Advertisement

އަންގާރަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ބުނި 50 މިލިއަން އެއްކޮށް ނުދެވޭ: ޝިޔާމް

7 މާރިޗު 2024 - 13:07 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރޯދަމަހުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްކޮށް ނިންމައިލެވޭނެ ކަމަށް ޝިޔާމް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އަންގާރަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ބުނި 50 މިލިއަން އެއްކޮށް ނުދެވޭ: ޝިޔާމް

7 މާރިޗު 2024 - 13:07 0

މަސްވެރިންނަށް ސަރުކާރުން ނުދީ ހުރި ފައިސާގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ދޭން ބުނި 50 މިލިއަން ރުފިޔާ އެއްކޮށް ދޫކޮށް ނުނިމޭ ކަމަށާއި އެ ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޭން ސަރުކާރުން ނިންމީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށެެވެ.

"އަޅުގަނޑުމެން އޭރު ކޫއްޑޫގައި ކުރިއަށްދިޔަ މުޒާހަރާގައި އަޅުގަނޑުމެން ދެ ޑޭޓެއް ދިނީ، ދެ ޑޭޓެއް ދިންއިރުގައި ދެން ފުރަތަމަ ޑޭޓުގައި ވަކިވަރެއް ވަރެއް، 100 މިލިއަން ރުފިޔާ ފުރަތަމަ ޑޭޓެއް، އެއީ 26 ފެބްރުއަރީ، އެހެންނަމަވެސް 26 ފެބްރުއަރީއަށް ވީއިރުގައި އަޅުގަނޑުމެން 105 މިލިއަން ރުފިޔާ ދެއްކިން 100 މިލިއަންގެ ބަދަލުގައި،" ޝިޔާމް ވިދާޅުވި އެވެ.

ޖެނުއަރީ 14، އާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ 298 ފައިސާ ނުދީ ލަސްވުމުގެ ސަބަބުން މަސްވެރިން ވަނީ މިދިޔަ މަހު ގއ. ކޫއްޑޫގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މައްސަލަ ހައްލު ކުރަން ސަރުކާރުން އޭރު ގޮތް ދެއްކި ވާހަކަތަކުގެ ތެރެއިން ރޯދަަމަހުގެ ކުރިން ދޭން ހުރި ހުރިހާ ފައިސާއެއް އެއްކޮށް ދައްކައި ހަލާސް ކުރާނެ ކަމަށެވެ.

"ދެން 5 މާޗު، އެއީ ދެވަނަ ޕޭމަންޓުގެ ކަނޑައެޅުނު ދުވަސް، ފަސްވަނަ ދުވަހުން ފެށިގެން މިހާރު ފިނޭންސުން ފައިސާ، މިދެންނެވީ މިފްކޯއިން ފައިސާ ދޫކުރުމުގެ މަސައްކަތް ފަށައިފި، ފަސްވަނަ ދުވަހު 50 މިލިއަންގެ ޕޭމަންޓެއް ޑިސްޕާސް ކުރުމުގެ މަސައްކަތް، އަދި ހަމަ އެއާއެކީގައި މިހާރުވެސް އެ މަސައްކަތް އެދަނީ ކުރިއަށް،" ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް މިއޮތް ރަމަޟާން މަހުގެ ކުރިއަށް، އެއްކޮށް ހަމަ، މިހާރު ހުރި ބެކްލޮގް ހަމަ އެއްކޮށް ކުލިއާ ކުރެވޭނެ ކަމަށް، އުއްމީދު ކުރަނީ."

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ މައްސަލައަކީ މަސްވެރިން ވަރަށް ގަދައަށް އަބަދުވެސް ދައްކާ ވާހަކައެކެވެ. މިދިޔަ މަހު، މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެއްވެސް ފައިސާއެއް މަސްވެެރިންނަށް ނުލިބޭ ކަމަށް އެމީހުން ބުނެ އެވެ.