Advertisement

"ދަތްދޮޅި ދުއްވާލާ" ވާހަކައަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް: ޑިމޮކްރެޓްސް

7 މާރިޗު 2024 - 11:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޑިކޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު، އަލީ އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


"ދަތްދޮޅި ދުއްވާލާ" ވާހަކައަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް: ޑިމޮކްރެޓްސް

7 މާރިޗު 2024 - 11:51 0

މަޖިލިސް މެންބަރެއްގެ ގޮތުގައި މިއަދު ވެސް ހުންނެވި ނަމަ މަޖިލިސް މެންބަރެއްގެ "ދަތްދޮޅި ދުއްވައި ނުލައި" ހުރެވިދާނެތީ ސުވާލު އުފައްދަވައި ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް އިއްޔެ ދެއްކެވި ވާހަކައަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއްގެ ގޮތުގައި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ސިފަކުރައްވައިފި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ކުންފުންޏެއް ނޫން ކަމަށާއި އެތަނުން އެންމެ މީހަކު ބޭނުންވާހައި ގޮތަކަށް ކަންކަން ނިމިގެން ނުދާނެ ކަމަށާއި އާދަމް ޝަރީފް ދެއްކެވި ވާހަކައިގެ މައްސަލަ ޕާޓީ ލެވެލްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް، އަޅުގަނޑުމެން ފުރަތަމަ ޕާޓީ ލެވެލްގައި ވާހަކަ ދެކެވިފައި އެއަށް ގޮތެއް ނިންމާނީ،" އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ މ. ދިއްގަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށާއި މަޖިލީހުގައި މިއަދު ހުންނެވި ނަމަ މަޖިލިސް މެންބަރެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވެރިކަމުގައި ހުންނަ މީހަކު ޖަވާބުދާރީ ކުރުވުމަށް އޮންނަ ތަނެއް ކަމަށާއި އެކަން ކުރުމުގައި މަޖިލިސް މެންބަރުން ދެމިތިބޭނެ ކަމަށެވެ.

"މިހާރު އެހުރި ރައީސްުލްޖުމްހޫރިއްޔާ އެހުރީ ވަޑައިގެންފައި ރައްޔިތުންނަށް ދޮގާއި މަކަރާ ހަދައިގެން، ވެރިކަމަށް އަންނަ މީހަކު ރައްޔިތުންނަށް މަކަރު ހަދާ ކަމަށްވަންޏާ ދެން ކޮންމެ މީހަކު ވެސް މަކަރު ހަދަމުން ދޮގު ހަދަމުން އަންނާނީ، އެކަން ހުއްޓުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ކަމެއް،" އާޒިމް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ އާޒިމް ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ "ދަތްދޮޅި ދުއްވާނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި އާދަމް ޝަރީފު ވާހަކަ ދެއްކެވީ ރައީސް އައްޔަން ކުރެއްވި ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމުންނާއި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުން އުނި ކުރުމާ ގުޅުވަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިނީ ބަންޑާރަ ނައިބު، އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުއާއި ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަށެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

އެ ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި އާޒިމް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު މަޖިލީހަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށް ކަމަށެވެ. އެހެންވީމާ ވޯޓު ކަރުދާހުގައި ރައްޔިތުން ޖަހާ ހެޔޮ ފާހަގައާ އެއްގޮތަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން މިހާރު ބޭނުން ވަނީ މުއިއްޒު ޖަވާބުދާރީ ކުރުވަން، ދެން އެ ކުރުވާ އިރުގައި ދަތިތަކެއް ހުންނާނެ، ބޭނުންހައި ގޮތަކަށް ކަންކަމެއް ނުވާނެ، މިއީ ކުންފުންޏެއް ނޫން، ހުރިހާ ރައްޔިތުންގެ ތަނެއް، އެހެންވީމާ އެކަކު ބޭނުންވާ ގޮތަކަށް ނުހިންގޭނެ، ހަމަ މެޖޯރިޓީ ބޭނުންވާ ގޮތަށް ކަންކަން ވާންޖެހޭނީ،" އާޒިމް ވިދާޅުވި އެވެ.

އާދަމް ޝަރީފް ދެއްކެވި ވާހަކައާ ގުޅިގެން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީގެ ކެމްޕޭނު ތަރުޖަމާނު، އަހުމަދު އީސާ ވިދާޅުވީ އާދަމް ޝަރީފުގެ ބަސްތަކުން ދޭހަވަނީ ކުރިއަށް އަންނަން އޮތް ދުވަސްތަކުގެ ނާމާންކަން ކަމަށެވެ.