ހަސަން ހަލީލު: އޭނާ އަންނަނީ ދަނޑުވެރިކަމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
ލާމު އަތޮޅު ފޮނަދުއަށް އުފަން ހަސަން ހަލީލު ދަނޑުވެރިކަން ކުރަން ފެށީ މީގެ އަށެއްކަ އަހަރު ކުރިންނެވެ. ފުރަތަމަ ވެސް ވިސްނުނީ، މި ހެދެނީ ގޯހެއް ކަމެވެ. ދަނޑުވެރިކަމަށް މި ގެންގުޅޭ ވައްޓަފާޅި، އަދި އެންމެ ރަނގަޅެއް ނޫނެވެ. ބޭސް ޖަހާ ވަރު މާ ގިނައީ އެވެ. ހާއްސަކޮށް މިރުހަށެވެ.
"އިންސާނުންނަށް، އަމިއްލަ އަތުން ހައްދައިފަ، މިހެން ކާން ދޭން ހެޔޮ ނުވާނެ، ހަމަ ހުއްޓައިލީ ދެން، ފުރަތަމަ މިރުސް ހައްދާފައި، ފުރަތަމަ ހާވެސްޓަށް ފަހު، ހަމަ ހުއްޓާލީ، މަ ބުނީ މަ ބޭނުމެއް ނޫނޭ ދަނޑުވެރިކަން މިހެން ކުރާކަށް،" ލާމު ފާމާސް އެސޯސިއޭޝަންގެ އެއް ބާނީ، ހަލީލު އޭނާގެ ވާހަކަ ކިޔައިދޭން ފެށި އެވެ.
އެ ދުވަހުން ފެށިގެން މިރުސް ހެއްދުން އޭނާ ހުއްޓައިލިއަސް، ދަނޑުވެރިކަމަކާ ދުރަކަށް ނުދެ އެވެ. އޭނަގެ އަމާޒަކަށް ދެންވީ، ދަނޑުވެރިކަމުގެ ރައްކާތެރި ވައްޓަފާޅިއެއް ހޯދުމެވެ. އަދި ދަނޑުވެރިންނަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް، ދާއިމީ ހައްލެއް ލިބިދޭނެ ގޮތެއް ހޯދުމެވެ.
ލާމު އަތޮޅުގެ ރަށްތަކަކީ ބިން ހެޔޮ، ދަނޑުވެރިކަމަށް ހަމަ އެންމެ ފައްކާ ރަށްރަށެވެ. އެއީ ހަލީލާއި، އެ އަތޮޅުގެ ރަށްރަށުގައި ދަނޑުވެރިކަން ކުރާ ސަތޭކައެއްހާ މީހުން ދެކޭ ގޮތެވެ. ލާމު ފާމާސް އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް ހަދައި، ހުރިހާ ދަނޑުވެރިން އެއް މިސްރާބަކަށް ދިޔުމުގެ މަސައްކަތް ފެށުނީ ދެނެވެ.
"އިންޓަނޭޝަނަލް އެންވަޔަރަމެންޓް ކޯލިޝަނެއްގައި އަހަރުމެން މި ބައިވެރިވަނީ، އެ މީހުންގެ ފޯރަމެއްގެ އިންވިޓޭޝަން ގަބޫލުކޮށް މި ދަނީ ލާމުގެ ޖަމިއްޔާތައް، އެ ހިސާބުން އެ މީހުންގެ ވެސް އެންމެ ބޮޑު ފޯކަސްއަކަށް ވެއްޖެ ލާމު އަތޮޅު ދެން އަހަރުމެން ދަނޑުވެރިން،" ހަލީލް ކިޔައިދިނެވެ.
މި މަސައްކަތުގައި އޭނައަށް ދިމާވަނީ ޕްރައިމްގެ ޒާހިރުއާ އެވެ. ޒާހިރުވީ، އޭނައަށް ދަނޑުވެރިކަމުގެ އިލްމުގެ "މެންޓާ" އަށެވެ. އޭނައެކޭ އެއް ފަދައިން ލާމު އަތޮޅުގެ އެހެން ދަނޑުވެރިން ވެސް ބޭނުުންވެ ތިބި، ރައްކާތެރި، ދުޅަހެޔޮ، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރާނެ ގޮތްތަކެއް ހޯދުނީ ދެނެވެ.
"އޭނައަކީ އަސްލު އަހަރުމެންގެ ނޮލެޖުގެ މެންޓާއަކީ،" ހަލީލު ބުންޏެވެ.
"ޕެސްޓް މެނޭޖުމަންޓް ސިސްޓަމެއް އޮންނަ ވާހަކައާއި، ފާޓިލައިޒާ މެނޭޖުމަންޓް ސިސްޓަމެއް އޮންނަ ވާހަކައާއި، އެ ހުރިހާ އެއްޗެއް އޭނަ ކިޔައިދިނީ، އޭގެ ކުރިއަކުން ނޭނގެ، ދަނޑުވެރިކަމުގައި ވިސްނަން ޖެހޭ ކަންކަން އެއީ،"
ލާމު ފާމާސް އިން ޕައިލެޓް ޕްރޮޖެކްޓްއަށް މި ރޯދަ މަހަށް އެޅި ގްރީން ހައުސް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
މި ރޯދަ މަހަށް، ލާމު ފާމާސްއިން ވަނީ "ކޮންޓްރޯލް އެންވަޔަރަމެންޓް" އެއްގައި، ރައްކާތެރި ދަނޑުވެރިކަން ކުރަން ފެށުމުގެ ގޮތުން، ގްރީންހައުސްގެ ޕައިލެޓް ޕްރޮޖެކްޓްއެއް ފަށައިފަ އެވެ.
"މި ފަހަރު ރޯދަ މަހަށް ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް މި ގެންދަނީ، މި ރޯދަ މަހު ބަލާނީ ލާމު ފާމާސް އިން ހިންގަން، އެއީ އަހަރުމެން ވެސް އަދި މި ގެންދަނީ މި ކަންކަން ތަޖުރިބާކޮށް ދަސްކުރަމުން،" ހަލީލު ބުންޏެވެ.
ލާމު ފާމާސްގެ ދުރު ރާސްތާގެ ޕްލޭނަކީ މިފަދަ ގިނަ ހައުސްތަކެއް އެޅުމަށް ފަހު، ކޮންމެ ދަނޑުވެރިއަކަށް ވެސް ބޭނުންވާ ވަރަށް ޕޮޓްތަކުގެ އަދަދެއް ކަނޑައެޅުމެވެ.
"ވިސްނުމަކީ ކޮންމެ ދަނޑުވެރިޔަކަށް ވެސް، ހަމަ ލައިން ދަމާފައި، އެ ލައިނެއްގެ ތެރޭގައި ހުރި ޕޮޓްތަކެއް ދެވޭ އުސޫލަކުން ދޫކުރަން ފެށުން، މި ޕްރޮޖެކްޓަށް ފަހު،" އެސޯސިއޭޝަންގެ ޕްލޭން އޭނާ ކިޔައިދިނެވެ.
އެއީ އިންޓަނޭޝަނަލް ލޭންޑްސީ ކޯލިޝަންގެ ރާއްޖޭގެ ޖަމިއްޔާ ކަމަށްވާ ލޭންޑްސީ މޯލްޑިވްސްއަށް، ލެންޑެސާ ޖަމިއްޔާއިން ފޯރުކޮށްދީފައިވާ އެއިޑެކެވެ. ލާމު ފާމާސްއަކީ، ރާއްޖޭގެ އެ ޖަމިއްޔާއިން މި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ތާޑު-ޕާޓީއެކެވެ.
ގްރީން ހައުސް އިން މި ރޯދަ މަހަށް، ލާމު ފާމާސް އިން ތައްޔާރު ކުރަން ނިންމާފައިވަނީ ކަރާ އަދި ކިއުކަމްބާ އެވެ. އަދި އަމާޒަކީ، ކުރިއަށް އޮތް ތަނުގައި މިރުސް ވެސް ގްރީންހައުސް އިން އުފައްދަން ފެށުމެވެ.
ސީދާސާދާ ތަރުތީބަކުން، ކަޅު ކުލައިގެ ޕޮޓްތަކެއް ގްރީން ހައުސްގައި އަތުރާލާފައިވާއިރު، މުޅި އެ ނިޒާމު ބައްޓަން ކޮށްފައި ވަނީ ބަލިތަކުން ސަލާމަތް ވާނެ ގޮތަކަށެވެ. އަދި ބައްޔެއް ޖެހުނަސް، އޭގެ އަސަރު ކުޑަ ކުރެވޭނެ ގޮތަކަށެވެ.
"ވަކި ޕޮޓެއްގައި މި އޮންނަނީ ފެން އަދި ގަސް، އެހެންވެ އެއް ގަހުން އަނެއް ގަހަށް ދައުރުވާ، މޫތަކުގައި ދައުރުވާ ބަލިތައް ވަރަށް ބޮޑަށް ލިމިޓް ކުރެވޭ އެބަ،" އެ ނިޒާމު ހިނގައި ގޮތް ސާފުކޮށްދެމުން ހަލީލު ބުންޏެވެ.
އާންމު ދަނޑުވެރިކަން ނުވަތަ "ހައިޑްރޯފޮނިކް ސިސްޓަމް" ގެ ދަނޑުވެރިކަމުގައި ގަސްތައް މި ހައްދަނީ އެއް ފެންގަނޑެއްގަ އެވެ. އެހެންވެ ފެނުގެ ޒަރީއާއިން ޖެހޭ ބައްޔެއް، ގަހެއްގައި ނޫނީ ގަހެއްގެ ވަކި ބައަކަށް ޖެހުނަސް، ހުރިހާ ގަހަކަށް އެބަ ބަލި ފެތުރެ އެވެ. އޭގެ އަސަރު މުޅި ދަނޑު ބިމަށް ކުރެ އެވެ.
"އެއް ޕޮޓްގެ ތެރޭގައި ހުންނަ ގަހެއްގަ ފަންގަސް އުފެދުމުން، އެ ބަލި އަނެއް ގަހަކަށް ދެން ނުދާނެ، ހަމައެކަނި ގެއްލުން ވާނީ އެ ޕޮޓް ތެރޭގަ އިންނަ ގަހަށް އެކަނި،" ގްރީން ހައުސްގެ ސަބަބުން ކުރާ ފައިދާ ކިޔައިދެމުން އޭނާ ބުންޏެވެ.
ލާމު ފާމާސްގެ އެއް ބާނީ ހަސަން ހަލީލް "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާޝް ނިޝާމް / އަދަދު
ދަނޑުވެރިކަން ވެސް ބައްޓަން ވާނީ ހިޔާވަހިކަމެއްގެ ތެރެއިންނެވެ. ވަށައިގެން ރައްކާތެރިކަމުގެ ފަށަލައެއް ވެސް އަޅައިގެނެވެ. މިހާރު ރަށްރަށުގެ ދަނޑު ބިންތަކަށް ލިބިދޭ ގެއްލުންތައް ކުޑަ ކުރެވޭނީ، ދަނޑުވެރިންނަށް ވެސް ރައްކާތެރިކަމުގެ ފަށަލަތަކެއް ވެސް ހިމެނޭ، ހިޔާވަހިކަމެއް ދީގެނެވެ.
ލާމު ފާމާސްގެ އަމާޒަކީ، މި އަހަރުގެ ރޯދަ މަހަށް ފެށި "ޕައިލެޓް ޕްރޮޖެކްޓް" އިން ލިބޭ ތަޖުރިބާތަކަށް ފަހު، އެ އަތޮޅު ދަނޑުވެރިންނަށް އެ ހިޔާވަހިކަން، ތަރުތީބު ކުރެވިފައިވާ ތާވަލެއްގެ ތެރެއިން ލިބިގެން ދިޔުމެވެ.
"ވިއްސާރަ އައިސްފިއްޔާ ވެއްޓޭ ކެޔޮތަކާއި ބުރިވާ ފަޅޯގަސްތަކާ، ހިސާބު ޖަހައިފިއްޔާ އަހަރުމެންގެ އަތުން ކޮންމެ މަހަކު އެބަ ގެއްލުންވޭ 20،000 ރުފިޔާއިން މައްޗަށް، އަދި ކޮބައި ދަނޑުތަކުން ކުރެވޭ ވައްކަންތައް،" ހިޔާވަހިކަމެއް ނެތި ދަނޑުވެރިކަން ކުރަން ޖެހޭ ދަތި ހާލަތު ހަލީލު ބުނުދިނެވެ.
ގްރީން ހައުސްގެ ސައިންޝަކީ ލާމު އަތޮޅަށް އަލަށް ތައާރަފު ވެގެން އުޅޭ ކަމެއް ނޫނެވެ.
ރާއްޖޭގައި ވެސް އެންމެ ބޮޑު ބިމެއް އޮތް، އެ އަތޮޅު ގަމުގައި މީގެ ކުރިން ގްރީންހައުސްއެއް ބަހައްޓައިގެން މީހަކު މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު ގްރީންހައުސްގައި ދަނޑުވެރިކަން ކުރަން ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އެހެންވެ ފަހުން އައިސް، އެ މީހަކު އެ ކަން ހުއްޓާލީ އެވެ.
މި ރޯދަ މަހު، ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ގްރީންހައުސް ހިންގަން، އެ ޖަމިއްޔާއިން ނިންމީ ވެސް އެހެން ވެގެންނެވެ.
"އަސްލުވާ ގޮތަކީ ފެނުގެ މައްސަލަ އާދޭ ދޯ، މިއަށް ބޭނުން ވަނީ ހަމަ ވާރޭ ފެން، އޭގެ ތާޒާ ފެން، އެ ހުރި ދަތިތަކުން ގަމުގައި ފެށި ގްރީން ހައުސް ހުއްޓާލީ،" ހަލީލު ބުންޏެވެ.
ފެނުގެ ކަންކަމަކީ ގްރީންހައުސްގައި ނޫނަސް ކުރިމަތިވާ ގޮންޖެހުމެކެވެ. ބިން އަޑީގައި ހުންނަ ފެނުގައި ހިމެނޭ ކާނާގެ މާއްދާތައް ނުވަތަ "އިލެކްޓްރަލް ކޮންޑަކްޓިވިޓީ" ހުންނަ މިންވަރު ދެނެގަތުމަކީ ދަތި ކަމެކެވެ. މޫސުމަށް އަންނަ ބަދަލުތަކާ އެކު ވެސް، އަބަދުވެސް ބަދަލުވަމުން އަންނަ ކަމަކަށް ވާތީ އެވެ.
ވާރޭ ފެނުގައި އޭގެ ނިސްބަތަކަށް ބަދަލެއް ނާދެ އެވެ. ކާނާތައް އުފެއްދުމަށް ވާރޭ ފެން ބޭނުން ކުރަނީ އެހެންވެގެނެވެ.
ގްރީންހައުސްގެ ޕްރޮޖެކްޓް ފެށިިއިރު، ލާމު ފާމާސް އިން ވެސް އެންމެ ބޮޑު ސަމާލު ކަމެއް ދިނީ އެ ކަމަށެވެ. ވާރޭ ފެން ރައްކާ ކުރުމާއި، ވާރޭ ފެން ނުލިބޭ ހާލަތުގައި ސަޕްލައި ފެން "ޓްރީޓްކޮށްގެން" ބޭނުން ކުރެވޭނެ ގޮތްތަކެއް ބެލުމަށެވެ. އެ ޖަމިއްޔާއިން ބުނަނީ އެ ކަމުގައި ކާމިޔާބީތަކެއް ވެސް ލިބެމުންދާ ކަމަށެވެ.
"ވާރޭ ނުވެހެންޏާ، ސަޕްލައި ފެން ކޮންމެ ވެސް ވަރަކަށް ޓްރީޓްކޮށްގެން އެބަ ބޭނުން ކުރެވޭ، ދެތިން ދުވަސް ވަން ދެން އެ ފެން ބެހެއްޓުމަށް ފަހު ބޭނުން ކުރަން މި ފަށަނީ، ދެން މި ވިސްނަނީ ދަނޑުތަކުން ވާރޭ ފެން ހާވެސްޓް ކުރަން،" އޭނާ ބުންޏެވެ.
ލާމު ފާމާސް އިން މި ރޯދަ މަހަށް ތައްޔާރުކުރި ގްރީން ހައުސްގެ ޕޮޓްތައް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
މިރުހަށް ހަފުތާއަކު އެއް ފަހަރު އެންމެ މަދުވެގެން ރިހާކުރު ބޭސް އެބަ ޖަހަން ޖެހެ އެވެ. އެހާ ގިނަ ބޭސް ޖަހައިގެން ހައްދައި އެއްޗެއް އިންސާނަކު ކާކަށް ނުވާނެ ކަމަށް ހަސަން ހަލީލު ބުންޏެވެ. އެކަމަކު މިރުސް ހެއްދުން ހުއްޓާލުމަށް ދަނޑުވެރިންނަށް ބާރު އަޅާކަށް ވެސް ބޭނުމެއް ނުވި އެވެ.
"އަހަރުމެންނަކަށް ވެސް މި ހާލަތުގައި ގޮސް ނުކިޔޭނެ ދޯ ދަނޑުވެރިން ކައިރިއެއްގައެއް ތި ކަން ހުއްޓާލާށެކޭ، އެ މީހުން ވެސް ކުރާ މަސައްކަތް، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް، އެ މީހުނަށް ވެސް، އަލްޓަނޭޓިވްއެއް, މި ނޫން އެހެން ގޮތެއް، ހޯދައިދިނީމައި މި ހަމަޖެހޭނީ،" ހަލީލު ބުންޏެވެ.
މިރުހަކީ ވަރަށް ބަލިކަށި އެއްޗެކެވެ. ކުދިކުދި ސޫފިތަކުން ވެސް ވަރަށް ބޮޑެތި ބަލިތައް މިރުހަށް އެބަ ޖެއްސެވެ. ސޫފިން މިރުހުގެ ފަތް ބޯގެން ކޫޑި އަޅާ ބައްޔާއި ގުރުޑު ބަލި އެބަ ޖެހެ އެވެ.
"މިރުހަށް އެބައިން ވަރަށް ބޮޑު ރިސްކްއެއް، ހެލްތު ރިސްކްއެއް، އެއްވެސް ދަނޑުވެރިއަކަށް ވެސް، ކޮންމެ ހަފުތާއަކު އެއް ފަހަރު ބޭސް ޖަހާ ކަމަށް، އެ މީހުނަކަށް އެ ކަމެއް ދޮގެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.
ވިއްސާރަ މޫސުމުގައި ބޭސް ޖަހާ އަދަދު އަދި އިތުރު ކުރަން ޖެހެ އެވެ. ހަލީލު ބުނީ، ދިރިއުޅެމުން ދިޔަ މަސައްކަތުގެ ބޮޑު ބަޔެއް މުޅީން ހުއްޓައިލާނީ، ނުރައްކާތެރިކަން އޮތް ވަރު ބޮޑުވީމައި ކަމަށެވެ.
"ވިއްސާރަ ދުވަސްވަރެއް ވެއްޖެއްޔާ ކޮންމެ ހަފުތާއަކު ދެ ފަހަރު ބޭސް ޖަހަން ޖެހޭ، ކޮންމެ ހަފުތާއަކު ދެ ދުވަހު، އޭގެ މާނައަކީ ބޭސް ނުޖަހާ މި ލިބެނީ ތިންހަތަރު ދުވަހޭ، ހަތަރު ބޭސް އެއްކޮށްގެން ޖަހަންޏާ ވެސް ޖަހާނީ،" ހަސަން ހަލީލު ތަފްސީލްކޮށްދިނެވެ.
މިރުހަށް ވެސް މި ވަގުތު ދެއްކެން އޮތް ހައްލަކީ ގްރީން ހައުސް އެވެ.
"ކޮންޓްރޯލް އެންވަޔަރަމެންޓްގައި، މިރުސް ހެއްދީމަ މި ވާ ގޮތަކީ، ރަނގަޅު މުޑުވަކެއް ވެއްޖެއްޔާ، ބަލި ނުޖެހި އަހަރުމެންނަށް ހައްދައިލެވޭނެ، ގްރީންހައުސްގައި،" އޭނާ ކިޔައިދިނެވެ.
ހަލީލު ހައްދާފައިވާ ފަޅޮ އަދި ފަތްކެޔޮ ދަނޑު ގަސްތައް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ފަޅޯ އަދި ފަތްކޭލަކީ ލާމު ފާމާސް އިން ގްރީންހައުސްގެ ބަދަލުގައި އާންމު ދަނޑުވެރިކަން ކުރާ ވައްޓަފާޅިއަށް ހައްދާ ތަކެއްޗެވެ. އެ ތަކެތި ހެއްދޭނީ ވެސް އެ ގޮތަށެވެ. ފަތްކޭލަކަށް ބޭސް ޖަހަން ވެސް ނުޖެހެ އެވެ. އަދި ފަޅޮޅަށް ޖެހިޔަސް، ހަލީލު ބުނާ ގޮތުން، އޭގައި މާ ބޮޑު ސިއްހީ މައްސަލައެއް ނެތެވެ.
އެހެންވިޔަސް ފަޅޮލަށް ބޭސް ޖެހުމުގައި މިންގަނޑެއް ގެންގުޅެ އެވެ. ބޭސް ޖަހާއިރު ވަކި ދިމާތަކަށް ނުޖަހަ އެވެ. ހަމައެކަނި ކުރިއަށް އޮންނަ ދިމާގައި ޖަހާފައި ބަހައްޓަނީ އެވެ. އެ ގޮތަށް ބޭސް ޖަހަނީ ދެ ހަފުތާއިން އެއް ފަހަރެވެ.
"ފަޅޯ ބޭސް ޖަހައިގެން ހައްދަނީ، އެކަމަކު އޭގަ ވެސް މިންގަނޑެއް އަހަރުމެން އެބަ ގެންގުޅެން، ތިރިޔަކަށް ނުޖަހާނެ، ކުރިއަށް އާންމުކޮށް ޖަހާނީ، އޭރަށް ފަހަތުގައި މި ހުންނަ ފަޅޮލަށް ހުންނާނީ ބޭހުގެ އަސަރުނުކޮށް،" ހަލީލު ބުންޏެވެ.
ރައްކާތެރި، ދުޅަހެޔޮ، ދެމެހެއްޓެނިވި، އަދި ފަހި ގޮތްތަކެއް ހޯދަނީ އެއް ދަނޑުވެރިއެއްގެ މައުލޫމާތާއި ތަޖުރިބާ އަނެއް ދަނޑުވެރިޔާއާ ހިއްސާކޮށް ދަނޑުވެރިންގެ ތެރޭގައި ގާތް ބަދަހި ގުޅުމެއް ބާއްވައިގެނެވެ. ފަޅޮލަށް މިންގަނޑެއް ހޯދި ގޮތަށް، ފަތްކޭލަށް ވެސް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަނީ އެ ގޮތަށެވެ.
"މި ރަށްރަށުގައި ދަނޑުވެރިކަން މި ކުރަނީ އެކަކު އަނެކަކު ކައިރިން ވަރަށް ބޮޑަށް ދަސްކޮށްގެން، މިހާރު މަ ރަނގަޅަށް ފަޅޯ ހައްދަންޏާ މަ ކައިރިއަށް އަންނާނެ، އެ ކަސް ދަސްކުރަން، ކަލޭ ކިހިނެއް ހެއްޔެވެ ހައްދަނީ، ކިޔައިދީބަލާށޭ، އެ ގޮތަށް ނޮލެޖް ޝެއަރިން މީގަ އޮންނަނީ،" ހަލީލު ބުންޏެވެ.
ފަތްކޭލުގައި މި ދިމާވާ މައްސަލައަކީ، ރީނދޫވުމާއި އެކި ފާޑުގެ ބަލި ޖެހުމެވެ. އެއަކީ ބޭހެއް ޖަހައިގެން ވަކި ރަނގަޅުވި ކަމެއް ނޫނެވެ. އެކި ގޮތް ގޮތުން ތަޖުރިބާ ކުރަމުން، ހަލީލަށް ފާހަގަވި ކަމަކީ ފެން ފުން ބިމުގައި ކެޔޮ ނުހެއްދޭ ކަމެވެ.
"އަސްލު މި ވާ ގޮތަކީ، ވަރަށް ހޫނު ވަނީ ދޯ ބިންގަނޑު. މޫތަކަށް ކާނާ ނަގައިދިނުމާއި މި ކަންކަން ނުވަނީ އެހެންވެ، ކުރިން ކެޔޮ ނުހެއްދުނު ތަންތަން ބިންގަނޑު ތަންކޮޅެއް އުސްވާނެ މިހާރު ހައްދާފައި ހުރި ތަނަށް ވުރެ، މިހާރު ފަޅޮލުގައި ތި ހުރި ތަންތަނަކީ ކުރިން ކެޔޮ ހެއްދި ތަންތަން،" އޭނާ ބުންޏެވެ.
ލާމު އަތޮޅު ފޮނަދޫ ހަސަން ހަލީލްގެ ދަނޑުގައި ފަޅޯ ހައްދާފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
"މި ހަމަ ތަޖުރިބާއިން، އަހަރުމެން ވަރަށް މަޝްވަރާ ކުރިން، ކީއްވެ ހެއްޔެވެ؟ އެއް ދަނޑެއް ނޫން ހެއްޔެވެ މިއީ؟ ބައެއް މީހުން ބުުނޭ ދެން ބައްޔެއް އުޅެނީއޭ. ހުރިހާ އެއްޗަކަށް ދެން މިއަށް ވެސް، ރިހާކުރު ބޭސް ޖަހަންވީނު ހެއްޔެވެ؟ އެކަމަކު އޭރު ވެސް ވިސްނުނު އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަން،"
މީގެ އިތުރުން ފަތްކޭލަށް ލޮނު ޖަހަން ޖެހޭތީ، އެ ކަމަށް ވެސް ފަސޭހަ ގޮތްތަކެއް ބެލި އެވެ. ލިންކް ރޯޑާވީ ދިމާއިން ދަނޑުތަކާ ހަމައަށް ހޮޅިއެއް ވަނީ ގުޅައިފަ އެވެ. މަހަކު އެއް ފަހަރު ލޮނު ޖެހުމުން ފަނިފަކުސާތަކާއި ކިލާފަނި ފަދަ ތަކެތި މަދުކުރެވޭ ކަމަށް ހަލީލު ބުންޏެވެ.
"ކޭލަކީ މަރުވާ އެއްޗެއް ނޫން ލޮނު ޖެހިގެން، އެ ކަން އެނގުނީ، މި ރަށުގައި އެ ކަން ޓްރޭޑިޝަނަކީ އެ ގޮތަށް ކުރާ މީހެއް ބުނެދީގެން،" އޭނާ ބުންޏެވެ.
ގްރީންހައުސް އިން އަންނަ ފައިދާގެ އަގުމަގާއި ހިސާބުކިތާބެއް ވެސް ހަސަން ހަލީލު ގެންގުޅެ އެވެ. އޭނާ ބުނާ ގޮތުން ގްރީންހައުސް އިން ދަނޑުވެރިކަން ކޮށްގެން، އާމްދަނީ ދެގުނަ ކުރެވޭނެ އެވެ. އަދި ގްރީންހައުސް އިން ނަމަ، ވިއްކަން ނެގޭނެ ނިސްބަތް ޔަގީން ކޮށްލެވޭނެ އެވެ.
"އާންމު ދަނޑުވެރިކަމުގައި ޓަނެއް ނެގޭނެ ކަން ޔަގީނެއް ނުވާނެ. ކޮން ބައްޔެއް ކަމެއް ނޭނގެ ޖެހޭނީކީ، ޓަސްކިޔައިފަ އެއްވެސް އެއްޗެއް ނާޅާ، ހުސް މާ އަޅާ ފަހަރު ވެސް އައިސްދާނެ، މާ ވެސް ވެއްޓޭ ފަހަރު އެބަ އާދޭ،" ހަސަން ހަލީލު ބުންޏެވެ.
ގްރީންހައުސްގައި ތަކެތި ހައްދާއިރު ގެރިގުއި ބޭނުމެއް ނުވެ އެވެ. އޮށްކާނާ ވެސް އަޅާކަށް ނުޖެހެ އެވެ. ގެރިގުއިއާއި އޮށްކާނާއަށް ޖުމުލަ ގޮތެއްގައި ގާތްގަނޑަކަށް 7000 ރުފިޔާއާއި 9000 ރުފިޔާއާ ދެމެދުގެ އަދަދަކުން ހަރަދު ކުރަން ޖެހޭ ކަން އޭނާ ފާހަގަ ކުރި އެވެ.
"ބިމުގައި ހައްދައިގެން އަހަރުމެންނަށް 10،000 ރުފިޔާ ނެގެންޏާ ގްރީން ހައުސްގައި ހައްދައިގެން 20،000 ނެގޭނެ، ޑަބަލް ކުރެވޭނެ، ދަނޑުވެރިޔާގެ އާމްދަނީ ޑަބަލް ކުރެވޭނެ،" ހަލީލު ބުންޏެވެ. "ރިސްކް ކުޑަވޭ، އެ ތާނގަ ރިސްކް އަކީ 80 ޕަސެންޓް، މި ތާނގަ ރިސްކް އަކީ 20 ޕަސެންޓް."
ހަސަން ހަލީލުގެ ދަނޑުގައި ކެޔޮ އަދި ފަޅޯ ގަސް ހައްދާފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ހަސަން ހަލީލު ދެއްކި ހިސާބުތަކުގައިވާ ގޮތުން ގްރީންހައުސްއަކަށް ހަރަދުވެގެން ދަނީ ގާތްގަނޑަކަށް 200،000 ރުފިޔާ އެވެ.
ބަޔަކާ ހަވާލުކޮށްގެން ގޭގެ ސްޓްރަކްޗާ ނުވަތަ އިމާރާތުގެ ފަރުމާ ނިންމީ ގާތްގަނޑަކަށް 100،000 އެއްހާ ރުފިޔާއިންނެވެ. އެއީ ހޮޅިތަކާއި މެޓާއި، ވާށާފާރު ހިމެނޭ ގޮތަށެވެ. ޕޮޓްތަކުގެ ސިސްޓަމްއަށް ހަރަދުވާނީ 70،000 އެއްހާ ރުފިޔާ އެވެ.
"ދެން ބޭނުން ވާނީ 170 ރުފިޔާ އަށް އެ ލިބޭ ފުޅިއެއް، ފެން އަޅަން ބޭނުން ވެދާނެ ޓޭންކް ޕަވާ ހެޑެއް ބޭނުން ވެދާނެ، އިތުރަށް ދާނީ ސެކުއިރިޓީ ކެމެރާގެ ހަރަދު، މި ހުރިހާ އެއްޗެއް ހިމަނައިގެން ބަލާ، ޖުމުލަ 200،000 އެއްހާ ރުފިޔާ ކަމަށް،" ހަލީލު ބުންޏެވެ.
އޭނާ ބުނި ގޮތުން، އެއީ އަހަރެއްހާ ދުވަހުގެ ތެރޭގައި ދަނޑުވެރިންނަށް ހޯދޭނެ އަދަދެކެވެ. އޭނާ މިއަދު އެދޭ ކަމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ފެންވަރުގައި މި ކަންކަން ހަމަޖައްސައިދިނުމެވެ.
"އެގްރިކަލްޗާ މިނިސްޓްރީން ދޭން ވީނު ހެއްޔެވެ ކޮންމެ ދަނޑުވެރިއަކަށް މީގެ ގެއެއް، އެއް އަހަރު ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަށް، އެގްރޯއަށް ވިޔަސް، މިނިސްޓްރީއަށް ވިޔަސް އެންމެ ރަނގަޅޭ،" ހަސަން ހަލީލު ބުންޏެވެ.
ލާމު އަތޮޅު ދަނޑުވެރިން މިއަދު، ޖަމިއްޔާއެއްގެ ސިފައިގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން އެ ހާސިލްކުރަން އުޅެނީ ބޮޑު ކަމެކެވެ. ދުޅަހެޔޮ، ރައްކާތެރި، ދެމެހެއްޓެނިވި، އަދި ފަހި ދަނޑުވެރިކަމަކާ ދިމާއަށް ދިއުމަށެވެ. ދެން ވާންވީ ކަމަކީ ސަރުކާރުގެ ސިޔާސަތު ވެސް އެ މަގުން ގެންގޮސް، އިގުތިސޯދީ ރަނގަޅު ބަދަލުތަކެއް ގެނައުމެވެ.
Comment