Advertisement

ބަންޑާރަނައިބުގެ ލަފަޔަށް ޒުލްފާ ނުސީދާކޮށް ގޮންޖައްސަވައިފި

10 މާރިޗު 2024 - 16:15 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ މަރިޔަމް ޒުލްފާ: އެ އޮތޯރިޓިގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ --- ފޮޓޯ: އެލްޖީއޭ


ބަންޑާރަނައިބުގެ ލަފަޔަށް ޒުލްފާ ނުސީދާކޮށް ގޮންޖައްސަވައިފި

10 މާރިޗު 2024 - 16:15 0

ކައުންސިލްތަކުން ނެރޭ ބަޔާންތައް ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށާއި ކައުންސިލްތަކާ ގުޅޭ އެފަދަ ކަންކަމުގައި ހިންގަން ޖެހޭނީ އިންކުއަރީއެއް ކަމަށް ވިދާޅުވެ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ދެއްވި ލަފަޔަށް އެލްޖީއޭގެ ސީއީއޯ މަރްޔަމް ޒުލްފާ ނުސީދާކޮށް ގޮންޖައްސަވައިފި އެވެ.

މި މައްސަލަ ފެށެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ކެމްޕެއިން ދަތުރެއް ކަމަށް ތުހުމަތުކޮށް އެއަތޮޅު ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނު ހިސާބުންނެވެ. މައްސަލަ ގޯސްވީ އެ ބަޔާން ބާތިލުކުރަން އަންގަވައި އެލްޖީއޭގެ ސީއީއޯ ޒުލްފާ ސިޓީއެއް ފޮނުއްވުމުންނެވެ.

އޭޖީ އޮފީހުން މިދިޔަ ބުދަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ އެލްޖީއޭއަށް އެގޮތަށް ކަންތަައް ކުރެވޭނެ ކަމަށް ގަބޫލުނުކުުރެއްވޭތީ، އެގޮތަށް އެލްޖީއޭއަށް ލަފާ ދީފައިވާނެ ކަމަށެވެ.

ކައުންސިލް މިނިސްޓްރިއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި އެލްޖީއޭ ބައިވެރިވެގެން، ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމް ގަައި މިއަދު ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމެއްގައި އެލްޖީއޭގެ ސީއީއޯ ޒުލްފާ، ސިޓީ ދިފާއުކުރައްވަމުން، ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އެންގެވީ އެ ބަޔާނަނީ ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ބަޔާނެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އެގޮތަށް ގަބޫލުކުރައްވާތީ އެ ފިޔަވަޅު އެޅުއްވީ ވަރަށް އަވަހަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލެއްގެ ބަޔާން ބާތިލުކުރަން އެލްޖީއޭއަށް އެގޮތަށް ނޭންގޭނެ ކަމަށް ބަންޑާރަނައިބު ލަދާ ދެއްވާފައިވާކަން ފާހަަކޮށް ނޫސްވެރިއަކު ސުވާލުކުުރުމުން ޒުލްފާ ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހަކީ އިދާރާތަކުން ގާނޫނީ ލަފަޔަށް އެދުނީމާ ލަފާދޭން ހުންނަ އޮފީހެއް ކަމަށެވެ.

"ދެން ބައެއް ބޭފުޅުން ވިދާޅުވޭ އެއީ އަޅުގަނޑުމެންނަށް ކުރެވިދާނެކަމެއް ނޫންކަމަށް، ބަންޑާރަނައިބުގެ ލާ [އެގޮތަށް އޮތް ކަމަށް]، ދެން ބަންޑާރަނައިބުގެ އޮފީހަކީ އަޅުގަނޑުމެން އެދުނީމާ ލަފާ ދެއްވަން، ދައުލަތުގެ ހުރިހާ މުއަައްސަސާއަކުން ވެސް ލަފަޔާ އެދުނީމާ އެމަނިކުފާނު ލަފާ އަރުއްވަނީ ދެއްތޯ؟" ޒުލްފާ ޖަވާބު ދެމުން ސުވާލު ކުރެއްވި އެވެ.

ޒުލްފާ ވިދާޅުވި ގޮތުގައި ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނުގެ މައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހެޅުއްވުމުގެ ބަދަލުގައި އަމިއްލަފުޅަށް ސިޓީއެއް ފޮނުއްވީ އެ މަރުހަލާ މާ ދިގުވެ، ކަމުުގެ މުއާލާތް ކެނޑިދާނެތީ އެވެ.

ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭގެ ސިޓީއަކުން އެންގި އެންގުުން ގަވައިދާ ހިލާފުކަމަށް ގަބޫލުކުރައްވަންތޯ އަދި އެކަމުގައި ބަންޑާރަނައިބު ދެއްވި ލަފާ ގަބޫލުުކުރައްވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒުލްފާ ވިދާޅުވީ ބަންޑާރަނައިބުގެ ލަފާ ލިބުނީ މާޗް 7، ގައި (މިދިޔަ ބުރާސްފަތި ދުވަހު) ކަމަށެވެ.

"އަޅުގަނޑުމެންނަށް ބަންޑާރަނައިބުގެ ސިޓީފުޅު ލިބުނީ މިއަދު، ހަތެއް މާޗްގައި، ދެން އޭގެ ކުރީގައި އެކަންތައް ހިނގައި ނިމިދިޔަ ފަހުން އިންވެސްޓިގޭޓްކުރެއްވި، ބަންޑާރަނައިބު ފޯނުގެ ޒަރިއްޔާއިން އަޅުގަނޑު ގާތު އެއްސެވި އެއީ ކިހިނެތް ހިނގައިދިޔަ ކަމެއް ހެއްޔޭ މިއީ ދެން އަަޅުގަނޑު ހަމަ މިގޮތަށް މިޖަވާބު އެމަނިކުފާނަށް ވެސް އެރުވިން،" ޒުލްފާ ވިދާޅުވި އެވެ.

ބަންޑާރަނައިބުގެ ލަފަޔަކީ ކައުންސިލްގެ ބަޔާނުގެ މައްސަލާގައި އިންކުއަރީއެއް ހެދުން ކަމަށް ވިޔަސް އެއީ ނަސޭހަތާ އިރުޝާދު ދެވިދާނެ ފަދަ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކުރީގެ ދެ ސަރުކާރުގެ ދުވަސްވަރު ވެސް އެގޮތަށް ކަން ހިނގާފައިވާ ކަމަށް ވެސް ޒުލްފާ ފާހަގަކުރެއްވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަޔާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކައުންސިލްތަކަށް އެލްޖީއޭއިން މިއަށް ވުރެ މާބޮޑަށް އިރުޝާދު ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.