Advertisement

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސާއިދު 200 މީޓަރު ރޭސް ކާމިޔާބުކޮށްފި

7 މާރިޗު 2024 - 10:19 0


އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސާއިދު 200 މީޓަރު ރޭސް ކާމިޔާބުކޮށްފި

7 މާރިޗު 2024 - 10:19 0

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުގެ ރޭހުގެ އެއް ވަނަ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ހޯދައިފި އެވެ.

މިއަދު ހެނދުނު މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސެޝަންގައި، ސާއިދު 200 މީޓަރު ރޭހުގެ ފައިނަލް އެއް ވަނައިގައި ނިންމާލީ، 22.05 ސިކުންތުންނެވެ. ދެ ވަނައިގައި ނިންމި އަހުމަދު ނަޖުދާން އަބްދުﷲ ގެ ޓައިމިން އަކީ، 22.22 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އިބްރާހިމް ނާހިލް ނިޒާރު ވަނީ 22.69 އިން ރޭސް ނިންމައިފަ އެވެ.

އަންހެނުންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދީ، ހައްވާ މުޒްނާ ފާއިދު އެވެ. އޭނާގެ ޓައިމިން އަކީ، 25.81 ސިކުންތެވެ. ދެ ވަނަ ހޯދި އައިޝަތު ޝަބާ ސަލީމް، 27.07 ސިކުންތުން ރޭސް ނިންމިއިރު، ތިން ވަނަ ހޯދި އައިޝަތު ނަ އާދު އައްސަދު ވަޖުދީގެ ޓައިމިން އަކީ، 27.38 ސިކުންތެވެ.

ފަޒީލަށް ދެ ވަނަ މެޑަލް، ޝައިމް ވެސް ފެށީ ރަނގަޅު ޓްރެކުގައި

މިދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ލިބުނީ، ހުސެއިން ފަޒީލް ހާރޫން (ފްލެޝް) އާއި އައިޝަތު ޝައިމް އަޒީޒް އެވެ.

ފަޒީލް ވަނީ އިއްޔެ، ކުރިއަށްދިޔަ 5000 މީޓަރު ދުވުމުގެ ރޭސް ކާމިޔާބުކޮށްފަ އެވެ. އަދި މިއަދު 1500 މީޓަރުގެ ރޭހުގެ އެއް ވަނަ ހޯދި ވެސް ފަޒީލް އެވެ. އެ ގޮތުން، މިއަދު 1500 މީޓަރު ރޭސް، ފަޒީލް ނިންމީ، 4 މިނިޓް 21.53 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ހުސެއިން ރިޒާ (ކުޑަރިޒާ)ގެ ޓައިމިން އަކީ 4 މިނިޓް 24.70 ސިކުންތެވެ. އަދި ތިން ވަނަ ހޯދި ސުހައިލް އަބްދުލް ސަމަދުގެ ޓައިމިން އަކީ 4 މިނިޓް 34.99 ސިކުންތެެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި، އެއް ވަނަ އަންހެން އެތުލީޓުގެ މަގާމު ހޯދި ޝައިމް ވަނީ، އެ މުބާރާތުގައި ހައި ޖަމްޕާއި ލޯންގް ޖަމްޕް އަދި ޖެވެލިން އުކުމުން ރަން މެޑަލް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި މިއަދު ޝައިމް ވަނީ ލޯންގް ޖަމްޕުން އެއް ވަނަ ހޯދައިފަ އެވެ. އެއީ، 5.17 މީޓަރު ދުރަށް ފުންމައިގެންނެވެ. ޝައިމް މިދިޔަ އަހަރު މި އިވެންޓް ކާމިޔާބުކުރީ، 4.95 މީޓަރު ދުރަށް ފުންމައިގެންނެވެ.

ލޯންގް ޖަމްޕުން މި ފަހަރު، ޝައިމް ފަހަތުން ދެ ވަނަ އަށް ދިޔައީ، 4.95 މީޓަރު ދުރަށް ފުންމި ރިފާ މުހައްމަދު އެވެ. ތިން ވަނަ އަށް ދިޔަ އާސިޔަތު އަދްފާ ރަޝީދު ވަނީ 4.76 މީޓަރު ދުރަށް ފުންމައިފަ އެެވެ.

ފިރިހެނުންގެ ލޯންގް ޖަޕްމުން އެއް ވަނަ ހޯދީ ނުޖޫމް ހަަސަން އެވެ. އޭނާ ވަނީ 6.49 މީޓަރު ދުރަށް ފުންމައިފަ އެވެ. ދެ ވަަނަ އަށް ދިޔަ ނާހިލް ވަނީ 6.23 މީޓަރު ދުރަށް ފުއްމައިފަ އެވެ. އަދި ތިން ވަނަ ހޯދި އިބްރާހިމް ރާއިޝް އަބްދުލް އަޒީޒް ވަނީ 6.13 މީޓަރު ދުރަށް ފުއްމައިފަ އެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ދުވުންތެރިޔާ، ފަސޫހާ އަހުމަދު ވަނީ އަންހެނުންގެ 1500 މީޓަރު ރޭސް ކާމިޔާބުކޮށްފަ އެވެ. ގްރޯން ޕްރީގެ މޮޅު އެތުލީޓަކަށް އެންމެ ފަހުން ހޮވުނު ފަސޫހާ، އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 1500 މީޓަރު ރޭހުން އެއް ވަނަ ހޯދީ 5 މިނިޓް، 22.26 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ޒީކް އަޝްރަފް ރަޝީދުގެ ޓައިމިން އަކީ، 5 މިނިޓް 28.69 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ބިންތި އަހުމަދުގެ ޓައިމިން އަކީ، 5 މިނިޓް، 30.29 ސިކުންތެވެ.