Advertisement

ސިޔާސީ މީހުންނާ ދޭތެރޭ ފުލުހުން ކުރަނީ މިނިވަން ތަހުގީގެއް ނޫން: ޔާމީން

9 މާރިޗު 2024 - 13:59 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ. މަގާމުތަކަށް އައްޔަނުކުރި މީހުންގެ ފެންވަރާ މެދު ޔާމީން ސުވާލު އުފެއްދެވި --- ފޮޓޯ: އަދަދު ފައިލް


ސިޔާސީ މީހުންނާ ދޭތެރޭ ފުލުހުން ކުރަނީ މިނިވަން ތަހުގީގެއް ނޫން: ޔާމީން

9 މާރިޗު 2024 - 13:59 1

އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މުހިންމު އަސާސަކީ މިނިވަން އިންސާފުވެރި ތަހުގީގެ ކުރުން ކަމަށާއި އެހެން ނަމަވެސް ސިޔާސީ މީހުންނާ މެދު ފުލުހުން ހިންގާ ތަހުގީގުތައް މިނިވަން ނޫން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މާޗު 7, ގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ "ވާނުވާ" ބަންދުގެ ކަންތަކުގައި ފުލުހުންގެ އިހުލާސްތެރި ކަމެއް ނޯންނަ ކަމަށެވެ. ފުލުހުންގެ އިދާރާއިން އަމަލުކުރާ ގޮތަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ ފުރަތަމަ މަރުހަލާއަކީ އިންސާފުވެރި ތަހުގީގެއް ކުރުން. މިނިވަން ތަހުގީގެއް ކުރުން. މިނިވަން ތަހުގީގެއް ނޫން ފުލުހުން ކުރަނީއެއް. ބައެއް މީހުންނާ ދޭތެރޭ, ސިޔާސީ މީހުންނާ ދޭތެރޭ ކުރަނީ މިނިވަން ތަހުގީގެއް ނޫން," ޔާމީން ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން އެދެނީ ފުލުހުން ކަމަށާއި "ވާނުވާ" ބަންދަށް ނިމުމެއް ގެނައުމުގެ ފުރުސަތު އޮތީ ފުލުހުންނަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ޝަރީއަތް ނިމެންދެން މި އެެދެނީ. އަދި މި އުޅެނީ ތަހުގީގު ނުނިމިގެން. ތަހުގީގު ނުނިމި މި އެދެނީ ޝަރީއަތް ނިމެންދެން ޖަލުގައި ބައިންދަން. ގާނޫނަށް ބަދަލު ނުގެނެސް މިކަން ކުރެވެން އެބައޮތް. ކީއްވެގެންހޭ އެ މަގު އިހުތިޔާރު ނުކުރަނީ," ސަރުކާރުން ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން ވެސް އެކަން ހައްލުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ޔާމީން ވިދާޅުވި އެވެ.

"ނުހައްގުން ޖަލަށްލާ ލުން, ފުލުހުންގެ އިހުލާސްތެރިކަމެއް އޮތިއްޔާ އެ ރިކުއެސްޓް ހުއްޓާލަންވީ. މިހާރު އަލީ އިހުސާނާއި, ޑރ. މުއިއްޒު އާއި ޕޮލިސް ކޮމިޝަނަރުގެ އަތް މަތީގައި އޮތް ބާރެއްގެ ވާހަކަ މި ދައްކަނީ," އެމަނިކުފާނު ވިދާޅުވި އެވެ.

"ކެބިނެޓަށް އައްޔަނުކުރަން ނަން ލިސްޓެއް ނުފޮނުވަން"

ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވުމުން އޭރުގެ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވައި އިންތިހާބު ކާމިިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އޭރުއްސުރެ ގެބަންދުގައި ހުންނެވި ޔާމީނަށް އިތުރު ލުއިތަކެއް އަދިވެސް ދީފައި ނުވެ އެވެ.

"އަޅުގަނޑު ފޮނުވި ލިސްޓެއް ނޯންނާނެ. މިކަހަލާ ބޭކާރު ވިޔާނުދާ ވާހަކަ ދައްކާތީ އިނގޭތޯ, އެއީ ދެއްތޯ އަޅުގަނޑަށް ޕޯޑިއަމެއްގައި ވާހަކަ ދައްކަން ފުރުސަތު ނުދޭ ސަބަބަކީ," އެ ޖަލްސާގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ކެބިނެޓަށް ޔާމީން ނަންތަކެއް ހުށަހެޅުއްވި ކަމުގެ އަޑުތަކެއް ފެތުރުނެވެ. އެ އަޑުތައް ގަދަވި ދަނޑިވަޅު, ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޔާމީން ވަނީ ސިޔާސީ ގޮތުން މި ސަރުކާރާ ފެއަށް ޖެހިވަޑައިގަނެފަ އެވެ.

އެއަށްފަހު ޕީއެންއެފްގެ މަސައްކަތްތައް ފައްޓަވައި މިނިވަން ނުވި ނަމަވެސް ގެންދަވަނީ ސަރުކާރަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުންނެވެ. އެގޮތުން, ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑު އެކަހަލަ ލިސްޓެއް ފޮނުވަަފިއްޔާ ދެ ބަހުން ކުރެ ބަހަކުން ވާހަކަ ދައްކަން ނޭނގޭ ނޫނީ ތައުލީމީ ފެންވަރެއް ނެތް, މިކަހަލަ ބައެއްގެ ނަންތަކެއް ފޮނުވައިގެން އެ ލިސްޓަށްތޯ އެ ތިބީ ވަޒީރުން ވައްދާފައި," ޔާމީން ވިދާޅުވި އެވެ.