Advertisement

އަންހެނުންގެ ހައްގުގައި ތެދުވާނަމަ ތެދުވަންވީ ފަލަސްތީނުގެ އަންހެނުންގެ ހައްގުގައި:އީވާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ


އަންހެނުންގެ ހައްގުގައި ތެދުވާނަމަ ތެދުވަންވީ ފަލަސްތީނުގެ އަންހެނުންގެ ހައްގުގައި:އީވާ

ދުނިޔޭގެ އެހެން ގައުމުތަކުގެ އަންހެނުންނާ އެއްފަދައިން ފަލަސްތީނުގެ އަންހެނުންނަށްވެސް ދިރިއުޅުމާއި ރައްކާތެރިކަމާއި ސިއްހަތާއި ކަރާމާތުގެ ހައްގު ލިބިގެންވާ ކަމަށާއި އިޒްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަށް އެގައުމުގެ އަންހެނުންނާއި އަންހެންކުދިން ވަމުންދާން ދޫކޮށްލައިގެން ތިބެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އީވާ ނެރުއްވި ބަޔާނެއްގައި މިއަހަރު އަންހެނުންގެ ދުވަސް ހާއްސަކުރެއްވީ ފަލަސްތީނުގެ އަންހެނުންނާއި އަންހެން ކުދިންނަށެވެ.

އީވާގެ ބަޔާނުގައި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގެ އަންހެނުންނާ އެއްވަރަކަށް ފަލަސްތީނުގެ އަންހެނުންނަށްވެސް ހައްގުތަކެއް ލިބިގެންވާ ކަމަށާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ޖިންސީ އަނިޔާ ހިމެނޭ ގޮތަށް އަނިޔާވެރިކަމާއި ނުބައި ނުލަފާ ދަށުދަރަޖައިގެ އަމަލުތަކުން ރައްކާތެރިވުމުގެ ހައްގުވެސް އެމީހުންނަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް ފަލަސްތީނުގައި އިސްރާއީލުން ހިންގާ އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށާއި، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާވެސް ހިލާފުކަންތައް ކަމަށެވެ. އަދި އެ ޖަރީމާތަކަށް އިސްރާއީލުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވި އެެވެ.

އީވާ ވިދާޅުވީ ފަަލަސްތީނުގެ ތަކުލީފުތައް ނިމުމަކަށް ގެނައުމުގެ ބާރާއި ވަސީލަތްތައް ބައިނަލްއަގުވާމީ މުޖުތަމައަށް ލިބިފައިވާއިރު އެ ތަކުލީފުތައް ވަގުތުން ނިމުމަކަށް ގެނައުމަށް ދެގުނަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަންހެނުންގެ ދުވަހާއި މިފަދަ ކޮންމެ ދުވަހެއްގެ ބޭނުން ހިފައިގެން ދުނިޔޭގެ ސަމާލުކަން ފަލަސްތީނުގެ ހާލަތަށް ދަމައިގަންނަންޖެހޭ ކަމަށާއި ދުނިޔޭގެ ސަމާލުކަން ކަމަކަށް ދޭންޖެހޭ ނަމަ އެންމެ ބޮޑަށް ދޭންޖެހޭނީ އެގައުމުގެ އަންހެނުންނާއި އަންހެން ކުދިންނަށް ކަމަށްވެސް ވިދާޅުވި އެވެ.

އަދި އަޅުގަނޑުމެން އަންހެނުންގެ ހައްގުތަކާއި ސަލާމަތަށް ތެދުވާނަމަ ތެދުވާންވީ ފަލަސްތީނުގެ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާއި ރައްކާތެރިކަމަށް އޭނާ ވިދާޅުވި އެވެ.