Advertisement

މެންބަރުން ގުނާ ގޮތް ބަޔާން ކުރާ މާއްދާ ބާތިލް ކުރަން ރިޔާސަތުން ހުށަހަޅައިފި

12 މާރިޗު 2024 - 11:29 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


މެންބަރުން ގުނާ ގޮތް ބަޔާން ކުރާ މާއްދާ ބާތިލް ކުރަން ރިޔާސަތުން ހުށަހަޅައިފި

12 މާރިޗު 2024 - 11:29 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުނާ ގޮތް ބަޔާން ކުރާ ގަވާއިދުގެ މާއްދާތައް ބާތިލް ކުރަން އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހަޅުއްވައިފި އެވެ.

ބާތިލް ކުރަން ހުށަހެޅި މާއްދާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބާއްވަން ހަ މަހަށް ވެފައި އޮއްވައި (ބައި-އިލެކްޝަނެއް ނުބޭއްވޭނެ ހާލަތުގައި) އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ މެންބަރުންގެ ޖުމުލަ އަދަދު ގުނާނީ ހުސްވި ގޮނޑިތައް ނުހިމަނާ ކަމަށެވެ.

އެ މާއްދާ އެގޮތަށް ފާސް ކުރީ ކުރިން އޮތް މާއްދާ ބާތިލް ކުރުމަށްފަހެވެ. ކުރިން އޮތް މާއްދާތައް ބާތިލް ކުރީ އެ މާއްދާތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުން ހުށަހެޅުމުންނެވެ. ގަވާއިދުގައި މިހާރު އެ މާއްދާތައް ނެތަސް ކޯޓުން ކަނޑައެޅީ އެއީ ގާނޫނުއަސާސީއާ ހިލާފު މާއްދާތަކެއް ކަމަށެވެ.

އެއާއެކު މިއަދު މަޖިލީސް ފެށުމަށްފަހު އަސްލަމް އެދިވަޑައިގަތީ މަޖިލީހުގެ މާއްދާ ބާތިލް ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމުމަށެވެ.

އެ މާއްދާގައި ބުނަނީ، "ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ" ކަމަށެވެ.

ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ:

  • (ކ) މި ގަވާއިދުގެ ބޭނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށް.
  • (އ) ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގެނޭނެ.
  • (ވ) ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފި ނަމަ އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާނު ކުރަންވާނެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާން ކުރާ ޖުމުލަ މެންބަރުން ގުނާ ގޮތުގެ މާއްދާތަކަށް އަމަލު ނުކުރަން ބަންޑާރަ ނައިބު އެންމެ މަތީ ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެކަމަކު އެއަށްފަހު މަޖިލީހުން ފާސް ކުރީ ގަވާއިދާ އެއްގޮތަށް މެންބަރުން ގުނައި، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަށެވެ.