Advertisement

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި އާއިލީ ހަވީރެއް

އުރީދޫ ކުޑަކުދިންގެ ހަވީރު -- ފޮޓޯ: އަދަދު


ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި އާއިލީ ހަވީރެއް

ކުޑަކުދިންގެ ދުވަހާއި ގުޅިގެން އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި އާއިލީ ހަވީރެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިއަދު އެ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އާއިލީ ހަވީރުގެ މަގުސަދަކީ އާއިލީ ގުޅުން ބަދެހިކޮށް، ކުޑަކުދިންނަށް ހެލިފެލިވެ އުޅެން ފުރުސަތެއް ހޯދައިދިނުން ކަމަށެވެ.

އާއިލީ ހަވީރުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މެކޭނިކަލް ބުލް ރައިޑިން، ގްލޭޑިއޭޓާ ޑުއެލް، ބާސްކެޓް، ތްރީޑީ ފޮޓޯބޫތު، އިންސްޓެންޓް ފޮޓޯ ބޫތު، މިނީ ގޭމްސް، ސްޓޯރީ ޓެލިން، ފޭސް ޕެއިންޓު، ބަބްލް ފަން، އޮލިވް ރިޑްލޭ ޕްރޮޖެކްޓު، ވޭލް ޝާކް ރިސާޗް ޕްރޮގްރާމް، ސްޓޭޖް ޓެލެންޓް ޝޯއެއްގެ އިތުރުން މެސްކޮޓް އަދި ފުޑް ސްޓޯލެއް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން, ކުދިންނަށް އާ ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސޯލާ ސިސްޓަމް ވާޗުއަލް ރިއަލިޓީ އަދި އަންޑާ ވޯޓާ ވާޗުއަލް ރިއަލިޓީ ބަލައިލުމުގެ ފުރުސަތު މި ހަވީރުގައި ލިބޭނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. މިއީ މާލެ ސިޓީގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މި އާއިލީ ހަވީރު ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހަވީރުގެ ވަގުތު ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކަށެވެ. އަދި ރޭގަނޑު ކުޅިވަރުތަކުގެ އިތުރުން މިއުޒިކް ޝޯ އަދި ބޮޑުބެރުގެ ހަރަކާތް ކުރިއަށްދާނެ އެވެ.