Advertisement

'ފިރިހެނުންގެ ރާއްޖޭގައި' ތަފާތު ދެއްކި 'ފުރަތަމަ' އަންހެނުން!

8 މާރިޗު 2024 - 07:18 6

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


'ފިރިހެނުންގެ ރާއްޖޭގައި' ތަފާތު ދެއްކި 'ފުރަތަމަ' އަންހެނުން!

8 މާރިޗު 2024 - 07:18 6

ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް ކަން ހިނގަމުން އައީ އެހެންނެވެ. އިންސާނުންގެ ދެ ޖިންސުގެ ތެރެއިން އަންހެން ޖިންސަކީ ބައެއް ކަހަލަ އިންސާނީ ހައްގުތަކަށް ޝަރުތު ހަމަނުވާ ބައެއް ކަމުގައި އޮތީ ގަބޫލުކުރެވިފަ އެވެ. އިންސާނަކަށް ވީތީ ލިބެންޖެހޭ ހައްގެއް ކަމަށް ގަބޫލުކުރާ ހައްގުތައް ވެސް އަންހެނުންނަށް ހިފަހެއްޓިފައި އޮތުމަކީ އާންމު އާދައިގެ ކަމެކެވެ. އެއްވެސް ޒަމާނެއްގައި އެކަން އެހެން އޮންނަންޖެހުނު ސަބަބެއް ނޭނގެ އެވެ. އަންހެނުންނަކީ ދެވަނަ ދަރަޖައިގެ އިންސާނުންކަމަށް އިންސާނުންގެ މެދުގައި އޮތް އެ އާންމު ގަބޫލުކުރުމަށް އަންހެނުންވެސް ތިބީ ރުހިގެންނެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު، ގިނަ ހައްގުތަކެއް ގާނޫނުތަކުން އަންހެނުންނަށް ފަހިވެފައި އޮތެއް ކަމަކު، އެ ހައްގުތައް ހަގީގީ މާނައިގައި ތަންފީޒުކުރެވޭނީ އާންމު ގަބޫލުކުރުންތަކަށް ބަދަލެއް އައިސްގެންނެވެ. ގާނޫނުތައް ފަރުމާކުރެވިފައިވާ ގޮތުން، ރާއްޖޭގެ އެންމެ މަތީ ވަލީއާ ވެސް އަންހެނަކަށް ހަވާލުވެވިދާނެ އެވެ. އެ ޖަގާ ގާނޫނުތަކުން ލިބެ އެވެ. އެހެންނަމަވެސް އެއީ މިއަދު ހާލަތަށް ބަލާއިރު، ދުރު މުސްތަގުބަލެއްގައިވެސް ވެދާނޭކަމަށް ތަސައްވުރު ކުރެވޭ ކަމެއް ނޫނެވެ. އަންހެނަކަށް އެފަދަ ކަމެއް ނުކުރެވޭނޭކަމަށް ދެކޭ ވިސްނުމަކީ އަދިވެސް މޫލައި ހަރުލާފައި އޮތް އާންމު ގަބޫލުކުރުމެވެ.

މި ވިސްނުން ބަދަލުވާނީ ލައްކަ ޒަމާނުންނެވެ. އެކަމަށް ލައްކަ މަސައްކަތް އަދި ކުރާން އެބައޮތެވެ. ގަބޫލުކުރަންޖެހޭ ކަމަކީ، ގާނޫނުތަކުން އަންހެނުންނަށް މިދެމުންދާ ހައްގުތަކަކީ، މުޖުތަމައުގެ އާންމު ވިސްނުމުގައި ފޮރުވިފައި އޮތް 'ފިރިހެނުން އިސްވުމުގެ' ވިސްނުމާ ހިލާފަށް ދެމުންދާ ހައްގުތަކެއް ކަމެވެ. ދުލުން ބުނެ ފައުޅުކުރަން ނުކެރިގެން އުޅޭ އެ ހިޔާލު، ހަމަ އެގޮތުގައި އަދިވެސް އެބައޮތެވެ. އެހެންވީމާ، ހިތާ ދެކޮޅަށް ގާނޫނުގައި ލިޔާ ހައްގުތައް ހަގީގީ މާނައިގައި ތަންފީޒުވެގެން ދިޔުމުގައި ހުންނާނޭ ގޮންޖެހުންތައް އަދަދު ނުކުރެވޭނެ އެވެ. އެންމެ ބޮޑު މައްސަލައަކީ، އެ ހައްގުތައް ލިބިދެވިފައި އޮތްކަމަށް ދައްކައިގެން ތިބުމެވެ.

ފިރިހެނުންގެ މި ރާއްޖޭގައި، ކުރީ ސަފަށް އަރަން އުޅޭ އަންހެނުންނާއި، ފިރިހެނުންނާ ދެމެދު ހިނގަމުންދާ ހިމޭން ހަނގުރާމައިގެ ތެރެއިން ކާމިޔާބު ހޯދައި، ކުރީ ސަފަށް ޖެހޭ އަންހެނުންގެ ނަން ފާހަގަކޮށް ހައްގު ތައުރީފުން އިންސާފުކުރުމަކީ މި ފާހަގަކުރެވޭ އަންހެނުންގެ ދުވަހަށް ހަމަ އެންމެ މުނާސަބު ކަމެކެވެ. މި ލިޔުމުގައި މި ފާހަގަކުރަނީ، ބައެއް ދާއިރާތަކުން ފާހަގަކުރެވޭ 'ފުރަތަމަ' އަންހެނުންނެވެ. އެ ދާއިރާތަކުން ކުރިއަށް ޖެހި، ގައުމުގެ ކުރީ ސަފަށް އަރައި ތިބި އެތައް އަންހެނުންނަށް ލިބޭ ހަގީގީ ހިތްވަރަކީ މިފަދަ 'ފިސާރި އަންހެނުން' ނެވެ.

މާރަންދޫ ގަނޑުވަރު އާއިޝަތު ދީދީ - ތަގުގީރެއް ދެއްވި އެންމެ ފުރަތަމަ އަންހެނާ

މީހުން އެއްވާ މަޖިލިސް ތަކުގައި ތެދުވެ ބަސް ބުނުމާއި، ގޮތްފާޑު ކިޔުމަކީ އަންހެނުން ކޮށްއުޅޭ ކަމެއް ނޫނެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ނިމުމަކާ ކައިރިއަށް ދިޔައިރު، ރާއްޖެ ތަޖުރިބާ ކުރަމުން ގެންދިޔައީ އެހާތަނަށް ދުވަހަކުވެސް ނުދެކޭ ފަދަ އިލްމީ އޮއެވަރެކެވެ. މަދްރަސަތުއްސަނިއްޔާގެ ހިނގުން ހަރުދަނާކުރެވި، އަންހެނުންނަށް ތައުލީމު ދިނުމުގެ މަސައްކަތް ފުޅާކޮށް ފެށްޓިއްޖެ އެވެ. އަންހެން ގޮފީގެ ކިޔެވުން އޮންނަނީ ރޭގަނޑު އެވެ. ފިރިހެނުންނާ ވަކިންނެވެ.

އޭރު މާރަންދޫ ގަނޑުވަރު ވެފައި އޮތީ ރާއްޖޭގައި ތިއްބެވި އިލްމުވެރިންގެ ބުސްތާނަށެވެ. ހުސައިން ސަލާހުއްދީނާއި، މުހައްމަދު ފަރީދާއި، އަބްދުﷲ ފަހުމީ ދީދީއާއި، އަހުމަދު ކާމިލުދީދީ ފަދަ ބޭފުޅުންގެ އިލްމީ ބަހުސްތައް ކުރެވޭ އެއް ޖަގަހައަކީ މާރަންދޫ ގަނޑުވަރެވެ. މިތަނުގައި ނިންމުނު ނިންމުމަކީ ކޮންމެ ހަނދުމަހެއްގެ އެއްވަނަ ދުވަހާއި ފަނަރަ ވަނަ ދުވަހު، މިއިން ކޮންމެވެސް އެއް ބޭފުޅަކު މަދްރަސަތުއްސަނިއްޔާގެ ދަރިވަރުންނަށް ތަގުރީރެއް ދިނުމެވެ. މިކަން ކާމިޔާބުކަމާއެކު ކުރިއަށް ދިޔަ އެވެ.

މާރަންދޫ ގަނޑުވަރު އާއިޝަތު ދީދީ


މިކަމެއް ހިނގަމުން ދަނިކޮށް، ތަގުރީރެއް ކުރުމަށް އަންހެން ބޭފުޅަކު އިސްކުރުވާންވެއްޖެކަމަށް ފެނިވަޑައިގެން އެ ހިޔާލުފުޅު ފުރަތަމަ ހުށަހެޅުއްވީ ހުސައިން ސަލާހުއްދީނެވެ. މާރަންދޫ ގަނޑުވަރު އާއިޝަތު ދީދީ އޭރު އުޅުއްވަނީ އިންޑިއާގެ ލަކްނޫއިން ކިޔަވާވިދާޅުވެގެން ވަޑައިގެން މާލޭގަ އެވެ. އެކަމަނާއަކީ އަރަބި އަދި އުރުދޫ ބަަހަށް ފަރިތަފުޅު، ފޮތްވިދާޅުވާ އިލްމީ ބޭފުޅެކެވެ. ދެވުނު ދައުވަތު ގަބޫލުކުރައްވައި ސަނިއްޔާގެ ދަރިވަރުންނަށް ތަގުރީރެއް ކުރައްވައިފި އެވެ. ސާޅީސް ފަސް މިނެޓަށް ދެމިގެން ދިޔަ ތަގުރީރަށްފަހު ތިން ހަތް ދުވަސް ވަންދެން މާލެ ތެރޭގައި އެ ވާހަކައިގެ އަޑު ނުކެނޑި އޮތެވެ. އެހައި ޖެހިލުން ކުޑަކޮށް، އަންހެނަކު ކުރީ ސަފަށް ނުކުމެ ތަގުރީރެއް ދެއްވުމުން ބޮޑުވަޒީރުވެސް އެކަން ފާހަގަ ކުރައްވައި އާއިޝަތު ދީދީއަށް ވަރަށް ތައުރީފު ކުރެއްވި އެވެ. 'އެއްވެސް ޖެހިލުމެއް ނެތި ބޮޑެތި އިލްމުވެރި ފިރިހެން ބޭފުޅުންގެ ތެރޭގައި އާއިޝަތު ދީދީ ތަގުރީރެއް ދެއްވައިފި އެވެ. ކެރޭ ހިތްވަރުގަދަ އަންހެނުން ތިބޭނީ އެހެންނެވެ.' ބޮޑު ވަޒީރު ވިދާޅުވީތީ އެއްސެވިކަމަށް އަބްދުލްހަކީމް ހުސައިން މަނިކު ވިދާޅުވެފައި އޮވެ އެވެ.

ކޮންމެއަކަސް މާރަންދޫ ގަނޑުވަރު އާއިޝަތު ދީދީ ވެވަޑައިގަތީ ރާއްޖޭގައި ތަގުރީރެއް ދެއްވި ފުރަތަމަ އަންހެން ބޭފުޅާ ކަމަށެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ މުއުމިނާ ހަލީމް - އެންމެ ފުރަތަމަ އަންހެން ވަޒީރު

ނަރސިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި މުއުމިނާ ހަލީމް، ސްޓާފް ނަރުހެއްގެ ގޮތުގައި ގަވަރމަންޓް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަން ފެށްޓެވީ 1963 ވަނަ އަހަރު އެވެ.

އޭގެ ފަހުން 1975 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބު ކުރެވުނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަންހެން މެންބަރެވެ. އެއީ އައްޔަނު ކުރެވުނު މަގާމެއް ނޫނެވެ. އިންތިހާބުގައި ވާދަ ކުރައްވައި ކެމްޕޭނުކޮށްގެން ހޮވިވަޑައިގަތީ އެވެ. ނަރުހެއްގެ ގޮތުގައި، މާލޭގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާއި، މުއުމިނާގެ ނަމޫނާ އަހުލާގު މާލޭގެ ރައްޔިތުންނަށް ކަމުދިޔައީ އެވެ.

އޭގެ ފަހުން 1977 ވަނަ އަހަރު، ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި އެވެ. ކޮލެރާ ވަބާ ރާއްޖެއަށް ކުރިމަތިވީ މުއުމިނާ ހަލީމް ވަޒީރުކަމުގައި ހުންނެވިއިރު، 1978 ވަނަ އަހަރު އެވެ. އެ ޖީލު އޭގެ ކުރިން ތަޖުރިބާކޮށްފައި ނުވާ އެ ބޮޑު ގޮންޖެހުމުގައި މުއުމިނާ ކުރެއްވި ބުރަ މަސައްކަތުގެ އަސަރަކީ، ރާއްޖެ ފަދަ ވަސީލަތް މަދު ގައުމަކަށް އެފަދަ ކަމަކުން އަރައިގަނެވޭނޭ މުއްދަތަށްވުރެ މާ ކުރު މުއްދަތެއްގައި އެ ވަބާއިން ސަލާމަތް ވެވުމެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ މުއުމިނާ ހަލީމް


"މުއުމިނާ ހަލީމަކީ އަޅުގަނޑުމެންގެ ވަރަށްގިނަ ބައެއްގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެކަމަނާއަކީ، ހޮސްޕިޓަލުގައި ހިދުމަތް ކުރެއްވިއިރުވެސް، ވަރަށް އިހުލާސްތެރިކަމާއެކު ވަޒީފާއަށް ކަމޭހިއްތެވުމާއި، ގަޑިއަށް ފަރުވާބެހެއްޓެވުމުގައި ވަރަށް ރީތި ނަމޫނާއެއް ދެއްކެވި ބޭފުޅެކެވެ. މަޑުމައިތިރި ރިވެތި އަހުލާގެއްގެ ވެރިއެކެވެ. ބަލިމީހުންނަށް އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ހިދުމަތް ކުރެއްވުމަކީ، މުއުމިނާއަށް އަބަދުވެސް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެކެވެ. އެދުވަސްވަރު ރާއްޖޭގެ ހާލަތު ހުރިގޮތުން، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް، އެ ގޮންޖެހުންތަކާ ކުރިމަތިލެއްވީ ވަރަށް ސާބިތުކަމާއި ހިތްވަރާ އެކުގައެވެ." މުއުމިނާގެ ތައުރީފުގައި ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔެފައި ވެއެވެ.

އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ - ރާއްޖޭގެ ފުރަތަމަ އަންހެން ވަކީލު

އެކި ޝަރީއަތްތަކުގައި ވަކީލުން ބޭނުންކުރުމަކީ 'ހެޔޮވެގެންވާ ކަމެއް' ކަމަށް 1932 ވަނަ އަހަރުން ފެށިގެން ގާނޫނުއަސާސީގައި އޮތަސް، އެއީ އާންމުކޮށް ކުރާ ކަމެއް ނޫނެވެ. ނުލާހިކު ހަރަކާތްތެރި ފިރިހެން ވަކީލުންނަށްވެސް އެ ފުރުސަތު ހަނިކޮށް އޮތްއިރު، އޭރުގެ ގޮތުން އަންހެނަކު ތިމަންނާއަކީ ވަކީލެކޭ ބުނެގެން އޭނާގެ އެހީތެރިކަން ހޯދާން ވިސްނާނީ މަދު މީހެކެވެ. ހާލަތު އެހެން އޮތްނަމަވެސް އެކަމަށް ނުކުމެވަޑައިގަންނަވައި އެކަން ބަދަލުކުރެއްވި ފުރަތަމަ ބޭފުޅަކީ މާރިޔާ އަހުމަދު ދީދީ އެވެ.

އަލްއުސްތާޒާ މާރިޔާ އަހުމަދު ދީީދީ ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރެއްވީ 1994 އަހަރު އެވެ. އޭރު ގާނޫނީ ވަކީލުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ފިރިހެނުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެއަތުވެ މިދިޔަ މުއްދަތުގައި 898 އަންހެން ވަކީލުން ރާއްޖޭގެ ޝަރުއީ ދާއިރާގެ އެކި މަސައްކަތްތަކުގައި އެބަ ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ.

މާރިޔާ އަހުމަދު ދީދީ


މާރިޔާ ދީދީ ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައި، ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތްފަހުން، 2008 ވަނަ އަހަރާ ހަމައަށް އެ ހިދުމަތުގައި ދެމި ހުންނެވި އެވެ. އޭގެ ފަހުން އެކަމަނާ ވެވަޑައިގަތީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން އަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން 4 ދައުރު އަދާކުރެއްވި އެވެ. އޭގެ ފަހުން އެކަމާ ވެވަޑައިގަތީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ދިފާއީ ވަޒީރަށެވެ.

މި ހުރިހާ މަގާމުތަކެއް އަދާކުރެއްވިއިރުވެސް އަންހެނުން ކުރިއެރުވުމުގެ ވިސްނުން ބޭއްވީ އެންމެ އުހުގަ އެވެ. ދިފާއީ ވަޒީރުކަން ކުރެއްވި ދުވަސްވަރު ގައުމީ ދިފާއީ ބާރުގެ އެންމެ މަތީ ފަންތީގެ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އޮންނާނެ ގޮތަށް، ހުރިހާ އިންޓާނަލް ކޮމިޓީތަކުގައި މަދުވެގެން އެއް އަންހެން އޮފިސަރަކު އިންނަން ޖެހޭ ގޮތަށް އުސޫލުތައް އެކަށައެޅުއްވި އެވެ.

ސިޔާސީ ބޭފުޅަކަށްވުމުން، މުޖުތަމައުގައި އޮވެދާނޭ ކަފި ވިސްނުމާއެކުވެސް، މާރިޔާ ދީދީއަކީ އަންހެނުންގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވި ނަމޫނާ ބޭފުޅެއް ކަމަށް ދަންނަވަންޖެހެ އެވެ.

ފަނޑިޔާރު އާއިޝާ ޝުޖޫން އަދި ފަނޑިޔާރު އަލްއުސްތާޒާ ހުޒައިފާ މުހައްމަދު - ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން

އަންހެނަކަށް ވަކީލުކަމުގެ ހުއްދަ ލިބޭ ވަރު މިވީ 1994 ގަ އެވެ. ޝަރުއީ ދާއިރާގެ ރަދީފުވެސް އޮތީ އެ ދާއިރާގެ އެއްވެސް މަގާމަކަށް އަންހެނަކަށް ވައިވެސް އެޅޭ ގޮތަކަށް ނޫނެވެ. ތިއްބަވާނީ ނައިބު ބޭކަލުންނެވެ. ގާޒީއެކޭ ބުނެފިނަމަ ކުރެހިގެންދާނީ ފިރިހެނެއްގެ ސޫރަ އެވެ.

ޒަމާނުއްސުރެ ހަރުލައި، މޫލާފައި އޮތް މި ވިސްނުން މުލުން ލުހެ، އަންހެނުންނަށް އެދޮރު ހުޅުއްވައި ދެއްވައި ފުރަތަމަ އަންހެން ފަނޑިޔާރުންނަށް ވެވަޑައިގަތީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒާ އާއިޝާ ޝުޖޫން އާއި، މިހާރު ދިވެހިރާއްޖޭހެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒާ ހުޒައިފާ މުހައްމަދު އެވެ. މި ދެ ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަނުކުރެވުނީ 2007 ވަނަ އަހަރު އެވެ.

ފަނޑިޔާރު އާއިޝާ ޝުޖޫން އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ފަނޑިޔާރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި


ޖުޑިޝަރީއަށް އައި އެ ބޮޑު ބަދަލު އައީ އަޅުގަނޑުމެން އެ ދާއިރާއަށް ނުކުންނާން ތައްޔާރުވަމުންދިޔަ ދުވަސްވަރު އެވެ. އޭރު ބޭބޭފުޅުން ދައްކަވައި އުޅުއްވި ވާހަކަތައް އަޅުގަނޑުވެސް އަޑުއެހީމެވެ. އާޔަތްތަކާއި ހަދީސްތަކުން ދައްކަމުން ގެންދިޔައީ އެކަމަށް ހުރި ހުރަސްތަކެވެ. އެކަން ކުރެއްވީތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެކަމުގެ ސަބަބުން އަމާޒުވި ފާޑުކިޔުންތަކާއި ގޮންޖެހުންތައް ގިނަގުނަ އެވެ. އެހެންކަމަށްވާއިރު އެ މަގާމު ގަބޫލުކުރައްވާ ބޭފުޅަކަށް ކުރިމަތިވެވަޑައިގަންނަވާނޭ ގޮންޖެހުންތައް ވިސްނަވާށެވެ. އޭރު ލައްކަ ގޮތްގޮތަށް ވާހަކަ ދެކެވި، އާދެވުނު ދޭތެރެ ދެމެދުގެ ހައްލަކަށް އާދެވުނެވެ. އެއީ އަންހެނަކަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެވުނަސް ޖިނާއީ ކޯޓުގެ ގާޒީކަން ކުރެވިގެން ނުވާނޭ ކަމެވެ. އެގޮތަށް އެކަން އޮއްވައި، 2020 ވަނަ އަހަރު ކުރިމިނަލް ކޯޓަށް އަލްއުސްތާޒާ ދީބާ ނާޒު ފަހުމީ އައްޔަނުކުރެވުމުން އެ ހުރަސްވެސް ނެތި ދިޔައީ އެވެ.

ފަނޑިޔާރު އާއިޝާ ޝުޖޫން އަދި ފަނޑިޔާރު އަލްއުސްތާޒާ ހުޒައިފާ މުހައްމަދު


ފަނޑިޔާރު އާއިޝާ ޝުޖޫންއަކީ ހަމައެކަނި ފަނޑިޔާރެއް ނޫނެވެ. ރާއްޖޭގެ ފުރަތަމަ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމާއި، ޖުޑީޝަލް އެކެޑަމީއާއި، ޔުނިވާސިޓީގެ ބޯޑު މެންބަރުކަން ކުރެއްވި އެވެ. ޔުނައިޓެޑް ނޭޝަން ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗަރ ގެ ވައިސް ޗެއާޕާސަން ފޮ ޖޫރިސްޕްރޫޑަންސް އަދި ރެޕަޓުއާ ކަމުގެ މަގާމުވެސް އަދާކުރައްވާފައި ވެއެވެ. އަދި މިހާރުވެސް ގެންދަވަނީ އެކޮމިޓީގެ ވައިސް ޗެއާޕާސަން ފޮ ނޭޝަނަލް ޕްރިވެންޓިޓިވް މެކޭނިޒަމްސްގެ މަގާމު ފުރުއްވަމުންނެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގައި މިހާރު އަޅުގަނޑުމެން ހަވާލާދީ އުޅޭ ބޮޑެތި ވަރަށް ގިނަ ނިންމުންތަކުގައި ފަނޑިޔާރު އާއިޝާ ޝުޖޫން ހިމެނޭހެން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ދެ އަންހެން ފަނޑިޔާރުންގެ ނިންމެވުންތައް ހިމެނެ އެވެ.

ފަނޑިޔާރު ހުޒައިފާ މުހައްމަދު ފުރަތަމަ އައްޔަނުކުރެވުނީ ފެމިލީ ކޯޓަށެވެ. އެއީ 2007 ވަނަ އަހަރެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވުނީ 2022 ޖޫން، 27 ވަނަ ދުވަހު އެވެ. ފަނޑިޔާރު ހުޒައިފާ ވަނީ 2005 ވަނަ އަހަރު އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއިން ބެޗިލަރ އޮފް ލޯ ހާސިލުކުރައްވާފަ އެވެ. އަދި 2006 ވަނަ އަހަރު، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯ ހާސިލް ކުރައްވާފައި ވެއެވެ.

އަލްއުސްތާޒާ ހިސާން ހުސައިން - ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފުރަތަމަ އަންހެން ރައީސް

ގާނޫނީ ވަކީލުކަމުގެ ހުވާކުރެއްވުމަށްފަހު، ބަންޑާރަނައިބުގެ އޮފީހުގެ ސްޓޭޓް އެޓާނީއެއްގެ ގޮތުގައި ޝަރުއީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެށްޓެވި ހިސާން ހުސައިން އަކީ މިހާރު ދިވެހިރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސެވެ. މިއީ ރާއްޖޭގައި މި މުއައްސަސާ އުފެދުނު ފަހުން، އަންހެނަކު މި މަގާމު އަދާކުރާ ފުރަތަމަ ފަހަރެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ހިސާން ހުސައިން ޖުޑީޝަލް ސަވިސް ކޮމިޝަންގެ ރައީސަކަށް ވެވަޑައިގެންނެވިއިރު، ޝަރުއީ ދާއިރާގައި ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދެވީ އެންމެ 10 އަންހެނުންނެވެ. އެއީ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރެއްވި ހަތް މެޖިސްޓްރޭޓުންނާއި، ސުޕީރިއާ ކޯޓުތަކުގައި ތިން ގާޒީންނެވެ.

ހިސާން ހުސައިން


މިހާރު ރާއްޖޭގެ އަންހެން ފަނޑިޔާރުންގެ އަދަދަކީ 30 އެވެ. އެއީ 15 މެޖިސްޓްރޭޓުންނާއި، 10 ގާޒީންނާއި، ހައިކޯޓުގެ ތިން ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގައި ދެ ފަނޑިޔާރުންނެވެ. ފާއިތުވެ މި ދިޔަ ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި އަންހެން ފަނޑިޔާރުންގެ ނިސްބަތް 200 އިންސައްތަ އިތުރުވެއްޖެ އެވެ.

ދިވެހިރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރެސީ ތައާރަފްވެ، ހިންގުނު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުން ފެނުނު މަދު އަންހެނުންގެ ތެރޭގައި ހިސާން ހިމެނިވަޑައިގަންނަވަ އެވެ. ސިޔާސީ އަދި މަދަނީ ހައްގުތައް ހިމާޔަތްކުރުމަށް އެތައް ސަތޭކަ މައްސަލައެއްގައި ހިލޭސާބަހަށް ވަކާލާތުކުރައްވާފައި ވެއެވެ.

އަޅުގަނޑު މި ފާހަގަކުރި ކޮންމެ އަންހެނެއްގެ ވެސް ނަން ފާހަގަކުރަން ޖެހެނީ ގޮންޖެހުންތަކުގެ ތެރެއިން އެ ބޭފުޅުން ހާސިލު ކުރި ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުންނެވެ. ގައުމުގެ އިސް ސަފަށް އަންނަ ކޮންމެ އަންހެނަކަށްވެސް، އޭނާއަކީ އަންހެނަކަށް ވީތީ ކުރިމަތިވާ އިތުރު ގޮންޖެހުމެއް ނެތި، އެ ހިސާބަށް އާދެވޭނޭ މަގު ފަހިވާން ޖެހެ އެވެ. އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ ހަގީގީ ބޭނުމަކަށް ވާންވާނީ ގައުމުގެ މިފަދަ މަގާމުތަކަށް އައުމަށްޓަކައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލާނޭ ގޮތަކާމެދު އަޅުގަނޑުމެން މަޝްވަރާ ކޮށް ގޮތެއް ހޯދުމެވެ. ގައުމު ކުރިއަރައި ދާނީ ފިރިހެނުންނަށް އޮތް ފުރުސަތުތައް އަންހެނުންނަށްވެސް ލިބިދީގެންނެވެ. ގާނޫނުން ދޭ ހައްގުގެ އިތުރުން މުޖުތަމައުގެ އާދަކާދައިގެ ތެރެއިން ހުރި ހުރަސްތައް ވެސް ނައްތާލެވިގެންނެވެ.