Advertisement

ގިނައިން ކިޔަވަނީ އަންހެނުން، އެކަމަކު މަތީ މަގާމުތަކުގައި އަންހެނުން މަދު

9 މާރިޗު 2024 - 11:20 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކުދިންތަކެއް ސްކޫލަށް ދަނީ -- ފޮޓޯ: އަދަދު


ގިނައިން ކިޔަވަނީ އަންހެނުން، އެކަމަކު މަތީ މަގާމުތަކުގައި އަންހެނުން މަދު

9 މާރިޗު 2024 - 11:20 0

އުމުރުން 17 އަހަރުން ފެށިގެން މަތީ ތައުލީމު ހާސިލުކުރާ އާބާދީގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ ނަމަވެސް، މަތީ މަގާމުތަކުގައި އަންހެނުން މަދުކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް މޯލްޑިވްސްއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 17 އަހަރުން ފެށިގެން 29 އަހަރާއި ހަމައަށް ބަލާނަމަ، މަތީ ތައުލީމު ހާސިލުކުރުމުގައި ގިނައީ އަންހެނުންނެވެ.

ނަަމަވެސް، މެނޭޖީރިއަލް ފެންވަރުގެ މަތީ މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ތެރެއިން އަންހެނުންނަށް ނިސްބަތްވަނީ އެންމެ 23 ޕަސެންޓެވެ. ބާކީ 77 ޕަސެންޓަކީ ފިރިހެނުން އަދާކުރާ މަގާމުތަކެވެ. އަދި ފިރިހެނެއް ނަމަ މަސައްކަތް ލިބިފައިވުމުގެ ފުރުސަތު ވެސް 30.5 ޕަސެންޓު އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ސިނާޔަތް، ފަތުރުވެރިކަމަށް ބަލާނަމަ، ރިސޯޓުތަކުގައި މަސައްކަތްކުރާ އަންހެނުންގެ ޕަސެންޓޭޖް ދަށްކަން ފާހަގަކުރެވެ އެވެ. އެގޮތުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރަނީ 89 ޕަސެންޓު ފިރިހެނުންނެވެ. އަންހެނުންގެ ނިސްބަތަކީ އެންމެ 11 ޕަސެންޓެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިން އިނގެރޭސި ބަހުން ލިޔަން ކިޔަން ދަންނަ ނިސްބަތް ޖިންސުގެ ތަފާތުތަކުން ބަލާއިރު، ފިރިހެނުންގެ 85 ޕަސެންޓުގައި ހުރިއިރު، އަންހެނުންގެ މި ނިސްބަތް ހުރީ 80.2 ޕަސެންޓުގަ އެވެ.

މުޅި ރާއްޖެއަށް ބަލާއިރު ގޭބީސީގެ އެންމެ އިސް މީހާގެ ގޮތުގައި ހަރަކާތްތެރިވަނީ 45 ޕަސެންޓު އަންހެނުން އަދި 55 ޕަސެންޓު ފިރިހެނުންނެވެ. މާލެ އަދި އަތޮޅުތަކަށް ބަލާނަމަ މި ނިސްބަތް ތަފާތެވެ.

ގޭބީސީގެ އިސްމީހާ

މުޅި ރާއްޖެ

  • އަންހެނުން - 45 ޕަސެންޓު
  • ފިރިހެނުން - 55 ޕަސެންޓު

މާލެ

  • އަންހެނުން - 40 ޕަސެންޓު
  • ފިރިހެނުން - 60 ޕަސެންޓު

އަތޮޅުތަކުގެ އިދާރީ ރަށްތަށް

  • އަންހެނުން - 50 އިންސައްތަ
  • ފިރިހެނުން - 50 އިންސައްތަ

ދަރިމައިވާ ރޭޓު އެންމެ މަތީ އަތޮޅުތަކުގެ ތެރޭގައި ޏ.، ފ.، ކ. އަތޮޅު ހިމެނެ އެވެ. އަދި މި ރޭޓު އެންމެ ދަށީ ނ. އަދި ދ. އަތޮޅުގަ އެވެ.

އެވަރެޖްކޮށް ދިވެހި އަންހެނަކު އެމީހެއްގެ ދަރިމައިވާ އުމުރުގެ ތެރޭގައި ހޯދާ ދަރިންގެ އަދަދު މިހާރު ހުރީ 1.7 ގަ އެވެ. މިއީ ރިޕްލޭސްމަންޓް ލެވެލްއަށް ވުރެ ދަށް އަދަދެއްކަން ތަފާސްހިސާބުތަކުން ހާމެވެ އެވެ.

މީގެ އިތުރުން ދިވެހި އަންހެނުންގެ މެދުގައި ނުކުޅަދުންތެރިކަން ހުރި މިންވަރު ފިރިހެނުންނަށް ވުރެ މަތިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން އަންހެނުންގެ މެދުގައި ނުކުޅަދުންތެރިކަމުގެ ރޭޓު 7.8 ގައި ހުރި އިރު، ފިރިހެނުންގެ މެދުގައި މި ރޭޓު ހުރީ 6.1 ޕަސެންޓުގަ އެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުންގެ ނުކުޅަދުންތެރިކަން ހުރީ ހިނގާބިނގާވެ އުޅުމުގަ އެވެ. އަދި އަންހެނުންނަށް ހިނގާބިނގާވެ އުޅުމުގެ ދަތިކަން ހުރި މިންވަރު އިތުރުކަން ތަފާސްހިސާބުތަކުން ހާމަވެ އެވެ.

ރާއްޖޭގެ ޖުމުލަ އާބާދީއަކީ 515،132 އެވެ. އޭގެ ތެރޭގައި ހިމެނެނީ 188،077 ދިވެހި އަންހެނުންނާއި 194،562 ދިވެހި ފިރިހެނުންގެ އިތުރުން، 15،061 ބިދޭސީ އަންހެނުން އަދި 117،432 ބިދޭސީ ފިރިހެނުންނެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން ދިވެހި އާބާދީގެ ކޮންމެ 100 އަންހެނަކަށް 103 ފިރިހެނުން ތިބެ އެވެ.