Advertisement

"ނީނާ" މީޑިއާނެޓުގެ ވީޑިއޯކްލަބަށް

10 މާރިޗު 2024 - 07:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


"ނީނާ" މީޑިއާނެޓުގެ ވީޑިއޯކްލަބަށް

10 މާރިޗު 2024 - 07:30 0

މިދިޔަ އަހަރުގެ އޮގަސްޓު މަހު ރިލީޒްކުރި ދިވެހި ފިލްމު "ނީނާ" މީޑިއާނެޓުގެ ވީޑިއޯ ކްލަބަށް ލައިފި އެވެ.

މީޑިއާނެޓުން ބުނީ ދިވެހިންގެ ތެރޭގައި މަގުބޫލުވި ނީނާ ފިލްމު އިއްޔެއިން ފެށިގެން ވީޑިއޯކްލަބު މެދުވެރިކޮށް ޓީވީ އަދި ފޯނުން ބަލާލެވޭނެ ކަމަށެވެ.

އައި ފިލްމްސް އިން ޕްރޮޑިއުސްކޮށް، އިލްޔާސް ވަހީދު (އިއްލެ) ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ދިވެހިންގެ ހިތްތަކާ ކުޅެލާފަދަ ޝައުގުވެރި ވާހަކައެއްގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ދައްކައި ދެނީ ކާމިޔާބު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އަންހެނެއްގެ ހަޔާތަށް ދިމާވާ ފިތްކަންޑައިގެންދާފަދަ ބޮޑުތި ގޮންޖެހުންތަކާ ކުރިމަތިލާ ފިސާރި ފަސްނުޖެހޭ އަންހެނެއްގެ ވާހަކަ އެވެ.

މި ފިލްމަކީ ގެވެށި އަނިޔާފަދަ ދިވެހި މުޖްތަމައުގައި އަންހެނުން ކުރިމަތުލަމުން އަންނަ ބޮޑެތި މައްސަލަތައް ދައްކުވައިދޭ އިޖުތިމާއީ މެސެޖުތަކެއް ހިމެނިފައިވާ ފިލްމެކެވެ.

ފިލްމުގެ ލީޑް ރޯލުން ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނުޒުހަތު ޝުއައިބު (ނުޒޫ) ފެނިގެން ދާއިރު، އޭނާގެ އެކްޓިންއަކީ މި ފަހުން ނިކުތް ފިލްމެއްގައި އަންހެން ފަންނާނެއްގެ ފަރާތުން ފެނުނު އެންމެ ތަފާތު މޮޅު އެކްޓިންގް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ފިލްމުގެ ލީޑް ރޯލުން ދެން ފެނިގެންދަނީ މިހާރު ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގްބޫލު އެކްޓަރު ކަމުގައިވާ ޝަރަފް އަބްދުﷲ އެވެ.

މީގެއިތުރުން މި ފިލްމުގެ އިތުރު ރޯލުތަކުން ތަޖުރިބާކާރު އެކްޓަރުން ކަމުގައިވާ މަރިޔަމް ޝަކީލާ އަދި މަރިޔަމް ރަޝީދާ ވެސް ފެނިގެނެ އެވެ. އަދި މުހިއްމު ނުބައިބައި މީހެއްގެ ރޯލުން ހަމްދާން ފާރޫގުގެ އެކްޓިންވެސް ފެނިގެންދެ އެވެ.

މީޑިއާނެޓުން ބުނީ "ނީނާ" ފިލްމާއެކު ވީޑިއޯކްލަބަށް އިތުރު މުއްސަނދި ކަމެއް ލިބިގެން ގޮސްފައި ކަމަށާއި، އެންމެ ފަހުގެ ދިވެހި އަމިއްލަ އުފެއްދުންތައް ފަސޭހަކަމާއެކު ޓީވީ އަދި މޯބައިލް ސްކްރީންތައް މެދުވެރިކޮށް ބަލާލެވޭނެ ގޮތް ދިވެހިންނަށް މިވަނީ ފަހިވެގެން ގޮސްފައި ކަމަށެވެ.

ވީޑިއޯކްލަބުން އަންނަނީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން އަމިއްލަ އުފެއްދުންތަކެއްވެސް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.

ވީޑިއޯކްލަބްގެ ލައިބްރަރީގައި ހިމެނޭ ކޮންޓެންޓް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އެމްއެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީ އިން އަދި އެމްއެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް ފޯނުން ބަލާލެވެ އެވެ.