8 މާރިޗު 2024 - 17:51 2
އަހުމަދު އާއިދު
ތުރުކީ އަސްކަރިއްޔާއިން ބޭނުންކުރާ ބައިރަކުތާރު ޓީބީ2 އަސްކަރީ ޑްރޯނެއް: މި ޑްރޯންތަކުގައި ސަވައިލެންސާއި ހަމަލާ ދިނުމުގެ ގާބިލިއްޔަތު ހުރޭ -- ފޮޓޯ:އޭއެފްޕީ
8 މާރިޗު 2024 - 17:51 2
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު މި ސަރުކާރުން ވީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯންތަކެއް ގެނެސްފި އެވެ.
މި މަސައްކަތުގައި ޝާމިލުވާ ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ތުރުކީގެ މި ޑްރޯންތައް ގެނެސްފައިވަނީ މި މަހުގެ ތިނެއްގަ އެވެ. އެ އުޅަނދުތައް މިހާރު ހުރީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
ނަމަވެސް އެއްބަސްވުމުގެ ދަށުން ތުރުކީއިން ރާއްޖެއަށް ގެނެސްފައިވާ ޑްރޯންތަކުގެ އަދަދު މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ. ސަރުކާރުގެ އޮފިޝަލު ބުނި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަންނަ ހަފުތާގެ ތެރޭގައި މި ޑްރޯންތަކުގެ އޮޕަރޭޝަން ފެށުމަށެވެ.
މިކަމާ ގުޅިގެން މިހާތަނަށް ސަރުކާރުގެ ރަސްމީ އެއްވެސް ކޮމަންޓެއް ލިބިފައެއް ނުވެ އެވެ.
ތުރުކީއިން ޑްރޯންތައް ހިފައިގްނެ މާފަރަށް އައި އުޅަނދު - ފޮޓޯ: ސޯޝަލް މީޑިއާ
ޑިފެންސް މިނިސްޓްރީން ބުދަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގެ ތެރެއިން މިފަދަ ޑްރޯންތައް އޮޕަރޭޓުކުރުމުގެ ގާބިލުކަން ރާއްޖޭގެ އަސްކަރިއްޔާގައި ހުރިތޯ "އަދަދު" ސުވާލުކުރުމުން، އެ މިނިސްޓްރީގެ އޮފިޝަލު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އަސްކަރިއްޔާގެ ގާބިލުކަން ވަރުގަަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެކި ގޮތްގޮތުން މަތިންދާ ބޯޓު ޓްރެކް ކޮށް ސޯޝަލް މީޑިއާގައި އެ މައުލޫމާތު ހިއްސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ޑްރޯންތައް ހިފައިގެން ރާއްޖެ އައިސްފައިވަނީ ކިރްގިސްތާނުގެ 'ފްލައި ސްކައި އެއާލައިންސް' ގެ އުޅަނދެކެވެ.
އެ އުޅަނދު ތުރުކީގެ ތެކިރްދާއިން ފުރައިގެން މާފަރަށް ދަތުރުކޮށްފައިވާކަން ފްލައިޓް ރާޑަރު ގެ ވެބްސައިޓުން ދައްކަ އެވެ. ތެކިރްދާ އަކީ ތުރުކީގެ އެންމެ މަޝްއޫރު ޑްރޯން އުފައްދާ އެއް ކުންފުނި ކަމަށްވާ ބައިކާރު ބައިރަކްތާރު ކުންފުނީގެ ޑްރޯންތައް ޝިޕް ކުރާ މަރުކަޒު ހުންނަ ސިޓީ އެވެ. އެ ކުންފުންޏަކީ ތުރުކީގެ ސަރުކާރާއެކު ގާތުން މަސައްކަތް ކުރާ ކުންފުންޏެކެެވެ.
ސޯޝަލް މީޑިއާ ޕޯސްޓުތައް ބުނާގޮތުން ރާއްޖެއިން ގެނެސްފައިވަނީ ބައިކާރުގެ ޓީބީ2 ޑްރޯންތަކަކާއި އެ ޑްރޯންތަކަށް ބޭނުންވާ ވަސީލަތްތަކެކެވެ.
ބައިކާރު ކުންފުނިން އުފައްދާ ޑްރޯންތަކުގެ ތެރެއިން އަސްކަރިއްޔާތަކުގެ މެދުގައި އެންމެ މަގުބޫލު ޑްރޯނަކީ ބައިރަކުތާރު ޓީބީ2 ޑްރޯންތަކެވެ. މިއީ ހަނގުރާމައިގެ މައިދާނުގައި އަމަލީ ގޮތުން ބައިވެރިވެ، ގާބިލިއްޔަތު ކަށަވަރުވެފައިވާ ޑްރޯންތަކެކެވެ. މި ބާވަތުގެ ޑްރޯންތަކަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން އަސްކަރިއްޔާއިން މި ޑްރޯންތައް ބޭނުންކޮށްގެން ރަޝިއާ އަސްކަރިއްޔާގެ ގާފިލާތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާތީ އެވެ.
އަސްކަރިއްޔާ އާއި ޑިފެންސު މައުލޫމާތުތައް ހިއްސާކުރާ ވެބްސައިޓުތަކާއި ނޫސްތަކުން އެނގޭ ގޮތުގައި ތުރުކީން އުފައްދާ ޑްރޯންތަކުގެ އެންމެ މަތީގައި ގިންތިކުރަނީ ބައިރަކުތާރު ޓީބީ2 ޑްރޯންތަކެވެ. ތުރުކީގެ މި ޑްރޯނަށް ޑިމާންޑު ބޮޑެވެ. ސަބަބަކީ މި ޑްރޯނުގެ ކޮލިޓީއަށް އިތުބާރު ލިބިފައި އަގު ހެޔޮ ވުމެވެ. މީގެ ޑްރޯނެއްގެ އަގު އުޅޭނީ ފަސް މިލިއަން ޑޮލަރަށެވެ. ކޮންޓްރޯލް ސްޓޭޝަނެއްގެ އަގަކީ ވެސް ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރެވެ.
މި ޑްރޯންތައް 31 ގައުމެއްގެ އަސްކަރިއްޔާއިން އަންނަނީ ބޭނުންކުރަމުންނެވެ.
ލިތުއޭނިއާގެ އެއާ ފޯސްގައި ބޭނުންކުރާ ބައިރަކުތާރު ޓީބީ2 ޑްރޯނެއް: މީގެ ޑްރޯނެއްގެ އަގަކީ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު -- ފޮޓޯ:އޭއެފްޕީ
ރާއްޖެއިން ސާވައިލޭންސް ޑްރޯންތަކެއް ހޯދަން އުޅޭ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެމަނިކުފާނު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެވެ.
އެ ދުވަހު ރައީސް ރައީސް މުއިއްޒު އިންޑިއާއަށް ދޫކޮށްލެއްވި ބަހުގެ ހަމަލާތަކުގައި ވިދާޅުވީ ރާއްޖެއަކީ، ކަނޑުގެ ސަރަހައްދާއެކު ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ގައުމެއް ކަމަށާއި މި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް، އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ރާއްޖެ ވާނެ ކަމަށެވެ.
އެއަށްފަހު އަންނަ މަހު އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެބްރުއަރީ 28، ގައި ނ. މަނަދޫގައި ހުންނަވާ ރައީސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން މާޗު މަހު ގާއިމުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި ރައީސް އެދުވަހު ވިދާޅުވީ މި ޑްރޯންތަކުގެ ވާހަކަ އެވެ.
މި އަހަރުގެ ކުރީކޮޅު ރައީސް އޮފީހުން ވަނީ ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރަން ރާއްޖެއަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އިމްޕޯޓު ޑިއުޓީ މާފުކުރުމުގެ އުސޫލު ވެސް އިސްލާހުކޮށްފަ އެވެ. ބެލެވެނީ މިއީ ޑްރޯން ގަތުމުގެ އެއްބަސްވުމަށް ފަހިކުރުމުގެ ގޮތުން އުސޫލަށް ގެނައި އިސްލާހެއް ކަމަށެވެ.
އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް މިދަނީ ހޯދަމުން: ޑިފެންސް
ސަރުކާރުން ދަނީ 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ތުރުކީ ކުންފުންޏަކުން އަސްކަރިއްޔާއަށް ޑްރޯން ހޯދުމަށް މަސައްކަތް ކުރަމުން.
އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް މިދަނީ ހޯދަމުން: ޑިފެންސް
ސަރުކާރުން ދަނީ 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ތުރުކީ ކުންފުންޏަކުން އަސްކަރިއްޔާއަށް ޑްރޯން ހޯދުމަށް މަސައްކަތް ކުރަމުން.
އެމްއެންޑީއެފަށް ފުރަތަމަ ފަހަރަށް މިފަދަ އަސްކަރީ ޑްރޯންތަކެއް ހޯދާއިރު، މި މުއާމަލާތުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން މި ނޫހުން ވާނީ 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ތުރުކީ ކުންފުންޏަކުން އަސްކަރިއްޔާއަށް ޑްރޯން ގެންނަން އެއްބަސްވުމެއް ހެދި ކަމަށް ރިޕޯޓުކޮށްފަ އެވެ.
ޖެހިގެން އައި ދުވަހު ޑިފެންސް މިނިސްޓްރީން ވަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއުކޮށް ރައްކާތެރިކުރުމަށާއި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ "ޕްލެޓްފޯމްތަކާއި ވަސީލަތްތައް" އެމްއެންޑީއެފްއަށް ހޯދަމުން އަންނަ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
އެ މިނިސްޓްރީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޑްރޯން އެއްބަސްވުމުގެ ތަފުސީލު ހޯދުމަށް ވަނީ ދެކޮޅު ހަދާފަ އެވެ. އޭގެ ތަފުސީލު ހޯދުމަށް ފޮރިން މިނިސްޓްރީއާ މުއާމަލާތް ކުރުމަށް އެދުނު ނަމަވެސް އެ ވުޒާރާއިންވެސް މިހާތަނަށް ބަހެއް ލިބިފައެއް ނެތެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އިންދަ މޯނިންގ
about 1 year ago
ދެން ތިޔައިގެ އެއްޗެއް ކައިރި ޤައުމަކުން ކަޓުވާ ނުލައިފިއްޔާވާ ރަނގަޅު، ބަޔަކު މެދުވެރިކޮށް.
ޔަހުޔާ
about 1 year ago
ވަރަށް އުފާވެރި ޚަބަރެއް. ދިވެހި ރާއްޖޭގެ އަމިއްލަ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލިއްޔަތުކަން ދިވެހި އަސްކަރިއްޔާއިން ކަށަވަރު ކުރަން ޖެހޭ! އެކަން ވެގެން ދާ ވާހަކަ އަޑު އިވުމަކީ ދިވެއްސަކުވިއްޔާ ފަޚުރުވެރި ވާނެ ކަމެއް. އާއިދު އުފަލެއް ނުވޭތަ؟
Comment