11 މާރިޗު 2024 - 20:50 0
މުހައްމަދު ޖަމްޝަތު ވަހީދު
ރާއްޖެއަށް ޕީސް ކޭބަލް ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އުރީދޫ
11 މާރިޗު 2024 - 20:50 0
އުރީދޫ މޯލްޑިވްސް އިން އިންވެސްޓުކޮށްގެން ސިންގަޕޫރާއި ޔޫރަޕާއި އެފްރިކާއާ ރާއްޖެ ގުޅާލެވޭގޮތަށް އަޅާފައިވާ ބައިނަލްއަގުވާމީ "ޕީސް ކޭބަލް"ގެ ހިދުމަތް މިއަހަރު މެދުތެރޭގައި އާއްމުންނަށް ލިބެން ފަށާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.
ލޯކަލް ގަވަމަންޓު މިނިސްޓަރީން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އަޅަންޖެހޭ ކޭބަލްތައް އަޅައި ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ކޭބަލްތަކުގެ ކޮންފިގަރޭޝަން މަސައްކަތްތައް ކަމަށެވެ. އަދި ރޭވިފައިވާ ޝެޑިއުލްއާ އެއްގޮތަށް އެ މަސައްކަތްތަށް ކުރިއަށް ގޮސްފިނަމަ މި އަހަރު މެދުތެރޭގައި އެ ކޭބަލްގެ ހިދުމަތް އާއްމުންނަށް ލިބެން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"މި ކޭބަލަކީ ދުނިޔޭގެ މުއާސަލާތީ ހިދުމަތްތަކުގެ މައި ވިއުގަތަކާއި ތިންވަނަ ގައުމެއް މެދުވެރިނުކޮށް ސީދާ ގުޅުވާލެވޭ ކޭބަލެއް..މި ކޭބަލްގެ ސަބަބުން އިންޓަނެޓް އަދި މުއާސަލާތީ ހިދުމަތުގެ ފެންވަރަށާއި ލޭޓެންސީ އަދި އަގުތަކަށްވެސް ހެޔޮ ބަދަލުތަކެއް އައުމުގެ ފުރުސަތު ވަރަށްބޮޑަށް ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އުރީދޫން އެޅި މި ސަބްމެރިން ކޭބަލަކީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އެޅި ފުރަތަމަ ބައިނަލްއަގުވާމީ ސަބަމެރިން ކޭބަލެވެ.
މިއީ އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕް ގުޅުވާލާ 15،000 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލްއެކެވެ. މި ބިޔަ މަޝްރޫއު ހިންގަނީ ވާވޭ މެރިން އާއި ޓްރޮޕިކް ސައިންސް ކޮމްޕެނީ ލިމިޓެޑާއި އާއި ޗާއިނާ-އާސިއާން އިންފޮމޭޝަން ހާބަރު ލިމިޓެޑާއި ޗައިނާ ކޮންސްޓްރަކްޝަން ބޭންކް އަދި ވާވޭ މެރިން ނެޓްވޯކްސް ގުޅިގެންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނިތަކުން ސޮއިކުރީ 2017 ވަނަ އަހަރު އެވެ.
އެ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް ގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެ އެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި އެކުންފުނިން ޕީސް ކޭބަލްއަށް އިންވެސްޓުކުރީ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަލުއިކުރުމަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އައު ޓެކްނޮލޮޖީ އާއި އައު އީޖާދުތަކާއި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާ ގުޅުވާލަދޭ އިންގިލާބީ 5ޖީގެ ހިދުމަތް ފޯރުކޮށްދިނުމަށް ނެޓްވޯކް ތައްޔާރަށް އޮތް މިންވަރު އިތުރުވެގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
Comment