Advertisement

ވާގޮތް: ގޫގުލް ފަދަ ސާޗް އިންޖީނުތައް މަސައްކަތްކުރަނީ ކިހިނެއް؟

12 މާރިޗު 2024 - 07:36 1

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ގޫގުލް ފަދަ ސާޗް އިންޖީނުތައް މަސައްކަތްކުރަނީ ކިހިނެއް؟

12 މާރިޗު 2024 - 07:36 1

ބޭނުންވާ ކަންކަމާއި ސުވާލުތަކާއި ގުޅޭ މައުލޫމާތުތައް ގޫގުލް އިން، ޖާދުލެއް ފަދައިން ހޯދައިގަންނަނީ ކިހިނެއްތޯ ދުވަހަކުވެސް ހިތައް އަރާތަ؟ އެއްޗެއް ޓައިޕުކޮށްލުމާއި އެކީ ގެންނަ ނަތީޖާތަކުން، އެ ލިޔެވުނު އެއްޗަކަށް ހާއްސަކުރެވިފައިވާ ކުތުބުހާނާއަކަށް ވަދެވޭހެން ހީނުވޭހެއްޔެވެ؟ މި ހުރިހާ ކަމެއްގެ އަސްލަކީ ގޫގުލްގެ "ސާޗް" ފީޗާ އެވެ. ނަމަވެސް މި ފީޗާ މަސައްކަތްކުރަނީ ކިހިނެއް ހެއްޔެވެ؟ ފަރުދާގެ ފަހަތަށް ނަޒަރު ހިންގާލާ، ގޫގުލް އިން މުޅި އިންޓަނެޓް، ތިބާގެ އަމިއްލަ ކުތުބުހާނާ އެސިސްޓެންޓަކަށް ބަދަލުކުރާ ގޮތް ބަލާލަމާ ހިނގާށެވެ. ކޮންމެ ހޯދުމެއް ނުވަތަ "ސާޗް" އެއްގައި ތިން މަރުހަލާއެއްވެ އެވެ. އެއީ "ކްރޯލިން"، "އިންޑެކްސިން" އަދި "ރޭންކިން" އެވެ.

ކްރޯލިން (Crawling): ގޫގުލް ބޮޓްސްގެ ހުއްޓުމެއް ނެތް މަސައްކަތް

ގޫގުލް އަކީ ބޮޑު ލައިބްރަރީއެއްގެ ގޮތުގައި ތަސައްވުރު ކޮށްލާށެވެ. ނަމަވެސް ލައިބްރަރީގައި މަސައްކަތްކުރާ މީހެއް ނުވަތަ "ލައިބްރޭރިއަން" އެއްގެ ބަދަލުގައި، ގޫގުލްގައި ވަނީ "ކްރޯލާސް" ނުވަތަ "ސްޕައިޑާސް" ކިޔާ ޑިޖިޓަލް ބޮޑު ލަޝްކަރެކެވެ. މި ވަރުބަލިކަމެއް ނެތް ބޮޓްތައް މެދުނުކެނޑި އިންޓަނެޓްގައި އުޅެމުން، ވެބްސައިޓްތަކަށް ޒިޔާރަތްކޮށް ލިންކްތަކަށް ފޮލޯކޮށްހަދަ އެވެ. އަދި ކޮންމެ ލިންކްއަކަށް ވަނުމުން އެ ލިންކްގައި ހުންނަނީ ކޯއްޗެއްތޯ ބަލަ އެވެ. އެހެންކަމުން މިއީ އިންޓަނެޓުގެ ލައިބްރަރީގައި ހުރި ހުރިހާ ފޮތެއް ކިޔަމުންދާ ބޮޓުންތަކެއް ފަދަ އެވެ.

އިންޑެކްސިން (Indexing): ކޮންމެ ވެބްޕޭޖެއް ތަހުގީގުކުރުން

ކްރޯލަރުންނަށް ފެންނަ ހުރިހާ އެއްޗެއް ފައިލް ވެގެން ދަނީ ގޫގުލްގެ ހާއްސަ "އިންޑެކްސް" ލައިބްރަރީ ގައެވެ. މިއީ ވަރުގަދަ އަދި އެހާމެ ބޮޑު އެއްޗެކެވެ. މިއީ ކޮންމެ ވެބްޕޭޖަކާ ބެހޭ މައުލޫމާތު ރައްކާކުރާ އެއްޗެކެވެ. އޭގެ ތެރޭގައި ކޮންޓެންޓާއި ކީވޯޑްސް އަދި އެ ވެބްޕޭޖަކަށް ދާ ލިންކްތައް ހިމެނެ އެވެ.

އެކަމަކު ގޫގުލް އިން ހަމައެކަނި ވެބްޕޭޖްތަކުގައި ހިމެނޭ ބަސްތައް ރައްކާކުރުމަށް ވުރ ވެސް މާ ދުރަށްދެ އެވެ. ލައިބްރޭރިއަން އެއް ފޮތެއް ހުލާސާކުރާ ފަދައިން، ގޫގުލް އިން ވެސް ވެބްޕޭޖްގެ ކޮންޓެންޓް ތަހުލީލުކޮށް ކެޓަގަރީ ކުރުމަށް ފަންނުވެރި އަލްގޮރިދަމްތަކެއް ބޭނުން ކުރެ އެވެ. މިއީ ކޮންމެ ވެބްޕޭޖެއްގެ މާނައާއި މަގްސަދު ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ.

ރޭންކިން (Ranking): އެންމެ އެދެވޭ ނަތީޖާތައް އެތުރުން

ސާޗް ބާ ގައި އެއްޗެއް ލިޔެލުމާ އެކު، ގޫގުލް އިން މި ބޮޑު އިންޑެކްސްތެރެއަށް ފީނާލަ އެވެ. ވަރުގަދަ އަލްގަރިދަމްތައް ބޭނުންކޮށްގެން، ތިބާގެ ސުވާލު ތަހުލީލުކޮށް، އެއަށް އެންމެ ރަނގަޅަށް ޖަވާބުދޭ ވެބްޕޭޖްތައް ދެނެގަނެ އެވެ. ނަތީޖާތައް ދެއްކުމުގައި ގޫގުލް އިން ބަލަނީ ބޭނުންކުރާ މުހިންމު ބަސްތަކާއި، ކޮންޓެންޓް ސުވާލާ ގުޅޭ މިންވަރާއި، އަދި އެ ވެބްސައިޓެއްގެ އަބުރަށްށެވެ. ނަތީޖާތައް އަތުރަނީ މިފަދަ އެތައް ކެޓަގަރީއަކުން އެންމެ މަތީ މާކްސް ލިބޭ ވެބްސައިޓްތައް ފުރަތަމަ އަންނަ ފަދައިންނެވެ.

ކޮންމެ މީހަކަށް ހާއްސަ ލައިބްރަރީއެއް

ގޫގުލް އިން ތިމާ އިސްކަންދޭ ކަންތައްތައް ހަނދާނުގައި ބަހައްޓަ އެވެ. މާޒީގައި ހޯދި ހޯދުންތަކާއި، ބްރައުޒިން ސުލޫކަށް ބަލައިގެން، ގޫގުލް އިން ތިބާގެ ސާޗް ނަތީޖާ "ޕާސަނަލައިޒް" ކުރެއެވެ. މާނައަކީ ކުރިން ޒިޔާރަތްކޮށްފައިވާ ވެބްސައިޓްތައް ނުވަތަ ފަހުގެ ހޯދުންތަކާ ގުޅުންހުރި ކޮންޓެންޓްތައް ފެނިދާނެ އެވެ.