Advertisement

ހޮންޑިއުރަސްގެ ކުރީގެ ރައީސް އެމެރިކާއަށް ޑްރަގާއި ހަތިޔާރު އެތެރެކުރަން އުޅުނުކަން ސާބިތުވެއްޖެ

9 މާރިޗު 2024 - 07:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޮންޑިއުރަސްގެ ކުރީގެ ރައީސް ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިޔުން -- ފޮޓޯ: ރޮއިޓާސް


ހޮންޑިއުރަސްގެ ކުރީގެ ރައީސް އެމެރިކާއަށް ޑްރަގާއި ހަތިޔާރު އެތެރެކުރަން އުޅުނުކަން ސާބިތުވެއްޖެ

9 މާރިޗު 2024 - 07:23 0

ހޮންޑިއުރަސްގެ ކުރީގެ ރައީސް އޮލާންޑޯ ހެނާންޑޭޒް އެމެރިކާއަށް މަސްތުވަތަކެތެއްޗާއި ހަތިޔާރު އެތެރެކުރަން އުޅުނުކަން ހުކުރު ދުވަހު ބޭއްވި އަޑުއެހުމުގައި ސާބިތުވެއްޖެ އެވެ.

އެމެރިކާގެ ފެޑެރަލް ކޯޓުން ބުނީ ހެނާންޑޭޒް, އެމެރިކާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންގެ އިތުރުން މެޝިން ގަން ހިމެނޭހެން ނުރައްކާތެރި ހަތިޔާރު އެތެރެ ކުރުމަށް އުޅުނުކަން ސާބިތުވާ ކަމަށެވެ.

އުމުރުން 55 އަހަރުގެ ހެނާންޑޭޒްގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރެ އެވެ. ނަމަވެސް ކުށް ސާބިތުވެފައިވާތީ، އޭނާއަށް 40 އަހަރުގެ ހުކުމެއް އިއްވާނެ ކަމަށް ބެލެވެ އެވެ.

ހޮންޑިއުރަސްގެ ރައީސްކަން 2014 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވި ހެނާންޑޭޒް ވަނީ ދެ ދައުރު ރައީސްކަން ކުރައްވާފަ އެވެ.

ހެނާންޑޭޒްގެ މައްޗަށް އެމެރިކާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހައްޔަރުކުރީ އޭނާގެ ދެވަނަ ދައުރު ނިމުނުތާ މާގިނަ ދުވަހެއް ނުވަނީސް ހޮންޑިއުރަސްއިން 2022 ވަނަ އަހަރު އެވެ. އެއަށް ފަހު ދެ މަސް ފަހުން އޭނާއެމެރިކާއަށް ފޮނުވާލައިފަ އެވެ.

ޕްރޮސިކިއުޓަރުން ބުނި ގޮތުގައި ހެނާންޑޭޒް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް، މަސްތުވާތަކެތި ޓްރެފިކު ކުރާ ދުނިޔޭގެ އެކި ޑްރަގު ލޯޑުންނާއެކު އެތައް ޓަނެއްގެ ކޮކެއިން އެމެރިކާއަށް އެތެރެ ކުރުމަށް މަގުފަހި ކޮށްދީފައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނު ތަންފީޒުކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަތުމަށް ފަހު ހެނާންޑޭޒް ހޮންޑިއުރަސް ހިންގީ ނާކޯ-ސްޓޭޓެއްގެ ގޮތުގައި ކަމަށް ޕްރޮސިކއުޓަރުން ބުނެ އެވެ.

އެމެރިކާއާއެކު ކުރިން ގާތް ގުޅުމެއް ބޭއްވި ހެނާންޑޭޒްގެ ވެރިކަމުގެ ދައުރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއިން 50 މިލިއަން ޑޮލަރުގެ އެހީ ދިނެވެ. އަދި އެމެރިކާއާއެކު ބާއްވާ ގާތް ގުޅުމަށް 2019 ވަނަ އަހަރު އޭރު އެމެރިކާގެ ރައީސް ނޮލަޑް ޓްރަމްޕު ޝުކުރު އަދާކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ނައްތާލުމަށް އެމެރިކާއިން ވެދޭ އެހީތެރިކަމާއި އެއްބާރުލުމަށް އޭރު ހޮސްޑިއުރަސްގެ ރައީސް ހެނާންޑޭޒް ވަނީ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.