Advertisement

ސުޕަ މެޖޯރިޓީއާއެކު ފެނިގެން ދިޔައީ ރައީސަށް ރައްޔިތުން ކުރާ ތާއީދާ އިތުބާރާއި އުއްމީދު: ޝިޔާމް

22 އޭޕްރީލް 2024 - 12:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިނިސްޓަރު ޝިޔާމު ރައީސް މުއިއްޒުއާ އެކު: ޝިޔާމު ވިދާޅުވީ އިއްޔެގެ އިންތިހާބުން ފެނުނީ ރައީސަށް ރައްޔިތުން ކުރާ ތާއީދާ އިތުބާރާ އުއްމީދު ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ސުޕަ މެޖޯރިޓީއާއެކު ފެނިގެން ދިޔައީ ރައީސަށް ރައްޔިތުން ކުރާ ތާއީދާ އިތުބާރާއި އުއްމީދު: ޝިޔާމް

22 އޭޕްރީލް 2024 - 12:36 0

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ލިބުނު ސުޕަ މެޖޯރިޓީން ފެނުނީ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރައްޔިތުން ކުރާ ތާއީދާއި އިތުބާރާއި އުއްމީދު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު، ޝިޔާމްގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް މަރުހަބާ ދަންނަވާފަ އެވެ.

ޝިޔާމްގެ ޕޯސްޓުގައި އޭނާ ވަނީ މީގެ ހަތަރު މަސްކުރިން މަޖިލީހުގެ ހަތްދިހައަށްވުރެ ގިނަ ގޮނޑި ސަރުކާރުން ނަގާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި އޮތް ވިދާޅުވުމަކަށް އިޝާރާތް ކުރައްވާ ޝިޔާމް ވަނީ "ހިސާބު ބަރާބަރަށް ދިމާވާ" ކަން ވެސް ފާހަގަކުރައްވާފަ އެވެ.

"މީ ރައީސް ޑރ. މުއިއްޒު އަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް" ޝިޔާމް އިތުރަށް ލިޔުއްވާފައިވެ އެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 70 އަށް ވުރެ ގިނަ ގޮނޑި ލިބުނީ ޕީއެންސީ އާއި ސަރުކާރުގެ ތާއީދާއެކީ ވާދަކުރެއްވި ކެނޑިޑޭޓުންނަށެވެ. ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންގެ އަދަދުން ބެއްޔަސް ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބެ އެވެ.

އަންނަން އޮތް ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރި ކަމަށް ދައްކާއިރު އޭގެ ތެރޭގައި ސަރުކާރުން ތާއީދު ދިން ކެންޑިޑޭޓުން ގިނަ އެވެ.

އިދިކޮޅު އެމްޑީޕީއަށް ލިބުނީ 10 ގޮނޑި ކަމަށް ނަތީޖާއިން މި ވަގުތު ދައްކަ އެވެ. އެމްޑީޕީން މީގެ ކުރިން އާންމުކޮށް ކާމިޔާބުކުރާ އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީން ވެސް އެ ޕާޓީއަށް މެޖޯރިޓީއެއް މި ފަހަރު ނުލިބެ އެެވެ.