Advertisement

މިފްކޯގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން ޕީސީބީއިން އުވާލައިފި

24 އޭޕްރީލް 2024 - 09:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިފްކޯގެ ސީއީއޯ ޝަމާހު : ޕީސީބީއިން ވަނީ އޭނާގެ ސަސްޕެންޝަން އުވާލާފަ - ފޮޓޯ: މިފްކޯ


މިފްކޯގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން ޕީސީބީއިން އުވާލައިފި

24 އޭޕްރީލް 2024 - 09:53 0

ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އުވާލައިފި އެވެ.

ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18، ގަ އެވެ. އޭރު ދިން މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރި އެވެ. އެފަހަރު އިތުރު ކުރި މުއްދަތު ހަމަވުމާއެކު ޕީސީބީއިން ނިންމާފައިވަނީ ސަސްޕެންޝަން އުވާލާށެވެ.

އެ ބޯޑުން ބުނީ ސަސްޕެންޝަނުގައި ސަމާހު ހުރި މުއްދަތުގައި ކުންފުނީގެ ކަންކަން ހިންގުމަށް އުފެއްދި ކޮމިޓީ ވެސް މިހާރު އުވާލާފައިވާ ކަމަށެވެ. އަދި މިފްކޯގެ ހިންގުމާ ގުޅޭ ހުރިހާ ކަމެއް މިފްކޯގެ ބޯޑު މެދުވެރިކޮށް ގެންދިއުމަށް ޕީސީބީ އިން ސަމާހުއަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝަމާހު ސަސްޕެންޑު ކުރި މުއްދަތު އިތުރުކުރަން ޕީސީބީއިން ނިންމީ އެ އިންކުއަރީގެ އެއްކޮށް ފުރިހަމަ ނުވާތީ އެވެ.

ޝަމާހުއަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގައި ތިއްބަވާ ބައެއް މެމްބަރުން ވަނީ ޝަމާހު ސަސްޕެންޑު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ޕީސީބީއިން ބުނީ އެ ބޯޑުން އަމަލުކުރީ ކޯޕަރޭޓް ގަވަނަންސްގެ މައްސަލަތައް ބަލާ އުސޫލުގެ ދަށުން ކަމަށެވެ.

ޝަމާހު ސަސްޕެންޝަނުގައި ހުއްޓާވެސް މިފްކޯގެ ތެރޭގައި މައްސަލަތަކެއް ފެންމަތިވި އެވެ. އެގޮތުން އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބާ ދިމާކޮށް އެ ކުންފުނީގެ 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ދިން ޕްރޮމޯޝަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއިން ހުއްޓުވާފައި ވަނީ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި މަސައްކަތްކުރާ މިފްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ދިން ޕްރޮމޯޝަން އެވެ.