Advertisement

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުގެ މަގާމު ހޯދީ ސާއިދު އާއި ފަސޫހާ އަށް

8 މާރިޗު 2024 - 21:45 0

މޮޅު އެތުލީޓުގެ މަގާމު ހޯދި ސާއިދު (ވ) އާއި ފަސޫހާ.--- ފޮޓޯ: ގާފު ސްޕޯޓްސް


އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުގެ މަގާމު ހޯދީ ސާއިދު އާއި ފަސޫހާ އަށް

8 މާރިޗު 2024 - 21:45 0

މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ، ފަސޫހާ އަހުމަދު ހޯދައިފި އެވެ.

ސާއިދު ވަނީ، މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ، 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ އިތުރުން، 4 ގުނަ 100 މީޓަރު ދުވުމުން ހޯދި މެޑަލްތަކެވެ.

ސާއިދު، 200 މީޓަރު ރޭހުގެ ފައިނަލް އެއް ވަނައިގައި ނިންމާލީ، 22.05 ސިކުންތުންނެވެ. ދެ ވަނައިގައި ނިންމި އަހުމަދު ނަޖުދާން އަބްދުﷲ ގެ ޓައިމިން އަކީ، 22.22 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އިބްރާހިމް ނާހިލް ނިޒާރު ވަނީ 22.69 އިން ރޭސް ނިންމައިފަ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ރޭހެއްގެ ތެރެއިން ސާއިދު ދުވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ސަތޭކަ މީޓަރު ރޭހުގައި، ސާއިދު އެއް ވަނަ ހޯދީ، 10.65 ސިކުންތުން ދުވެގެންނެވެ. ދެ ވަނަ އަށް ދިޔަ ނަޖުދާން، 10.94 އިން ރޭސް ނިންމިއިރު، ތިން ވަނަ ހޯދި ނާހިލްގެ ޓައިމިން އަކީ، 11.06 ސިކުންތެވެ.

ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި، ސާއިދު ހިމެނޭ ދިވެހި ސިފައިންގެ ކްލަބުން އެއް ވަނަ ހޯދީ، 43.47 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސް އަށް ލިބުނީ، 45.30 ސިކުންތެވެ. އަދި ތިން ވަނަ ހޯދި ޝަރީފް ސްޕޯޓްސްގެ ޓައިމިން އަކީ، 46.42 ސިކުންތެވެ.

ފަސޫހާގެ ކާމިޔާބީ އަށް އިތުރު ބޮޅެއް

ފަސޫހާ މި ވަނީ ގައުމީ ލެވަލްގައި ޖެހިޖެހިގެން ދެ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހޯދައިފަ އެވެ. އެ ގޮތުން، މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުރިން، އެންމެ ފަހުން، ބޭއްވި ގައުމީ ގްރޯން ޕްރީގައި ވެސް އެއް ވަނަ އަންހެން އެތުލީޓަކީ، ފަސޫހާ އެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު ފަސޫހާ ހޯދާފައިވަނީ، 800 މީޓަރާއި 1500 މީޓަރު އަދި 5000 މީޓަރު ރޭހުން ރަން މެޑަލް ހޯދައި، ހަތަރެއް ގުނަ 100 މީޓަރުން ލޯ މެޑަލާއި ހަތަރެއް ގުނަ 400 މީޓަރުގެ ރިލޭ އިން ރިހި މެޑަލް ހޯދައިގެންނެވެ.

ފަސޫހާ: ގައުމީ ލެވަލްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ދުވުންތެރިއެއް.


އަންހެނުންގެ 800 މީޓަރު ރޭހުގައި ފަސޫހާގެ ޓައިިމިން އަކީ، 2 މިނިޓް، 22.94 ސިކުންތެވެ. ދެ ވަނައިގައި ނިންމި ޒީކް އަޝްރަފް ރަޝީދުގެ ޓައިމިން އަކީ 2 މިނިޓް، 29.52 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ބިންތި އަހުމަދުގެ ޓައިމިން އަކީ، 2 މިނިޓް 35.42 ސިކުންތެވެ.

ފަސޫހާ، އަންހެނުންގެ 1500 މީޓަރު ރޭސް ކާމިޔާބުކުރީ 5 މިނިޓް، 22.26 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ޒީކްގެ ޓައިމިން އަކީ، 5 މިނިޓް 28.69 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިޝަތުގެ ޓައިމިން އަކީ، 5 މިނިޓް، 30.29 ސިކުންތެވެ. ފަސް ހާސް މީޓަރުގެ ދުވުމުގައި، ފަސޫހާގެ ޓައިމިން އަކީ، 22 މިނިޓް، 23.15 ސިކުންތެވެ. ދެ ވަނައިގައި ނިންމި އައިޝަތު ރޭސް ނިންމީ 22 މިނިޓް، 28.34 ސިކުންތުންނެވެ. އަދި ތިން ވަނައިގައި ނިންމާލި ޒީކްގެ ޓައިމިން އަކީ، 23 މިނިޓް، 07.94 ސިކުންތެވެ.

ޖޫނިއާ ބައިން އެއް ވަނަ އައުހާ އާއި ޔޫނުސް އަށް

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ކެޓަގަރީ ޖޫނިއާ ބައިން އެއް ވަނަ ހޯދި އެތުލީޓުންނަކީ، މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމް އާއި އައިމިނަތު އައުހާ އަބްދުލް ރަހުމާން އެވެ.

އައްޑޫ އެތުލެޓިކްސް ޓީމުގެ ޔޫނުސް ވަނީ، 400 މީޓަރުގެ ދުވުމާއި، 80 މީޓަރުގެ ހާޑްލްސް އިން ރަން މެޑަލް ހޯދުމުގެ އިތުރުން ޓްރިޕްލް ޖަމްޕް ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ. ޔޫނުސް، 400 މީޓަރު ރޭސް ނިންމީ، 57.80 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ، މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ލުޖެއިން ހަސަން އަކްމަލްގެ ޓައިމިން އަކީ، 59.37 ސިކުންތުންނެވެ. ތިން ވަނަ ހޯދި، އިމާދުއްދީން ސްކޫލްގެ މުހައްމަދު ޔޫނުސް ހުސްނީގެ ޓައިމިން އަކީ، 1 މިނިޓް، 01.39 ސިކުންތެވެ.

ޝަރީފް ސްޕޯޓްސް ޓީމުގެ އައުހާ ވަނީ ޖުމްލަ އެކު، މި އުމުރުފުރާގައި ފަސް މެޑަލް ހޯދައިފަ އެވެ. އެއީ، ތިން ރަން މެޑަލާއި ދެ ލޯ މެޑަލް އެވެ. ރަން މެޑަލް ހޯދީ، 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕް އިންނެވެ. އަދި މެޑްލީ ރިލޭ އާއި ހަތަރެއް ގުނަ 100 މީޓަރު ރޭހުން ލޯ މެޑަލް ހާސިލްކުރި އެވެ.

އައުހާ ވަނީ، 100 މީޓަރު ދުވުމުގައި، 13.49 ސިކުންތުން ރޭސް ނިންމައިފަ އެވެ. ދެ ވަނަ ހޯދި ޝަރީފް ސްޕޯޓްސްގެ އާނީ ހުސެއިން އަހުމަދުގެ ޓައިމިން އަކީ، 14.37 ސިކުންތެވެ. އަދި ތިން ވަނަ ހޯދި ނަސީރު ސްޕޯޓްސް ކްލަބްގެ ހައްވާ އައިރީން ދިލްޝާންގެ ޓައިމިން އަކީ، 14.43 ސިކުންތެެވެ. މި އުމުރުފުރާގެ 200 މީޓަރުގެ ރޭހުގެ އެއް ވަނަ، އައުހާ ހޯދީ، 28.21 އިން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ، އައްޑޫ އެތުލެޓިކްސްގެ އުޔޫން އަހުމަދު ނަދީމް ރޭސް ނިންމީ، 28.74 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި، އިމާދުއްދީން ސްކޫލްގެ އަމަތުﷲ ބިންތި ޔާމީން ރޭސް ނިންމީ، 29.83 ސިކުންތުންނެވެ.

ލޯންގް ޖަމްޕް އިން އައުހާ މެޑަލް ހޯދީ، 4.42 މީޓަރު ދުރަށް ފުންމައިގެންނެވެ.