމުން އަންން ހިސާބުގެ ނިޝާންތަކަށް ކަމުގައިވީ ނަމަވެސް، ރަމްޒީ ނިޝާންތަކަށް ގަދީމީ މިސްރުގެ ނުފޫޒު ފާހަގަކޮށްލުން މުހިންމެވެ. ގަދީމީ މިސްރުގެ ހައިރޮގްލިފިކް ނިޝާންތަކާއި ހިސާބުގެ ލިޔުންތަކުން ހިސާބުގެ އޮޕަރޭޝަންތަކަށް ވިޝުއަލް ރިޕްރެޒެންޓޭޝަންތައް ބޭނުންކުރިކަމުގެ ހެކި ލިބިގެންދެއެވެ.

މިސްރު މީހުން ތަރައްގީކުރީ ދިހައެއްގެ ތަފާތު ބާރުތަކަށް ހާއްސަ ނިޝާންތައް ބޭނުންކޮށްގެން ނަންބަރުތައް ތަމްސީލުކުރުމަށް ހައިރޮގްލިފިކް ނަންބަރުތަކުގެ ނިޒާމެކެވެ. މި އަދަދުތަކަކީ ހިސާބުގެ އޮޕަރޭޝަންތަކުގައި އަދަދުތައް ރަމްޒީ ގޮތެއްގައި ތަމްސީލުކުރުމުގެ ކުރިމަގު ކަމުގައި ވެގެން ދިޔަ އެވެ.

"ރިންޑް މެތަމެޓިކަލް ޕެޕިރަސް" އާއި "މޮސްކޯ މެތަމެޓިކަލް ޕެޕިރަސް" ފަދަ މިސްރުގެ ހިސާބުގެ ލިޔުންތަކުގައި، ރަމްޒީ ނިޝާނެއް މެދުވެރިކޮށް ފާޅުކުރެވޭ ހިސާބުގެ މިސާލުތައް ހިމެނެ އެވެ. މި ނިޝާންތައް ޒަމާނީ ހިސާބުގެ ނިޝާންތަކާ ވައްތަރު ނުވިނަމަވެސް، މިއީ ނިޝާންތަކެއް މެދުވެރިކޮށް ހިސާބުގެ އޮޕަރޭޝަންތައް ދައްކުވައިދިނުމަށް ކުރުމަށް ކުރި ކުރީގެ މަސައްކަތެކެވެ.