Advertisement

ހަމަލާތައް ހުއްޓާލައި ފަލަސްތީނަށް ވީހާވެސް އަވަހަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޝަހީމު ގޮވާލައްވައިފި

5 މޭ 2024 - 10:23 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިސްލާމިކް މިނިސްޓަރު ޝަހީމު : ހަމަލާތައް ހުއްޓާލާ ފަލަސްތީނަށް ވީހާވެސް އަވަހަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޝަހީމު ގޮވާލައްވައިފި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ހަމަލާތައް ހުއްޓާލައި ފަލަސްތީނަށް ވީހާވެސް އަވަހަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޝަހީމު ގޮވާލައްވައިފި

5 މޭ 2024 - 10:23 1

އިޒްރޭލުން ވޭތުވެދިޔަ 75 އަހަރު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ވަރުގަދަކޮށް ވޭތުވެދިޔަ ހަތް މަސްދުވަހު ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލައި ގާޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ގޮވާލައްވައިފި އެވެ.

ޝަހީމު މިހެން ވިދާޅުވީ، ގަމްބިއާގައި ކުރިއަށްދާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން އޭނާ ގޮވާލެއްވި އެވެ. އަދި، ބައިނަލްއަގުވާމީ ކޯޓުތަކުގައި އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަށް ރާއްޖެއިން ތާއިދުކޮށް އިޒްރޭލާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަރަބި ބަހުން ދެއްވި ތަގުރީރުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ފަލަސްތީނަށް ތާއީދުކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެތައް ހާސް ބަޔަކު އެއްވެ އުޅޭތަން ކަމަށާއި އިޒްރޭލަށް ފަލަސްތީނުގެ ރައްޔިތުން ދައްކަމުންދާ ހިއްވަރު ބަލިކޮށް ނުލެވުނު ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ އިތުރު މަސައްކަތްތަކެއް ކުރަން، އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭ، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތައް ނިމުމަކަށް ގެންނަންޖެހޭ، އަދި ހަމަނުޖެހުންތައް ތަޖުރިބާކޮށްފައިވާ ސަރަޙައްދަކަށް ހަމަޖެހުން ގެންނަންޖެހޭ، މި ހަނގުރާމަ މިހާރު ނިމުމަކަށް ގެންނަން އެބަޖެހޭ،" ޝަހީމު އިތުރަށް ވިދާޅުވި އެވެ.

އަދި، ފަލަސްތީނަށް އދ، ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ވަކާލާތު ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ މިނިސްޓަރު ވަނީ ފަލަސްތީނަށް އދ، ގެ ފުރިހަމަ މެންބަރުކަން ލިބުމަކީ މި ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމުގެ ފެށުން ކަމުގައި ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ފަލަސްތީނުގެ އިތުރުން، މިޔަންމާގެ މުސްލިމުންގެ ދިފާއުގައިވެސް އިސްލާމީ އުންމަތް ތެދުވާން ޖެހޭ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ.

"ދާދި ފަހުން ދިން ވައިގެ ހަމަލާތައް ހިމެނޭ ގޮތަށް މިހާރު ހިނގަމުންދާ ބިރުވެރި ޖަރީމާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، ޒަހަމްވެ، ގެދޮރު ވަނީ ގެއްލިފައި، ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް މިޔަންމާ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ފަަލަސްތީނަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.