Advertisement

އިއްޔެ އެކަނި މާލެ މަގުތަކުން 60 އެއްހާ ޓަނުގެ ކުނި ނަގައިފި

11 މާރިޗު 2024 - 12:57 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސިޓީ ކައުންސިލް މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތް ކުރަނީ: ރޯދަ މަހާ ގާތްކޮށް، މާލެ މަގުތަކު މައްޗަށް ކުނި ގިނަވުމުގެ މައްސަލަ ބޮޑުވޭ - ފޮޓޯ: ސިޓީ ކައުންސިލް


އިއްޔެ އެކަނި މާލެ މަގުތަކުން 60 އެއްހާ ޓަނުގެ ކުނި ނަގައިފި

11 މާރިޗު 2024 - 12:57 0

ރޯދަ މަހާ ގާތްކޮށް، މާލެ މަގުތަކު މައްޗަށް ކުނި ގިނަވުމުގެ ސަބަބުން ސިޓީ ކައުންސިލް މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތް ފަށައި، އިއްޔެ އެކަނި މަގުތަކުން 60 ޓަނާ ގާތްކުރާ އަދަދަކަށް ކުނި ނަގައިފި އެވެ.

ސިޓީ ކައުންސިލުން މީޑިއާތަކަށް ހިއްސާކުރި އިއްޔެ މަސައްކަތުގެ ރިޕޯޓުން ދައްކާ ގޮތުގައި މާލޭގެ 26 މަގަކުން، ޖުމުލަ 59.6 ޓަނުގެ ކުނި ނާގާފައިވެ އެވެ.

ކުނި ނެގި މަގުތަކުގެ ތެރޭގައި މާވެޔޮ މަގު، ބޮޑުތަކުރުފާނު މަގު، ދިލްބަހާރު މަގު، ބޮޑުރަސްގެފާނު މަގު، ޝަބްނަމް މަގު، ކަނބާއައިސާރަނީ ހިނގުން، އަމީނީ މަގު، ލޮނުޒިޔާރަތް މަގު، ބުރުޒު މަގު، ޗާންދަނީ މަގު، ކުރިކީލަ މަގު، ކުނޫޒު ކަންމަތި، ފަދަ ބޮޑެތި މަގުތަކާއި އާންމުން އެއްވާ ތަންތަން ހިމެނެ އެވެ.

ކުނި ނެގުމަށް ސިޓީ ކައުންސިލުން 51 ޕިކަޕު އެބަ ގެންގުޅެ އެވެ. އޭގެ ތެރޭގައި 1.5 ޓަނު އުފުލޭ 16 ޕިކަޕު، ދެ ޓަނު އުފުލޭ ޕިކަޕެއް، 0.350 ޓަނު އުފުލޭ 26 ޕިކަޕު، 3.5 ޓަނު އުފުލޭ 1 ޕިކަޕު، އަދި ތިން ޓަނު އުފުލޭ ހަތް ޕިކަޕު ހިމެނެ އެވެ.

ރޯދައާ ދިމާކޮށް މާލޭ މަގުތަކުގައި އަބަދު ވެސް ކުނި ގިނަވެ އެވެ. މިގޮތަށް ތަންތަނަށް ޖަމާކޮށްފައި ހުންނަ ކުނިތަކުގެ ތެރޭގައި ގިނައީ ބޮޑެތި ފަރުނީޗަރާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކްސް ފަދަ، ވެމްކޯއަށް އިތުރަށް ފައިސާ ދައްކައިގެން އުކާލަން ޖެހޭ ޒާތުގެ ކުންޏެވެ.