Advertisement

މިސްކިތްތަކުން ގުރުއާންގެ އަޑު އިވުމުން އުނދަގޫވާނީ ލާދީނީ މީހުންނަށް: ޝެއިހު ނިޝާން

13 މާރިޗު 2024 - 11:32 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޝެއިހް އާދަމް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ދޫކޮށްފައި ވަނީ މި ހަފުތާގައި -- ފޮޓޯ: އަދަދު


މިސްކިތްތަކުން ގުރުއާންގެ އަޑު އިވުމުން އުނދަގޫވާނީ ލާދީނީ މީހުންނަށް: ޝެއިހު ނިޝާން

13 މާރިޗު 2024 - 11:32 2

މިސްކިތްތަކުން ގުރުއާން ކިޔަވާ އަޑާއި ދީނީ ދަރުސްތަކުގެ އަޑު އިވިގެން ހާއްސަކޮށް ރަމަޟާން މަހު އުނދަގޫވެގެން އުޅެނީ މިގައުމުގައި ތިބި ލާދީނީ މީހުން ކަމަށް ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެ އެެވެ.

ނިޝާންގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުން ގުރުއާނާއި ދަރުސްތަކުގެ އަޑު އިވިގެން އުނދަގޫވާ މީހުން، މި މުޖުތަމައުގެ ތެރެއިން ދީނީ އެއްވެސް ކުލައެއް ނުވަތަ އަސަރެއް ފެނުމަށް ވެސް ނޭދޭ ކަމަށެވެ.

"މިސްކިތްތަކުން ޤުރްއާން ކިޔަވާ އަޑާއި ދީނީ ދަރުސްތަކުގެ އަޑު އިވިގެން، ހާއްސަކޮށް ރަމަޟާން މަހު އުނދަގޫވެގެން އުޅެނީ މިގައުމުގައި ތިބި ލާދީނީ މީހުންނެވެ. މިމުޖްތަމައުގެ ތެރެއިން ދީނީ އެއްވެސް ކުލައެއް އަސަރެއް ފެނުމަށް އެމީހުން ނުރުހޭ،" އެ ޕޯސްޓުގައި ނިޝާން ލިޔުއްވާފައިވެ އެވެ.

"އެފަދަ މީސް މީހުން، ޖަގަހަތަކާއި، ކަންމަތީ އެއްވުންތަކާއި ހަފުލާތަކާއި މުބާރާތްތައް ބާއްވާއިރު އަޑުގަދަކޮށް މިއުޒިކާއި ލަވަޖަހާ، ހަޅޭއްފަޅޭއް ލަވާ އިރު އުނދަގޫ ވެގެން ޝަކުވާ ކުރާ ތަނެއް ނުފެންނާނެ,"

ފޭސްބުކްގައި ނިޝާން ކޮށްފައިވާ ޕޯސްޓް. އޭނާ މި ޕޯސްޓް ކުރީ 2022 ވަނަ އަހަރު ކުރި ޕޯސްޓެއް އަލުން ހިއްސާކުރުމަށް ފަހު ---


މިސްކިތްތަކުގެ އަޑު ގަދަވެގެން އެ ވާހަކަ ފެންމަތިވީ މަޖިލީހުގެ ކުރީގެ މެންބަރު، އިބްރާހިމް އިސްމާއިލު (އިބުރާ) އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އިބުރާގެ ޕޯސްޓުގައި ވިދާޅުވީ، އެ ގޭދޮށު މީހުންނަށް އިޝާ ނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީހު ނަމާދުކޮށް ނިމުނީމަ ކަމަށެވެ. އަދި އެއީ ކޮންމެ ރޯދަ މަހެއްގެ ވެސް ހާލުކަން ފާހަގަ ކުރައްވައި ކުރެއްވި ޓުވީޓުގައި ވަނީ އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ޓެގު ކުރައްވައިފަ އެވެ.

ރައްދުގައި ޝަހީމް ވިދާޅުވީ، "ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދު ތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުން ރަނގަޅީ. ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތި ނުވާނެހެން ގެންދިއުން ރަނގަޅީ." ކަމަށެވެ.

ނަމަވެސް، "ބަންގި އާއި ގަމަތް ބޭރަށް ހުއްޓަސް އެންމެ ރަނގަޅު" ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިސްކިތްތަކުގައި އަޑުގަދަވެގެން އެ ވާހަކަ މީގެ ކުރީގައި ވެސް ވަރަށް ގަދައަށް ދެކެވުނެވެ. މިސްކިތްތަކުގެ އަޑު މަޑުކުރަން، އޭރުގެ އިސްލާމިކް މިނިސްޓަރީން އެންގުމުން އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވި އެވެ.

މިސްކިތްތަކުގެ އަޑު މަޑު ކުރުމާ ގުޅޭގޮތުން ޑރ. ޝަހީމް ދެއްކެވި ވާހަކައާ ގުޅިގެން ވެސް ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފަ އެވެ.