Advertisement

ފްލެޓުތައް ބުނާ ވަގުތަށް ނުނިމޭނަމަ ގެއްލުމުގެ ބަދަލު ނަގައިދޭން ރިއަލް އެސްޓޭޓް ވިޔަފާރި ބިލުގައި ހިމަނައިފި

13 މާރިޗު 2024 - 13:30 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭގައި ހިންގަމުން އަންނަ ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކެއް: ބައެއް ޕްރޮޖެކްޓުތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ފްލެޓުތައް ބުނާ ވަގުތަށް ނުނިމޭނަމަ ގެއްލުމުގެ ބަދަލު ނަގައިދޭން ރިއަލް އެސްޓޭޓް ވިޔަފާރި ބިލުގައި ހިމަނައިފި

13 މާރިޗު 2024 - 13:30 0

ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކުން ތަރައްގީކުރެވޭ ތަންތަން ނިންމަން ކަނޑައަޅާފައިވާ ތާރީހަށް ނުނިމޭނަމަ ޕްރޮޖެކްޓަށް ހަރަދު ކުރި ފައިސާ އާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ކަމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ހާއްސަކުރެވިގެން އެކުލަވާލެވުނު ފުރަތަމަ ބިލެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، އެ ވިޔަފާރި ހަރުދަނާކޮށް ކުރިއަރުވައި، ހާމަކަން ބޮޑު، ޖަވާބުދާރީކުރުވަނިވި ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ މަގުފަހިކުރުމަށްޓަކައި، އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމެވެ.

އެގޮތުން މި ބިލުގައި ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި ޑިވެލޮޕަރުންނާއި ގަންނަ ފަރާތްތަކުގެ ޒިންމާތަކާއި ހައްގުތައް ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން ރިއަލް އެސްޓޭޓް ދާއިރާ މޮނިޓާކުރުމުގެ ނިޒާމަކާއި ޝަކުވާ ހުށަހެޅުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމާބެހޭ އުސޫލުތައް ހިމަނާފައިވެ އެވެ.

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުން ހައްލު ހޯދައިދޭން އަމާޒު ހިފާފައިވާ މައްސަލަތަކުގެ ތެރޭގައި ޔުނިޓުތައް ގަންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ރިއަލް އެސްޓޭޓު ޕްރޮޖެކްޓުތަކަށް މީހުން ދައްކާ ފައިސާ ޑިވެލޮޕަރުންނަށް ބޭނުންކުރެވޭނެ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.

މިހާރު އޮންނަ ގޮތުން ޔުނިޓު ގަންނަ މީހުން ފައިސާ ދައްކަނީ ސީދާ ޑިވެލޮޕަރެށެވެ. ޑިވެލޮޕަރަށް ފައިސާ ލިބުމަށް ފަހު އެ ފައިސާ ހަރަދުކުރާ ގޮތް ބެލޭނެ އެއްވެސް ގޮތެއް ނޯވެ އެވެ. ބިލުގައި މިކަމަށް ހުށަހަޅާފައިވާ ހައްލަކީ އެސްކްރޯ އެކައުންޓެއްގައި ހުރިހާ ފައިސާއެއް ބެހެއްޓުމެވެ.

އޭރުން ޔުނިޓުގެ ވެރިފަރާތްތަކުން ޑިވެލޮޕަރު އެއްކުރާ ފައިސާ ބަހައްޓަން ޖެހެނީ ވަކި އެސްކްރޯ އެކައުންޓެއްގަ އެވެ. ޑިވެލޮޕަރަށް މި ފައިސާ ނެގޭނީ ޕްރޮޖެކްޓު ކުރިއަށް ގޮސްފައިވާ ސްޓޭޖަށް ބަލައި، އެ އިރަކަށް ބޭނުންވާ މިންވަރަށެވެ. މިގޮތަށް ފައިސާ ބޭނުންކުރެވޭނެ އުސޫލުތައް ކަނޑައަޅާނީ، ބިލު ގާނޫނަކަށް ވުމުން ކޮންސްޓްރަކްޝަން މިނިސްޓްރީން އެކުލަވާލަން ޖެހޭ ގަވާއިދުގަ އެވެ.

ޑިވެލޮޕަރުން އެހެން ޒިންމާތަކުގެ ތެރޭގައި ޕްރޮޖެކްޓު ލަސްވާނަމަ، އެކަން ސަބަބާއެކު ފްލެޓު ގަތް މީހުންނަށް އަންގަން ޖެހެ އެވެ. އަދި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ގެއްލުމުގެ ބަދަލު ދޭން ޖެހެ އެވެ. މި ގަވާއިދުގައި ވަގުތަށް ފްލެޓު ނުނިމުމުގެ ސަބަބުން ނަގައިދެވޭ ގެއްލުމުގެ ބަދަލު ހިސާބުކުރުމާއި ގެއްލުމުގެ ބަދަލު ދިނުމާބެހޭ އުސޫލުތަކާއި، ބާރުނުފޯރުވޭ ހާލަތެއް މެދުވެރިވެގެން ޕްރޮޖެކްޓު ލަސްވެއްޖެނަމަ އަމަލުުރާނެ އިޖުރާއަތުތަކުގެ އިތުރުން ނޮޓިފިކޭޝަންއާ ބަހޭ އުސޫލުތައް ބަޔާންކުރަން ވާނެ ކަމަށް ބިލުގައިވެ އެވެ.

ގެއްލުމުގެ ބަދަލު ހޯދުމުގެ އިތުރުން، އެއްބަސްވުމުގައި ބުނާ މުއްދަތަށް ތަން ނުނިމިއްޖެ ހާލަތެއްގައި ޕްރޮޖެކްޓުން ވަކިވުމުގެ އިހުތިޔާރު ވެސް ފްލެޓު ގަތް މީހުންނަށް ލިބެ އެވެ. މިހެން ވަކިވާއިރު އެހާތަނަށް އެ މީހަކު ހަރަދުކޮށްފައިވާ ފައިސާ އާއި ގެއްލުމުގެ ބަދަލާއި ޑިވެލޮޕަރުގެ ސަބަބުން ލަސްވާ ކޮންމެ މަހަކަށް ޖެހޭ ޖޫރިމަނާ ފައިސާ ހޯދުމުގެ ހައްގު ވެސް އެ މީހުންނަށް ލިބެ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މި ބިލު ގާނޫނަކަށް ވުމުން، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ތަރައްގީކުރަން ފަށާފައިވާ ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތައް ވެސް އާ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަން ޖެހެ އެވެ. މިގޮތަށް ރަޖިސްޓްރީކުރަން ލިބޭ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުކުރާ ޕްރޮޖެކްޓުތަކަށް ވެސް ގާނޫނު ހިނގާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ޕްރޮޖެކްޓުތަކުގައި ހިމެނޭ ޔުނިޓުގެ ވެރިފަރާތްތަކަށް އެ ގާނޫނުގައި ބަޔާންކުރާ ހުރިހާ ހައްގެއް ލިބޭނެކަމަށް ވެސް ބިލުގައިވެ އެވެ.

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އަމަލުކުރަން ފަށާނީ އެ ބިލު ގެޒެޓުކުރާތާ ހަ މަސް ދުވަސް ފަހުންނެވެ. އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތަކާއި އުސޫލުތައް ޝާއިއުކުރަން އިތުރު ތިނަ މަސް ދުވަސް ލިބެ އެވެ. މި ބިލު މަޖިލީހަށް ހުށަހެޅި ނަމަވެސް އަދި މަޖިލީހުގައި ބިލުގެ ފުރަތަމަ ކިޔުން ވެސް ނީއްވަ އެވެ.